އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރު ވެފައިވާ ކަން ހާމަ ކުރައްވަމުން އެކުގައި ބައެއް ފަރާތްތަކާއެކު މަސައްކަތް ނުކުރެވުނު ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ވަގުތު ސިޔާސީ މައިދާނުގެ އަސްލު މަންޒަރު ދާފުވަމުންދާ ކަމަށާއި މައިދާނަށް ނުކުންނަން އެމްޑީޕީން ތައްޔާރަށް އޮތް ކަމަށެވެ. ކުރިއަށް އޮތީ ވަރަށް ޝައުގުވެރި ދުވަސްތަކެއް ކަމަށާއި އެ ދުވަސްތަކަށް އިންތިޒާރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ހިތާމަކުރަން ޖެހޭ ކަމަކީ އިންތިހާބާ ކައިރިވަމުން އަންނަ އިރު އެކުގައި މިދަތުރު ކުރިއަށް ގެންދަން ބައެއް ފަރާތްތަކާ އެކުގައި މަސައްކަތް ނުކުރެވުން ކަމަށް ފައްޔާޒް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް މިހެން ވިދާޅުވި އިރު، މި ސަރުކާރާއެކު މަސައްކަތް ކުރި ބައެއް ފަރާތްތަކުން އިންތިހާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީއަށް ތާއިދުކުރާ ކަމަށާއި ރައީސް ސޯލިހަށް ތާއީދު ނުކުރާ ކަން ވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހާ ވާދަކުރައްވާ އެމްޑީޕީން ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީގައި ޒަމާނުއްސުރެ ތިއްބެވި ބައެއް މެންބަރުން ވަނީ ނަޝީދުގެ ފަހަތްޕުޅުން ޖޭޕީއާ އެކު ކޯލިޝަން ހަދާފައެވެ.

ކަން މިހެން އޮތްއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އާޒިމް އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރައިސް ސޯލިހަށް އޭނާ ތާއިދު ކުރައްވާތީ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން އިންތިހާބަށް ކުރިމަތިލުމަށް މަސައްކަތް ކުރަމުން އަންނަ އިރު، މި ވަގުތު އެމްޑީޕީއާއެކު ކޯލީޝަން ހަދާފައި ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ. އަދި މިހާތަނަށް އެމްއާރްއެމުން ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް ނުނިންމައެވެ.