ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ އާ ދުރުވުމަށް ފަހު ދަރިންކޮޅު ގޮވައިގެން ޝަކީރާ އެހެން ސިޓީ އަކަށް ހިޖުރަ ކޮށްފިއެވެ.
ބާރަ އަހަރު ވަންދެން ޕީކޭ އާއެކު ބާސެލޯނާގައި ދިރިއުޅުމަށް ފަހު ދަރިންކޮޅު ގޮވައިގެން އެހެން ސިޓީ އަކަށް ދަމުން ޝަކީރާ ބުނީ ބާސެލޯނާ އަށް އޭނާ ހިޖުރަ ކުރީ ދަރިންގެ މުސްތަގްބަލަށް ވިސްނުމަށްފަހު ކަމަށެވެ. ނަމަވެސް މިހާރު ބާސެލޯނާގައި ދަރިން ގޮވައިގެން އުޅެން ބޭނުން ނުވާ ކަމަށާއި މިވަގުތު ވިސްނަނީ ދިރިއުޅުމުގެ އާ މަރުހަލާއެއް ފެށުމަށް ބާސެލޯނާ ދޫކޮށް ދާން ކަމަށެވެ.
ޝަކީރާ ދިޔަ ވަކި ސިޓީ އެއް ހާމަނުކުރި ނަމަވެސް އޭނާގެ އިންސްޓަގްރާމުގައި ވަނީ އޭނާ މިހާރު ދިރިއުޅޭ ތަނުގެ ފޮޓޯއެއް އާންމު ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ޝަކީރާ މިހާރު އުޅެމުން އަންނަނީ މައާމީ ގައެވެ. ބާސެލޯނާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ އާއެކު 12 އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އެ ގުޅުމަށް ދެ ފިރިހެން ކުދިން ވަނީ ލިބިފައެވެ.
ޝަކީރާ އާއި ޕީކޭ ވަކިވީ، ޕީކޭ ވަގަށް ލޯބިވެރިއަކު ގެންގުޅެނިކޮށް އެކަން ޝަކީރާ އަށް ފަޅާއެރުމާއެކުގައެވެ. ދެތަރިންގެ ވަކިވުމުގެ ހަބަރާއެކު ފޭނުންނަށްވެސް ސިއްހުން ލިބުނުއިރު ޝަކީރާ ވަނީ ޕީކޭ އާއި ރުޅިވެ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެ ގުޅުމާ މެދު ވާހަކަވެސް ދައްކާފައެވެ. އަދި އެ ހާދިސާގެ މައްޗަށް ލަވައެއް ވެސް ކިޔާފައެވެ.