އަރަބިއްޔާ ސްކޫލް އިމާރާތް އަލާން މިދިޔަ އަހަރު ބަޔަކާ ހަވާލުކޮށްފައިވާ އިރު، އެ އެގްރީމަންޓްގައި ބުނާ މުއްދަތު ހަމަވާން ގާތްވެފައިވީ އިރު ވެސް އިމާރާތް ކުރުމުގެ މަސައްކަތް ނުކުރާ ކަން ހާމަވެއްޖެއެވެ.

މާލޭގައި ހުރި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ނިމިދިޔަ ސަރުކާރުން އިމާރާތެއް އަޅައި ދޭނެ ކަމަށް ބުނެ، ބާ ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅާލައި އެ މަސައްކަތް ކުރުމަށް ބަޔަކަށް ހަވާލު ކުރިއެވެ. އެގޮތުން އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު 29، 2022 ގައެވެ. އެ މަސައްކަތް އެވޯޑްކޮށްފައި ވަނީ 168 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކޮޓްރެކްޓަރަށް އެ މަސައްކަތް ހަވާލު ކުރިތާ 420 ދުވަސް ހަމަވާ ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ. މިއަދާ ހަމައަށް އައި އިރު، ވެސް ކުރިން އެ ތަނުގައި ބާ އިމާރާތް ތަޅާލައި އެތަން ސާފުކުރުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަމަލީ ގޮތުން އަރަބިއްޔާ ސްކޫލް އެޅުމުގެ މަސައްކަތް ނުފަށާ ލަސްވަމުން ދިޔަ ސަބަބެއް ވެސް ނިމިދިޔަ ސަރުކާރުން ހާމަ ކޮށްފައި ނުވާ އިރު، އެ ސްކޫލްގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ސްޕީޑް ލަސްކަމަށް ބުނެ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެކި ފަހަރު މަތިން އަޑު އުފުލާފައި ވެއެވެ.

1000 އެއްހާ ދަރިވަރުން ކިޔަވަމުން ދިޔަ އަމީނިއްޔާ ކުރިމަތީގައި ހުރި އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ބަދަލު ކުރީ އެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެތަނުގައި ކުދިންނަށް ކިޔަވައިދިނުމަކީ ރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވި އެތައް ބަޔަކު ސޯޝަލް މިޑިއާގައި އަޑުއުފުލަން ފެށުމުންނެވެ. އެއާއެކު ރައީސް ސޯލިހްގެ ސަރުކާރުން އެ ސްކޫލްގެ ކުދިން ބަދަލު ކުރަން ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ.

އެހެންނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ. އަދި ވަގުތީ ހައްލެއް ހަމަޖައްސައި ދިނުމަށް އޭރު އެ ސްކޫލްގެ ދަރިވަރުން ފޮރިން މިނިސްޓްރީގެ އިމާރާތްތަށް ބަދަލުކުރިއެވެ. އަދި އެއަށް ފަހު މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު އެ ދަރިވަރުންނަށް ވަނީ ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް އަރަބިއޔްާ ދަރިވަރުން ބަދަލުކޮށްފައެވެ.

40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއެކު ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ޖަމާލުއްދީން އެނެކްސް ތަރައްްގީ ކުރާ އިރު އަރަބިއްޔާ ސްކޫލުގައި 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތައް ހަދާނެ ކަމަށް ކުރީ ސަރުކާރުން ބުނެފައި ވެއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދާތީ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އޭރު ވަނީ 2024 ވަނަ އަހަރު އަރަބިއްޔާ އާ އިމާރާތް ނިމި ދަރިވަރުންނަށް ވަދެވޭނެ ކަމަށެވެ.

ނިމި ދިޔަ ރިޔާސީ އިންތިހާބުގެ ކެމެޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިމިދިޔަ ސަރުކާރުން އަރަބިއްޔާ ސްކޫލަށް އިހުމާލުވެފައިވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެމަނިކުފާނަށް ވެރިކަން ލިބިއްޖިއްޔާ މާލެއިން އެ ސްކޫލް އަޅަން ބިން ކަނޑައަޅައި ޒާމާނީ ފެންވަރުގެ ސްކޫލެއް އަލާއި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަރަބިއްޔާ ސްކޫލް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 33 މިލިއަން ރުފިޔާ ހިމަނާފައެވެ.