އަރަބިއްޔާ ސްކޫލްގެ ދަރިވަރުުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ، އެކަން މަނާކުރުމުން ސްކޫލަށް ދިޔުމުގެ ހައްގުން ކުދިން މަހްރޫމް ކޮށްފައިވާ ކަަމަށް ބުނާ މައްސަލައިގައި ބައެއް ބެލެނިވެރިންގެ ފަރާތުން ވަގުތީ އަމުރެއް ހޯދަން ކޯޓަށް ހުށަހެޅި ދައުވާގައި ސީރިއަސް ނުކުތާއެއް ނެތް ކަމަށް ބުނެ އަމުރެއް ނުދޭން ނިންމައިފިއެވެ.
މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުން ނުވާ އަރަބިއްޔާ ސްކޫލު ކުދިންނަށް، އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭގޮތަށް އޮއްވާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައި ވާ ކަމަށް ބުނެ، އެ ސްކޫލްގެ ބައެއް ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ހުށަހަޅާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިންނެވެ.
މި މައްސަލަ ހުށަހެޅި އިރު، މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ގެޒެޓް ނުކޮށް އާންމު ކޮށްފައިވާ ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދާއި އަދި ސްކޫލްގެ ޔުނިފޯމް ކޯޑުގެ ތެރެއިން ވަނީ ސްކޫލަށް ދިއުމުގެ ހައްގުން އެ ކުދިން މަހްރޫމް ކޮށްފައި ކަަމަށް އެ މައްސަލައި ގައި ބުނެފައި ވެއެވެ. އެހެންކަމުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާ ކުދިންނަށް ހާޒިރު ނުވެވޭނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަން އަދި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެ މައްސަލައިގައި އެދިފައި ވެއެވެ. އަދި އަރަބިއްޔާ ސްކޫލްގެ މޫނު އަޅާ ދަރިވަރުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭތީ މިކަންކަމުގެ ސަބަބުން ކުދިން ތައުލީމުން ދުރުވެ، ކިޔެވުމަށާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ބުރޫ އަރަމުން ދާތީ މިކަމަށް ހައްލެއް ހޯދުމަށްވެސް އެ މައްސަލައިގައި ހިމަނާފައި ވެއެެވެ.
މިކަމާ ގުޅިގެން ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ، ވަގުތީ އަމުރަށް އެދިފައިވާ އިރު، އިޖުރާއީ ކަންކަމުގެ ތެރޭގައި ވަގުތީ އަމުރަކަށް އެދޭ ފޯމުގައި ވަގުތީ އަމުރުގެ ބާވަތް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފޯމާ އެކު ހެކިބަހުގެ ބަޔާން ހުށަހަޅާފައި ނުވާ ކަަމށް ވެސް ދައުލަތުން ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ޝަރީއަތުގައި ހުލާސާ ބަޔާން އިއްވި ދުވަސް ކަމުގައި ވާ އޭޕްރީލް 11 ވަނަ ދުވަހަކީ ވެސް އަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ކުދިން ތައުލީމް ހޯދަން ހާޒިރުވެގެން ތިބި ދުވަހެއްގެ ގޮތުގައި ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަރަބިއްޔާ ސްކޫލަށް ދާ އެއްވެސް ދަރިވަރަކު ސްކޫލަށް ދިއުން މާނާ ކޮށްފައި ނުވާނެ ކަމަށާއި، އަދި އެއިން އެއްވެސް ކުއްޖަކު ކިޔެވުމުން މަރުހޫމް ކޮށްފައި ވެސް ނުވާނެ ކަމަށް ދައުލަތުން ބުނެފައި ވެއެވެ. އެހެންކަމުން ވަގުތީ އަމުރު ނެރެދިނުމަށް އެދުނު ފަރާތަށް ލިބޭނެ ކަމަށް ބުނެފައިވާ އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި އަދި އިޔާދަ ކުރަން ޖެހޭނެ ގެއްލުމެއް ވެސް ނެތް ކަމަށް ދައުލަތުން ބުނެއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އާ ގުޅިގެން އެ ކޯޓުން ބުނީ، ކޯޓު އަމުރެއް ހޯދުމަށް އެދި ހުށަހަޅާފައި ވަނީ ޖުޑީޝަލް ރިވިއުގެ ދައުވާ ހުށަހަޅާ ފޯމް ކަމަށެވެ. އެހެންކަމުން އެ ދައުވާ އަކީ ޖުޑީޝަލް ރިވިއު ދައުވާއެއް ތޯ ނުވަތަ އަސާސީ ހައްގެއް ހިފެހެއްޓުމުގެ ސަބަބުން ކުރާ ދައުވާއެއްތޯ ދައުވާގައި ކަނޑައަޅަން ޖެހޭ ކަމެއް ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އެހެންކަމުން މި މަރުހަލާގައި ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ ދައުވާއަކީ ޝަރީއަތުން އެ މައްޗަށް ގޮތް ކަނޑައަޅަން ޖެހޭ ފަދަ ބުރަދަން ހުރި ސީރިއަސް ނުކުތާއެއް ހިމެނިފައިވާ ދައުވާއެއް ކަމުގައި ބެލެން ނެތް ކަމަށް އެ ކޯޓުން ބުނެއެވެ.
މީގެ އިތުރުން ދައުވާ ފޯމުގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އާ އެކު ސްކޫލަށް ދާތީ ސްކޫލަށް ދިޔުން މަނާކޮށްފައި ވަނީ ކޮން ދަރިވަރުންތަކަކަށް ކަމާއި އެއީ ކޮން ގްރޭޑެއްގައި އުޅޭ ދަރިވަރުންތަކެއް ކަން ވެސް ހާމަކޮށްފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އަދި ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި ވެސް އެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށް އެ ކޯޓުން ބުނެއެވެ. އެހެންކަމުން ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ވެސް ގެއްލިފައިވާ ކަމަށް ކޯޓުން ބުނެއެވެ. އަދި ދައުވާ ކުރި ފަރާތުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ މި މައްސަލައިގެ ޝަރިއަތް ވަނީ ނިންމާލާފައެވެ.