ތިލަމާލެ ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްތައް ޕްރީކާސްޓް ކުރުމުގެ މަސައްކަތް ގުޅީފަޅު ކާސްޓިން ޔާޑްގައި ފަށާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީ އިން ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްތައް ޕްރީކާސްޓް ކުރުމުގެ މަސައްކަތް ގުޅީފަޅު ކާސްޓިން ޔާޑްގައި ފަށާފައި ވާކަން ހާމަކޮށް ކުރި ޓްވީޓާއެކު ވަނީ ޑެކްގެ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ.

މިވާހަކަ މިނިސްޓްރީން މި ހާމަކުރީ ބްރިޖް ހަދާ ކުންފުނި ، އެފްކޯންސްގައި އޮންނަ އެސްޕީ ގްރޫޕުގެ 47 ޕަސެންޓް ހިއްސާ ވިއްކާލާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކުރުމަ ގުޅިގެން ބަރިޖްގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް ބުނެ ދިވެހިންގެ ތެރޭގައި ވާހަކަތައް ދެކެވޭތީ ޖަވާބެއް ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތުގެ ތެރެއިން މާލެ ކޮޅުން ބްރިޖްގެ ޑެކްގެ މަސައްކަތް ފަށަފައިވާ ކަމަށާއި ވިލިމާލެއިން ބްރިޖްގެ މަސައްކަތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ޕްލޭނިން މިނިސްޓްރީއިން ވަނީ "ދަ ޕްރެސް" އަށް މައުލޫމާތު ދީފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެދަށުން އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއާ ގުޅޭ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު "ދަ ޕްރެސް"އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، މާލެ އާއި ވިލިމާލެއާއި ތިލަފުށީ އަދި ގުޅީފަލޫގައި ވެސް ބްރިޖް މަޝްރޫގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ހިންގާ މި މަޝްރޫއަަކީ 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެ މަޝްރޫއެކެވެ.