ޖޭޕީއާއެކު ކޯލިޝަން ހަދަން މަޝްވަކާކުރެވޭނީ ސަރުކާރުގެ ކޯލިޝަނުން ވަކިވުމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ކ. މާފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް ދާން ބޭނުންނަމަ ފުރަތަމަ ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ވަކިވެ، އެކަން ރަސްމީކޮށް އިއުލާންކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކީ ވާހަކަ ދައްކާ ކަމަށްވާނަމަ އެންމެ ފުރަތަމަ ޖެހޭނީ އެ ޕާޓީއަކުން މިހާރު މި ހިނގާ ސަރުކާރު ކޯލިޝަނުން ވަކިވާން. ވަކިވެ އެކަން ރަސްމީކޮށް އިއުލާން ކުރަންޖެހޭނެ."
އަދުރޭ

އަދުރޭ ވިދާޅުވީ ޕީޕީއެމް، ޕީއެންސީއާއެކު ކޯލިޝަން ހެދަން މަޝްވަރާކުރެވޭނީ މި ސަރުކާރުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގަސްތުގައި އަނިޔާކުރާކަން ގަބޫލުކޮށް އެކަމާ ނުރުހޭ އަދި ޔާމީނުގެ ސިޔާސަތުތަކަށް ތާއީދުކުރާ ބަޔަކާއެކު ކަމަށެވެ.

ޖޭޕީއިން ކޯލިޝަން ހެދުމަށް އެދި ފޮނުވި ސިޓީއާ ގުޅިގެންވެސް އަދުރޭ ވަނީ ފާޑުވިދާޅުވެފައެވެ. އަދުރޭ ވިދާޅުވީ އެ ސިޓީތައް އެޑްރެސް ކުރަން ޖެހޭނީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ކަމަށާއި އެމަނިކުފާނަށް އެޑްރެސްނުކޮށް އެހެން ނަމެއްގައި ފޮނުވާ ސިޓީތައް އެ ކޯލިޝަނުން ބަލައިނުގަންނާނެ ކަމަށެވެ. އަދި ޖޭޕީން ފޮނުވި ސިޓީ އެޑްރެސްކޮށްފައި އޮތީ ޔާމީނަށް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ނިކުންނަވަން ނިންމަވާފައިވާއިރު ކޯލިޝަން ހެދުމަށް ގިނަ ދުއުވަތުތަކެއް ދަނީ ފޮނުވަމުންނެވެ.