ހިޔާ ޓަވަރުތަކުގެ ފްލެޓްތަކުން ނިއްވާނުލައި އުކާ ސިނގިރޭޓް ފިލްޓަރުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާތީއާއި އެކަމުގެ ސަބަބުން އާންމުންގެ ފުރާނައާއި މުދަލަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން އެގޮތަށް ސިނގިރޭޓް ފިލްޓަރު އުކާ ފްލެޓް އެނގޭ ހިސާބުން ފްލެޓް އަތުލަން ޖެހިދާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން ބުނީ، މިފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި ސިނގިރޭޓް ފިލްޓަރު އުކާ މީހުން ހޯދަން ޕޮލިހާއި އާބަންކޯ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އެންމެ މީހަކާ ހެދި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ފުރުސަތެެެއް ނުދޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
އާބަންކޯ އިން މިހެން ބުނެފައި ވާއިރު މިރޭ ހިޔާ ފްލެޓެއްގައި އަލިފާން ރޯވީ ފްލެޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުން ކަމަށް ބެލެވޭކަމަސް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. ސިނގިރޭޓު ފިލްޓަރު އެއްލާލައިގެން މިމަހު 7 ވަނަ ދުވަހު ވެސް ފްލެޓެއްގެ ބެލްކަނީގައި ހުރި ކުނި ތަކެއްގައި ރޯވެ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
އެފަދަ ހާދިސާ ތަކުން ރައްކާތެރި ވުމަށް އާބަންކޯއިން ވެސް ވަނީ އާންމުންނަށް ނަސޭހަތްތެރި ވެފައެވެ.
ހިޔާ ޓަވަރުތަކަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތަނެއް ކަމުން އެފަދަ ކުޑަ ހާދިސާއަކުން ވެސް ގިނަ އަދަދެއްގެ އާންމުން ދަނީ ނުރައްކަލަށް ހުށަހެޅެމުންނެވެ.
މީގެ ކުރިންވެސް ވަނީ ސިނގިރޭޓް ފިލްޓަރު ނުނިއްވާ އެއްލާލުމުގެ ސަބަބުން ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާ ހިނގާފައެވެ.