މޫނު ބުރުގާ އަޅައިގެން އުނގެނުމާއި، ވަޒީފާ އަދާކުރުމުގެ ހައްގު ލިބޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޔަގީންކަމަށް ރިއާޔަތްކޮށް، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބެލެނިވެރިން ސިވިލް ކޯޓުގައި ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުގަައި، އަރަބިއްޔާގައި ތައުލީމު ހާސިލް ކުރަމުން ދިޔަ ދަރިވަރުން ތަކެއް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކޮށް، މޫނު އަޅައިގެން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެ ދަރިވަރުންނަށް ގެއްލުވާލުމާ ގުޅިގެން، އެޑިޔުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލާ ދެކޮޅަށް އެ ދަރިވަރުންގެ ބެލެނިވެރީން ވަނީ މައްސަލަ ހުށަހަޅާފައެވެ.

އެ ދަރިވަރުންގެ ބެލެނިވެރިން އެދިފައި ވަނީ ނިގާބު އަޅައިގެން ނޫނީ މުޖުތަމައަށް ނުކުންނަށް ބޭނުން ނުވާ ކުދިންނަށް ނިގާބު އަޅައިގެން ރަސްމީ ތައުލީމު ހޯދޭނެ ފުރުސަތުތަކެއް ގާއިމް ކޮށްދިނުމަށެވެ. އަދި ނިގާބު އަޅައިގެން ސްކޫލަށްދާ ދަރިވަރުންނާމެދު އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުގެންގުޅުމަށް އަމުރުކޮށްދިނުމަށެވެ.

އިއްޔެ ސިވިލްކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ބެލެނިވެރިން ބުނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މޫނު ބުރުގާ އަޅައިގެންވެސް ވަޒީފާ އަދާކުރުމާއި އުނގެނުމުގެ ހަމަހަމަ އިންސާފުވެރި ހައްގު ކޮންމެ ރައްޔިތަކަށް ވެސް ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވާއިރު، ދައުލަތުން ވެސް އެ ޔަގީންކަން އެގޮތުގެ މަތިން ދޭނަމަ، މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މީގެއިތުރުން މޫނު ބުުރުގާ އަޅައިގެން ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް މިހާރު ފަހިވެފައިވާ ކަމަށާއި މޫނު ބުރުގާ އަޅައިގެން ދަރިވަރުން ކިޔަވަން ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީ އަދި އަރަބިއްޔާ ސްކޫލުން މިހާރު އިއުތިރާޒު ނުކުރާކަން ބެލެނިވެރިން ވަނީ ބުނެފައެވެ. އެހެންކަމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ އިތުރަށް ބެލުމުގެ ބޭނުމެއް ނެތްކަމަށް ކަނޑައަޅާފައެވެ.

މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިސްލާމްދީނާއި ހިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދައި، އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.