ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އުފުދަންދޫ ބެލެހެއްޓުމަށް އެ އަތޮޅު މަޑުއްވަރީ ކައުންސިލާ ހަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީ އިން ބުނީ އެ ރަށް މަޑުއްވަރީ ކައުންސިލާ ހަވާލުކޮށްފައި ވަނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު"ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ސަރުކާރުގެ އަމިއްލަ އިސްނެގުމަށް، ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތުތަކާއެކު ކައުންސިލަކާ ހަވާލު ކުރުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ. އަދި އެ ގަވާއިދުގެ ދަށުން، ރ. އުފުލަންދޫ އަކީ މިހާރު އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނޫނެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު"ގެ ދަށުން ފަޅުރަށްރަށް ނުވަތަ ފަޅުރަށަކުން ބައެއް ދޫކުރެވޭނީ ރައީސް އެފަދައިން ނިންމެވުމުން ނުވަތަ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނު ކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމާބެހޭ ތަފުސީލު ރިޕޯޓަކާއެކު ހުށަހެޅުމުން ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅާ ފަރާތަކަށެވެ.
މި ކޮންޓްރެކްޓްގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއެވެ. އަދި ރ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް މެމްބަރު އާޔަތުالله ނައީމްއެވެ.