އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަޝްރޫއު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ފެށުމަށް ވައުދުވި ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށޭކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ޖަވާބުން ހާމަވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުން ވަނީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލައި އެ އިމާރާތް ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް، ސެޕްޓެމްބަރު 29، 2022 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. 168 މިލިއަން ރުފިޔާ އަށް ހަވާލުކުރި މަސައްކަތުގެ މުއްދަތު ހަމަވެގެން ދިޔައިރު، ބާ ޖަމާލުއްދީން އިމާރާތް ތަޅާލައި އެ ބިން ސާފުކުރުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައި ނުވެއެވެ.

މި މައްސަލައިގައި އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެކިފަހަރު މަތިން އަޑު އުފުލާފައި ވެއެވެ.

އެހެންވެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ސަރުކާރު ހަވާލުވިތާ ތިން ދުވަސް ފަހުން ރައީސް އޮފީހުން ބުނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން ވެސް އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގޮސްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ އެދުމުގެ މަތިން އަރަބިއްޔާ ސްކޫލް އިމާރާތްކުރާ ތަން މާލޭގެ ރަނގަޅު ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ އިމާރާތް ޒަމާނީ ފެންވަރަކަށް އެޅުމަށްޓަކައި އަމިން ކޮންސްޓްރަކްޝަނާ އެކީ އޭރު މަޝްވަރާކުރެވުނު ކަމަށާއި، ނަމަވެސް ސަރުކާރަށް ލިބުނު އަގު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެން އެ ޕްލޭންކުރި ގޮތަށް މަސައްކަތް ކުރެވުނީސް ރައްޔިތުންގެ ފައިސާއިން 80 މިލިއަން ރުފިޔާ އަގުބޮޑުކޮށް ކުރަން އަޅުގަނޑުމެން ކުރިއަށް ގެންދިޔަނަމަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންސާނީ ހައްގުތަކަށް ބެލިކަމުގައި ވިޔަސް، އަދި އެހެނިހެން ގޮތުން ވެސް އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ގެއްލޭނެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލްގެ މަސައްކަތް ފެށުން ލަސްވެފައިވާތީ ސްކޫލްގެ އިސްވެރިންނަށާއި ބެލެނިވެރިންނަށް އެކަން އަންގަވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.

"އެހެންވީމާ ރައްޔިތުންގެ 80 މިލިއަން ރުފިޔާ ވަރު ސަލާމަތްކުރުމަށްޓަކައި އެ ޑިލޭ އައީ،"