މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައެޅި ގޮތާ ގުޅިގެން އާންމުން ނުރުހި ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައިވީ ނަމަވެސް 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެ އެންމެންނަށްވެސް ފްލެޓް ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

މާކްސް ދީފައިވާ ގޮތާމެދު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ޝަކުވާތައް ހުރިއިރު، މާކްސް ދީފައި ވަނީ އެއްވެސް އަދުލުވެރިކަމެއް އަދި އިންސާފުވެރިކަމެއް ނެތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ލިބޭ އާމްދަނީ، ކުދިންގެ އަދަދު އަދި މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލައި ރަނގަޅަށް މާކްސްދީފައި ނުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންދާ މި ދަނޑިވަޅުގައި އާންމުންގެ ބަޔަކު ޕްލޭނިންގް މިނިސްޓްރީއަށް ވަދެ އިހުތިޖާޖު ކުރަން މި ވަނީ ފަށާފައެވެ.

މިނިސްޓްރީ ދަށަށް އެއްވެ ތިބި މީހުންނާ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ، ބައްދަލުކުރައްވާ ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ފޯމްގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް އާންމުން ޑިމާންޑް ކުރަމުންދަނީ މިނިސްޓަރު ނޫނީ ސްޓޭޓް މިނިސްޓަރު އަކްރަމާ ބައްދަލު ކުރުމަށެވެ.

އިހުތިޖާޖު ކުރާ ބައިވެރިންގެ ވެސް ޝަކުވާއަކަށް ވެފައި ވަނީ ޕޮއިންޓް ދިނުމުގައި ތަފާތު ކުރުން ގެންގުޅިފައިވާ ކަމުގެ ޝަކުވާތަކެވެ. އާންމުންގެ މެދުގައި ވެސް މިކަމުގައި ނުތަނަވަސްކަން ހުރިއިރު އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓްއާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓާ ކޮށް، ބަލަމުންދާ ކަމަށެވެ.

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއްޔެ އިއުލާން ކޮށްފައިވާއިރު ބާކީ ތިބި 9000 މީހުންނަށް ލިޔުމެއް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. ހައުސިން މިނިސްޓްރީ އިން އިއްޔެ އާންމު ކުރި ލިސްޓުގައިވާ ގޮތުން ތިން ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ 76 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ 73 މާކްސް އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ދާއިމީ ލިސްޓު އާންމުކޮށް އިއްޔެ ހައުސިން މިނިސްޓްރީ އިން ބުނީ، ލިސްޓުގައިވާ ފަރާތްތަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ވަގުތު، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި 4،000 ފްލެޓު ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.