ނިމިދިޔަ ސަރުކާރުން ނިންމާނެ ކަމަށް ބުނި އަރަބިއްޔާ ސްކޫލް އަޅާނެ އާ ބިމެއް ކަނޑައަޅާ، 'ހަފުތާ 14' ގައި އަމަލީ މަސައްކަތް ފެށުމަށް މި ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ، އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާަފއި ވަނީ ކުރީގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށެމުށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މާލޭގައި ހުރި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ނިމިދިޔަ ސަރުކާރުން އިމާރާތެއް އަޅައި ދޭނެ ކަމަށް ބުނެ، ބާ ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅާލައި އެ މަސައްކަތް ކުރުމަށްހަވާލު ކުރީ އަމީން ކޮންސްޓްރަކްޝަން އާއެވެ. ސެޕްޓެމްބަރު 29، 2022 ގައި ހަވާލު ކުރި މި މަސައްކަތް އެވޯޑްކޮށްފައި ވަނީ 168 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކޮޓްރެކްޓަރަށް އެ މަސައްކަތް ހަވާލު ކުރިތާ 420 ދުވަސް ހަމަވާ ތާރީހަކީ އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު މިއަދާ ހަމައަށް އައި އިރު، ވެސް ކުރިން އެ ތަނުގައި ބާ އިމާރާތް ތަޅާލައި އެތަން ސާފުކުރުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަމަލީ ގޮތުން އަރަބިއްޔާ ސްކޫލް އެޅުމުގެ މަސައްކަތް ނުފަށާ ލަސްވަމުން ދިޔަ ސަބަބެއް ވެސް ނިމިދިޔަ ސަރުކާރުން ހާމަ ކޮށްފައި ނުވާ އިރު، އެ ސްކޫލްގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ސްޕީޑް ލަސްކަމަށް ބުނެ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެކި ފަހަރު މަތިން ވަނީ އަޑުވެސް އުފުލާފައެވެ.

1000 އެއްހާ ދަރިވަރުން ކިޔަވަމުން ދިޔަ އަމީނިއްޔާ ކުރިމަތީގައި ހުރި އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ބަދަލު ކުރީ އެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެތަނުގައި ކުދިންނަށް ކިޔަވައިދިނުމަކީ ރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވި އެތައް ބަޔަކު ސޯޝަލް މިޑިއާގައި އަޑުއުފުލަން ފެށުމުންނެވެ. އެއާއެކު ރައީސް ސޯލިހްގެ ސަރުކާރުން އެ ސްކޫލްގެ ކުދިން ބަދަލު ކުރަން ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ.

އެހެންނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ. އަދި ވަގުތީ ހައްލެއް ހަމަޖައްސައި ދިނުމަށް އޭރު އެ ސްކޫލްގެ ދަރިވަރުން ފޮރިން މިނިސްޓްރީގެ އިމާރާތްތަށް ބަދަލުކުރިއެވެ. އަދި އެއަށް ފަހު މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު އެ ދަރިވަރުންނަށް ވަނީ ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް އަރަބިއޔްާ ދަރިވަރުން ބަދަލުކޮށްފައެވެ.

40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއެކު ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ޖަމާލުއްދީން އެނެކްސް ތަރައްްގީ ކުރާ އިރު އަރަބިއްޔާ ސްކޫލުގައި 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތައް ހަދާނެ ކަމަށް ކުރީ ސަރުކާރުން ބުނެފައި ވެއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދާތީ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އޭރު ވަނީ 2024 ވަނަ އަހަރު އަރަބިއްޔާ އާ އިމާރާތް ނިމި ދަރިވަރުންނަށް ވަދެވޭނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، އާ އިމާރާތެއް ބިނާ ކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އަރަބިއްޔާ ސްކޫލް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 33 މިލިއަން ރުފިޔާ ހިމަނާފައެވެ.