ފަލަސްތީނުގެ މުސްލިމުން އަޅުކަމުގައި ތިއްބާ، ޔަހޫދީ ސިފައިން އަލް އަގުސޯ މިސްކިތަށް ވަދެ، ތަޅާ އަނިޔާކޮށް ފަހާ ނެރެލުމުގެ ބަދަލުގައި ހަމާސް އިން ދިން ރޮކެޓް ހަމަލާތަކަށް ބަދަލުހިފަން އިޒްރޭލުން ލުބުނާނަށާއި ޣައްޒާއަށް މިސައިލް ހަމަލާ ދީފިއެވެ.

ކުރު ކުރު ބަޔާނެއް ނެރެ އިޒްރޭލުން ބުނީ، ހަމާސްގެ މަގާމުތަކަށް ހަމަލާ ދެނީ ކަމަށެވެ. އެއާއެކު ޔަހޫދީން ވަނީ ލުބުނާނުގެ ދެކުނާއި ގައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ މެންބަރުގެ މަގާމުތަކަށް މިސައިލް ހަމަލާ ދީފައެވެ.

މިސައިލް ހަމަލާގެ އިތުރުން އެއްގަމު މަގުން ޔަހޫދީން އަރާ ހުޅަނގު އައްސޭރީގައި ހަމާސް އާ ދެމެދު ހިންގި ކުރިމަތިލުމެއްގައި ދެފަރާތުން ބަޑިޖެހުމުގެ ސަބަބުން ވަޒަން އަރާ އިޒްރޭލުގެ ދެމީހަކު މަރުވެއްޖެއެވެ. އިޒްރޭލުގެ ހަމަލާތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި ފަލަސްތީނުގެ ނޫސްވެރިއަކު ބުނީ، އައްސޭރި ފަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ސިފަ ކުރެވެނީ އެއީ ހަނގުރާމައިގެ މައިދާނެއް ފަދަ ގޮތަކަށް ކަމަށެވެ. އެންމެން ތިބެނީ ހަމަލާއެއް އަތުވެދާނެ ނުވަތަ ބޮން އަޅާފާނެ ވަގުތަކަށް ސަމާލުވެގެން ރައްކާތެރި ވެވޭނެ ގޮތްތައް ދެނެގަނެގެން ކަމަށެވެ.

ޔަހޫދީން މިސައިލް ހަމަލާ ދީފައި

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ޔަހޫދީންގެ ހަމަލާތައް ވަރުވަގަ ކުރެއެވެ. އަދި ފަހު ދިހައިގެ ތެރޭގައި އިތުރަށް ވަރުގަދަ ކޮށް ފަލަސްތީނުގެ އެކި މަގާމުތަކަށް ހަމަލާ ދިނުމުގެ އިތުރުން ޖެއްސުން ކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައެވެ.

ފާއިތުވި ގިނަ އަހަރުތަކެއްގެ ރަމަޟާން މަހު ޔަހޫދީން ފަލަސްތީނުގެ މުސްލިމުނަށް މި އަހުވަ ދައްކައެވެ. އަލް އަގްސޯ މިސްކިތުގައި ނަމާދު ކުރުމާއި، އަދި އިއުތިކާފަށް އިނަ ނުދީ ހުރަސް އަޅައެވެ. އެއިން ކޮންމެ ފަހަރެއްގައި ވެސް ދެފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގާ ގިނަ ބަޔަކު ޒަހަމްވެ އަދި މިސްކިތަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.