ކޮރަޕްޝަންގެ މައްސަލައެއްގައި، ސަސްޕެންޑް ކުރި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު، މިއަދު މަގާމުން ވަކިކޮށްފިއެވެ.

'ބިންވެރިޔާ' ސްކީމުން ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުރިހާ ޒިންމާތަކަކުން ފަޒީލް އެކަހެރިކޮށްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ކުންފުނީގެ ބޯޑުން އޭރު އެގޮތަށް ނިންމާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ތަހުގީގަކަށް ގުޅިގެން ތަހުގީގަށް ޖާގަދީ ފުރިހަމައަށް އެހީތެރިވުމުގެ ގޮތުންނެވެ.

އެކަމަކު އޭރު އޭނާ ސަސްޕެންޑް ކުރީ މުސާރަ ހިނގާ ގޮތަށެވެ. އެހެންކަމުން ޕެންޝަނާއި އިންކަމް ޓެކްސް އަށް ކެނޑުމަށް ފަހު ކޮންމެ މަހަކު ފަޒީލް އަށް 63،000 ރުފިޔާ ލިބިވަޑައިގަންނަވެއެވެ.

އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ވަކިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައިކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ވެސް ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާއެކު އިސް މަގާމެއްގައި މުސާރައާއި އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވެސް އެ ކުންފުނިން މިއަދު ބުނެފައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގު ލިޔުން ތައްޔާރުކޮށް ވިއްކި މައްސަލައިގެ ތުހުމަތުގައި ފަޒީލްގެ ކޮއްކޮ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ހިމެނޭހެން އިތުރު ބައެއްގެ ޕާސްޕޯޓްވެސް ފުލުހުން އޭރު ހިފަހެއްޓިއެވެ. އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ވެސް ހިމެނެއެވެ.