ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓާ ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ނަޝީދުއަށް ގޮވާލައްވައިފިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރު ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އެ ގަރާރު މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލާފައި ވަނިކޮށެވެ.

ފައްޔާޒް ވިދާޅުވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މަޖިލީހުގެ ރިޔާސަތުގައި އިންނެވިއިރު އަމަލު ކުރެއްވި ގޮތަށްވުރެ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެން ދިއުމަށް މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަމަލު ކުރެއްވި ގޮތް މާ ލަދުވެތި ކަމަށެވެ. އަދި އެ އަމަލަކީ ފިނޑިއަމަލެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޑިިމޮކްރަސީގައި ދިވެހިރާއްޖެ ދުށް ލަދުވެތި، ކަޅު ދުވަހެއްގެ ގޮތުގައި ފައްޔާޒް ސިފަކުރައްވާފައިވާއިރު އޭނާ ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓަށް ކުރިމަތިލެއްވުމަށް ވެސް ނަޝީދުއަށް ގޮވާލައްވާފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރިގޮތުން 49 މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށާއި އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ދެވަނަ ފަހަރަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، އެ ދުވަހުން ފެށިގެން ނަޝީދުގެ މައްސަލަ އެޖެންޑާކުރި ހުރިހާ ދުވަހަކު ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

އެއާއެކު އެމްޑީޕީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ މަޖިލީހުގެ 44 ވަނަ މާއްދާ އަށް އަމަލުކޮށް، އީވާ ނެތި ނަޝީދުގެ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ އިދާރާ އިން ހަވާލުކުރީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށެެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރު މަޖިލީހަށް ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، ރިޔާސަތުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އަދި ރިޔާސަތު ބެލެހެއްޓެވި އަފީފް ވަނީ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ގަރާރު އަލުން ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންނަށް އަންގަވައިފައެވެ.

ދެވަނަ ފަހަރަށް މަޖިލިސް ކުރިއަށް ގެންދިއުމަށް ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކޮށްފައިވާއިރު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ޖަލްސާ ފައްޓަވާ އީވާ ވަނީ މިއަދު ހެނދުނު އޮތް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ގަރާރު ބޭރުކޮށްލާފައިވާތީ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.