ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފިއެވެ.

ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުމަށް މިއަދު ހަވީރު ވިނަރެސް ފްލެޓުގައި ބޭއްވި ރަސްމިއްޔާތުގައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.ހިޔާ، ސީލައިފް އަދި ގުޅީފަޅު މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކަށް މިއަދުގެ އެ ރަސްމިއްޔާތުގައި ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.

އޭގެއިތުރުން އާބަންކޯގެ "ޕްރައިވެޓް ހައުސިން އިންފޮމޭޝަން" ޕޯޓަލް ވެސް ވަނީ ލޯންޗުކޮށްފައިވާއިރު މި ޕޯޓަލް މެދުވެރިކޮށް އާބަންކޯއިން ހިންގާ ހުރިހާ މަޝްރޫއެއްގެ މައުލޫމާތު ލިބޭނެއެވެ.

ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. 3 ކޮޓަރި 3 ފާހަނާ އަދި ބެލްކަނި ހިމެނޭ ގޮތަށް ހަދާފައިވާ އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 3 މިލިއަނާ ދެމެދުގައެވެ.