5 މިނިސްޓްރީ ހިމެނޭހެން 8 ފަރާތަކުން، ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ހަރަދު ކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި، ސަރުކާރު ހަރަދުގައި ހިންގާ ތަންތަނުގެ ތެރެއިން ކަނޑާއަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރި މިނިސްޓްރީތަކުގެ ތެރޭގައި ހިމެނެނީ، ޑިފެންސް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ އަދި ޔޫތް މިނިސްޓްރީއެވެ. މީގެ އިތުރުން އެންސްޕާ، އިންތިގާލީ އިންސާފް އޮފީހާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ ވެސް، ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރި ތަންތަނުގައި ހިމެނެއެވެ.

މި ތަންތަނުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީން ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެ މިނިސްޓްރީ އަށް ބަޖެޓުން ހަރަދު ކުރަން ދީފައި ވަނީ، 5386 މިލިއަން ރުފިޔާ ނުވަތަ 5.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 28 އާ ހަަމައަށް ވަނީ 6498.7 މިލިއަން ރުފިޔާ ނުވަތަ 6.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ދީފައިވާ ބަޖެޓަށް ވުރެ އިތުރަށް އެ މިނިސްޓްރީން މި ވަނީ 1412.7 މިލިއަން ރުފިޔާ ނުވަތަ 1.4 ބިލިއަން ރުފިޔާ ހަަރަދު ކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީއަށް ބަޖެޓުން 161.2 މިލިއަން ރުފިޔާ ހަަރަދު ކުރަން ދީފައިވާ އިރު، އެ މިނިސްޓްރީން ވަނީ އިތުރަށް 17.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އެ ގޮތުން ސެޕްޓެމްބަރު 28ގެ ނިޔަލަށް އެ މިނިސްޓްރީން ވަނީ 178.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ޔޫތް މިނިސްޓްރީއަށް ބަޖެޓުން ހަރަދުކުރަން 416.7 މިލިއަން ހަމަޖައްސާފައިވާ އިރު، އެ މިނިސްޓްރީން ވަނީ، 424.7 މިލިއަން ހަރަދު ކޮށްފައެވެ. ހަމައެއާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަޖެޓުން 625.4 މިލިއަން ރުފިޔާ ހަަރަދު ކުރަން ދީފައިވާ އިރު، އެ މިނިސްޓްރީން ވަނީ 674.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ބަޖެޓުން 21.2 މިލިއަން ރުފިޔާ ދީފައިވާ އިރު، އެ މިނިސްޓްރީން ވަނީ 21.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

މިނިސްޓްރީތަކުގެ އިތުރުން ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރި ތަންތަނުގެ ތެރެއިން އެންސްޕާ އިން ވަނީ ބޮޑު ހަރަދެއް ކޮށްފައެވެ. އެގޮތުން ބަޖެޓުން އެންސްޕާއަށް 1920.3 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ އިރު، އެތަނުން ވަނީ 2118.3 މިލިއަން ރުފިޔާ ނުވަތަ 2.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އިންތިގާލީ އިންސާފު އޮފީހަށް ބަޖެޓުން 8.37 މިލިއަން ރުފިޔާ ދީފައިވާ އިރު އެތަނުން ވަނީ 11 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީއަށް ބަޖެޓުން 52.7 މިލިއަން ރުފިޔާ ދީފައިވާ އިރު، އެ ޔުނިވާސިޓީން ވަނީ، 53.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

އިތުރަށް ބޮޑެތި ހަރަދު ކުރި ތަންތަނުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީ ހިމެނޭ އިރު، ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ދައުލަތުން ބަޖެޓުގައި ހިމަނާފައި ނުވާ މަޝްރޫތައް ހިންގުމަށް މިއަހަރު ތެރޭގައި 73 މިލިއަން ރުފިޔާގެ މަޝްރޫއަށް ހަަރަދު ކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން އިގްތިސޯދަށް ވެސް ނޭދެވޭ އަސަރު ކުރާ ކަަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ރިސްކުތައް ކުޑަކުރުމަށް ފިނޭޭންސް މިނިސްޓްރީ އިން ވަނީ ޕްލޭނިިން މިނިސްޓްރީ އާ ގުޅިގެން ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް ބަދަލު ގެނެސް ކޮންމެ 5 އަހަރަކުން ފިސްކަލް ޗާޓަރެއް އެކުލަވާލުމާއި، އުފެއްދުންތެރި ކަމުގެ ނިސްބަތުން ވަކި އަދަދަކަށް ވުރެ މަތިން ރާވާ ހިންގާ މަޝްރޫއު ތަކަށް ފީސިބިލިޓީ ސްޓަޑީ ހަދާ، އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން އެ ޕްރޮޖެކްޓުގެ އެނަލިސިސް ހެދުން ލާޒިމް ކުރަން ވަނީ ފަށާފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.