ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެއްޖެ ނަމަ، މާލެ ސްޓޯމް ވޯޓާ ސިސްޓަމްގެ ޕަމްޕުތައް އަމިއްލަ އަށް އޮން ވާ ކަމަށް، އެމްޑަބްލިއުއެސްސީން މިއަދު ބުނެފިއެވެ.

ރޭ ފަތިހުން ފެށިގެން ހުއްޓާނުލާ ދެ ތިން ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ވެހުނު ބޯ ވާރޭގައި މާލޭގެ މަގުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ، ފަސް ގަޑިއިރަށް ވުރެ ގިނައިރު ފެން ނުހިނދި އޮތެވެ. މިއަދު ވެހުނު ވާރޭގައި ފެން ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ މާފަންނުގައި ހުރި ގެތަކަށާއި ވިޔަފާރިތަކަށެވެ.

އާންމުކޮށް މާލެ އަށް ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވަނީ އަމީނީމަގުގައި ކަމަށްވީ ނަމަވެސް، މިއަދު ވެހުނު ވާރޭގައި މަޖީދީމަގުން، މެދަކާ ހަމައިގައި ޖުމްހޫރީ ޕާޓީ އޮފީސް ހުންނަ ހިސާބުން ހުޅަނގަށް، އޯކިޑް މަގުން ފަތަހަ ސުންބުއްޔާ ހިސާބުން ހުޅަނގަށް ގޮސް ޒުވާނުންގެ މަރުކަޒާ ހަމައަށް ފެންބޮޑުވެފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު ވެހުނު ވާރޭގައި މާލެ އަށް 88 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

މާލެ އަށް ވާރޭ ވެހި، މަގުތަކުގައި ފެން ނުހިނދި އޮތް މައްސަލައާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިހެން ދިމާވާން މެދުވެރިވީ ސްޓޯމް ވޯޓާ ބަލަހައްޓާ ފަރާތުން ޕަމްޕުތަކުގެ ސްވިޗް އޮން ނުކޮށް ގިނައިރު ވަންދެން ބަހައްޓާފައި ހުރުމުން ކަމަށެވެ. ސްޓޯމް ވޯޓާ ސިސްޓަމްގެ ޕަމްޕުތައް ބަލަހައްޓަނީ ފެން ކުންފުނި އެމްޑަބްލިއުއެސްސީންނެވެ.

ނަމަވެސް އެ ކުންފުނިން ބުނީ، ޕަމްޕުތައް ރަނގަޅަށް މަސައްކަތްކުރާ ކަމަށާއި، މަގުތަކުގައި ފެން ބޮޑުވާ ހާލަތްތަކުގައި ޕަމްޕުތައް އަމިއްލަ އަށް އޮން ވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތައް ބަރާބަރަށް މަސައްކަތް ކުރާ ކަމަށާއި، ޕަމްޕުތައް ހުރީ ޖައްސާފައި ކަމަށެވެ. ނަމަވެސް، އޭނާ އޭރު ވިދާޅުވި ގޮތުގައި ޕަމްޕުތަކަށް ނުކަތަނީ ޕަމްޕުތަކުގެ ސައިޒް ކުޑަވުމުގެ ސަބަބުންނެވެ.

ބޯކޮށް ވާރޭ ވެހޭ ދުވަސްދުވަހު މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމަކީ އާންމު ކަމެކެވެ. އެކަމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވާއިރު، ވާރޭ ވެހޭ ދުވަސްދުވަހު މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އާންމުން އަބަދުމެ ގޮވާލަމުން ދެއެވެ.