އަރަބިއްޔާ ސްކޫލްގައި ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދޭން ދިވެހި ޓީޗަރުން ތަމްރީނު ކުރަން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިހާރު ވަރަށް ގިނަ ސްކޫލްތަކުގައި ދިވެހި ޓީޗަރުން އިނގިރޭސި ބަހުން ކިޔަވައިދެމުންދާ ކަމަށެވެ.

ހަމަ އެގޮތަށް އަރަބި ބަހުން ކެމިސްޓްރީއާއި ފިޒިކްސްއާއި އެކިއެކި ސައިންސް މާއްދާތަކުގެ އިތުރުން ބިޒްނަސް މާއްދާތައް އަރަބި ބަހުން ކިޔަވައިދޭނެ ދިވެހިން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި ކުރިއަށް ގެންދާނެ ކަމަށް ޑރ. ޝަފީއު ވަނީ ވިދާޅުވެފައެވެ.

މިހާރު އަރަބިއްޔާ ސްކޫލްގެ ގިނަ މާއްދާތައް އަރަބި ބަހުން ކިޔަވައިދެމުން އަންނަނީ ބޭރު މީހުން ކަމަށްވާއިރު މި ތަމްރީން ޕްރޮގްރާމާއެކު އަރަބިއްޔާ ސްކޫލްގެ ކިޔެވުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެއެވެ.

މީގެ އިތުރުންނިމިދިޔަ ސަރުކާރުން ނިންމާނެ ކަމަށް ބުނި އަރަބިއްޔާ ސްކޫލް އަޅާނެ އާ ބިމެއް ކަނޑައަޅާ، 'ހަފުތާ 14' ގައި އަމަލީ މަސައްކަތް ފެށުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ ކުރީގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.

މާލޭގައި ހުރި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ނިމިދިޔަ ސަރުކާރުން އިމާރާތެއް އަޅައި ދޭނެ ކަމަށް ބުނެ، ބާ ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅާލައި އެ މަސައްކަތް ކުރުމަށްހަވާލު ކުރީ އަމީން ކޮންސްޓްރަކްޝަން އާއެވެ. ސެޕްޓެމްބަރު 29، 2022 ގައި ހަވާލު ކުރި މި މަސައްކަތް އެވޯޑްކޮށްފައި ވަނީ 168 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކޮޓްރެކްޓަރަށް އެ މަސައްކަތް ހަވާލު ކުރިތާ 420 ދުވަސް ހަމަވެފައިވާއިރު މިއަދާ ހަމައަށް އައި އިރު، ވެސް ކުރިން އެ ތަނުގައި ބާ އިމާރާތް ތަޅާލައި އެތަން ސާފުކުރުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަމަލީ ގޮތުން އަރަބިއްޔާ ސްކޫލް އެޅުމުގެ މަސައްކަތް ނުފަށާ ލަސްވަމުން ދިޔަ ސަބަބެއް ވެސް ނިމިދިޔަ ސަރުކާރުން ހާމަ ކޮށްފައި ނުވާ އިރު، އެ ސްކޫލްގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ސްޕީޑް ލަސްކަމަށް ބުނެ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެކި ފަހަރު މަތިން ވަނީ އަޑުވެސް އުފުލާފައެވެ.