ރައީސް އިބްރާހީމް މުހައްމަދު ސޯލިހިގެ ކެބިނެޓްގައި ތިއްބަވައިގެން އެ މަނިކުފާނާ ދެކޮޅަށް ކެމްޕެއިން ކުރައްވާ ވަޒީރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
މަވޯޓާ މިހެން ވިދާޅުވީ، ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރެއްވިއިރު ޖޭޕީއަށް ނިސްބަވްވާ މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ބައިވެރިވެވަޑައިގަންވާފައި ވަނިކޮށެވެ.
މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެފަރާތަށް ދެފައި ލައިގެން އެއްވެސް މީހަކަށް ތިބުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށާއި އެގޮތަށް ތިއްބެވި މިނިސްޓަރުން އަމިއްލަ އިސްތިއުފާދޭން ޖެހޭކަމަށާއި ނުވަތަ ވަކިކުރަން ޖެހޭ ކަމަށެވެ.
މިހާރުގެ ސަރުކާރުގެ ކެބިނެޓުގައި ކޯލިޝަން ޕާޓީތަކަށް ނިސްބަތްބާ މިނިސްޓަރުން ތިއްބެވިއިރު އޭގެ ތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަދި އެމްއާރްއެމް ހިމެނެއެވެ.
ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި މިހާރު އޮތް ކޯލިޝަނާ ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައި، އެ ޕާޓީގެ ލީޑަރު ގާސިމް ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވުމާ ގުޅިގެން އެޕާޓީގެ ގިނަ މެންބަރުން އަންނަނީ ޕާޓީން ވަކިވަމުންނެވެ.
މިގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލުންނާއި އެ ޕާޓީގެ މެންބަރުކަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަކިވެ ވަޑައިގެންފައި ވާއިރު ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.
އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް ވާދަކުރައްވާއިރު، އެމަނިކުފާނާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއެވެ.