ސަރުކާރު ބަންދަކަސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ގޯތި ކެނޑުމާއި ރަޖިސްޓްރީ ހާވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ބަންދު ދުވަސްތަކުގައި ވެސް ގޯތި ކެނޑުމުގެ ކަންކަމާއި ރަޖިސްޓްރީ ހާވާލުކުރުމުގެ މަސައްކަތް ކުރިޔައްދާ ކަމަށެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ޕޯޓަލް ޑައުންވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވާ އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލް ޑައުންވެފައި ވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑުފަތުރަމުން ދިޔަ ނަމަވެސް އެއީ ދޮގެއް ކަމަށާއި ދިމާވި މައްސަލައަކީ ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ނަންބަރު ނުފެނުން ކަމަށެވެ.

ގޯތީގެ ނަންބަރު ނުފެނި ކުރިމަތިވި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށާއި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިހާރު ގޯތީގެ ނަންބަރު ފެންނާނެ ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކޮށް އިން ޖަހާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 21 މީހަކަށް ލިބުނު ގޯތީގެ އިން ޖަހާ މިދިޔަ އަންގާރަ ދުވަހު ވަނީ ހަވާލު ކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުމަށް ފަހު ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށެވެ. ގުރުއަތު ނިންމާލުމަށް ފަހު ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް އޭރު ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.