ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ 13 މެންބަރަކު އެ ޕާޓީ ދޫކޮށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާ ރޭ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

ފައްޔާޒު ވިދާޅުވީ ރޭ އެމްޑީޕީއާ ވަކިވެ ދިޔަ މަޖިލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ މެންބަރުން:

  1. މުހައްމަދު ނިހާދު - ފޭދޫ ދާއިރާގެ މެންބަރު
  2. އަހްމަދު ހައިތަމް - މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު
  3. އަލީ ހަމީދު - އިސްދޫ ދާއިރާގެ މެންބަރު
  4. އަބްދުﷲ ޝަހީމް އަބްދުލްހަކީމް - ކަނޑިތީމު ދާއިރާގެ މެންބަރު
  5. އަބްދުލްޣަނީ އަބްދުލްހަކީމް - ކުރެންދޫ ދާއިރާގެ މެންބަރު
  6. ހަސަން ޒަރީރު - މަތިވެރި ދާއިރާގެ މެންބަރު
  7. އިބްރާހީމް ނަސީރު - މުލަކު ދާއިރާގެ މެންބަރު
  8. އަބްދުލްމުހުސިން ހަމީދު - ނިލަންދޫ ދާއިރާގެ މެންބަރު
  9. އާދަމް އަލީ - މާފަންނު ދެކުނު ދާއިރާގެ މެންބަރު
  10. މުހައްމަދު ރާޝިދު - ކޮމަންޑޫ ދާއިރާގެ މެންބަރު
  11. ހަސަން ޝިޔާން - ތޮއްޑޫ ދާއިރާގެ މެންބަރު
  12. އިބްރާހީމް ޝާޒު - ގުރައިދޫ ދާއިރާގެ މެންބަރު
  13. އިބްރާހީމް ޝަރީފް - މަރަދޫ ދާއިރާގެ މެންބަރު

ޕީއެންސީ އާ އަލަށް ގުޅިވަޑައިގެންނެވި މި 13 މެންބަރުން މީގެ ކުރިން 19 މަޖިލީހުގައި ތަމްސީލުކުރެއްވީ އެމްޑީޕީއެވެ. މި މެންބަރުންގެ ތެރެއިން ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮތް ދުވަހުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ. ޝަރީފު ވަކިވެވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ބާކީ ތިއްބެވި މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތީ އޭގެ ފަހުންނެވެ.

އެހެންކަމުން ރޭ ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނާ އެކު، 19 ވަނަ މަޖިލީހުގައި ދެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ 17 މެންބަރަކު ތިއްބަވާނެއެވެ. އެއީ ޕީޕީއެމްގައި ދެ މެންބަރުން، އަދި ޕީއެންސީގައި 15 މެންބަރުންނެވެ.

މިއާއެކު، މަޖިލީހުގެ އާ މައިނޯރިޓީ ޕާޓީ އަށް ސަރުކާރު ތަމްސީލުކުރާ ޕީއެންސީވެ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހުގެ އާ މައިނޯރިޓީ ލީޑަރަށް ވެގެން ދާނެއެވެ.