އާބަންކޯގެ ނަމުގައި ސްޕޭމް ކޯލްތަކާއި ލިންކުތައް އަދި މެސެޖުތައް ފޮނުވަމުންދާތީ އެކަމާ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކޮށްފިއެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އާބަންކޯގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެކަން ކަމަށެވެ. އަދި މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވެ ތިބުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އާބަންކޯގެ ނަމުގައި ކުރާ ސްކޭމް ކޯލުތަކަށް ބަލާއިރު ފްލެޓެއް ލިބިފައިވާ ކަމަށް ކޯލުކޮށް ބުނެ ޒާތީ މައުލޫމާތު ދިނުމަށް އެދިފައިވެއެވެ. މިފަަދަ ކޯލުތަކާއި ލިންކުތަކަކަށް ޒާތީ މައުލޫމާތު ނުދިނުމަށް އެ ކޯޕަރޭޝަނުން އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.

އާބަންކޯގެ ނަމުގައި ސްކޭމްއެއް ހިންގާތީ މިދިޔަ މަހު ބޭންކް އޮފް މޯލްޑިވްސްއިން ވެސް ވަނީ ސަމާލުވާން އެދިފައެވެ. މީގެ ކުރިންވެސް އާބަންކޯގެ ނަމުގައި ސްކޭމް ކޯލްތައްކޮށް އެތައް ބައެއްގެ އަތުން ވަނީ އޮޅުވާލައިގެން ފައިސާ ހޯދާފައެވެ. އެގޮތުން ބަލާއިރު އާބަންކޯގެ ނަމުގައި ފޯނުކޯލު މެދުވެރިކޮށް ކަސްޓަމަރެއްގެ އަތުން އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން 70،000 އަށްވުރެ ގިނަ އަދަދެއްގެ ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ބޭންކަށް މިދިޔަ މަހު ވެސް ލިބިފައިވާ ކަމަށް ބޭންކުން ބުނެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.