ބަންގްލާދޭޝް އަށް ނިސްބަތްވާ ލޭބަރުން (މަސައްކަތް ކުރާ މީހުން) ގެނެއުމުގެ ހުއްދަ އަލުން ދޭން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ގަވާއިދު ފައްޔާޒު ހިއްސާކޮށްފއި ވާއިރު އެ ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނެ އަދަދަކީ 100،000 ކަމަށެވެ. އަދި ފައްޔާޒު ވިދާޅުވީ އެގޮތަށް ހުޅުވާލުމުގެ ކުރިން ބަދަލު ކުރަން ޖެހޭނީ ގާނޫނު ކަމަށެވެ.

އެއް ގައުމަކުން އެ އަދަދަށް ވުރެ އިތުރަށް ރާއްޖެ ނުގެނެވޭނެ ކަމަށް ނިންމާފައި ވާއިރު މިހާރުވެސް ރާއްޖޭގައި 140،000 އަށް ވުރެ ގިނައިން ބަންގްލަދޭޝް މީހުން އުޅޭކަމަށް ތަފާސްހިސާބު ތަކުން ދައްކައެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ ސަރުކާރުން ފެށި ހާއްސަ ޕްރޮގްރާމާއެކު ކޮންމެ ގައުމަކުން ގެނެވޭނެ އެންމެ މަތީ އަދަދަކީ 100،000 ކަމުގައި ހަދާ އެމްޕްލޯއިމަންޓް އެކްޓްގައި ހިމެނިއެވެ. އެއާއެކު އެ ގައުމަށް ކަނޑައަޅާފައިވާ ކޯޓާ ހަމަވުމުން އިތުރަށް މީހުން ނުގެނެވޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށް ބަންގްލަދޭޝް މީހުން އެތެރެވުން ހުއްޓުވާ އިންޑިއާ އަށް އެފުރުސަތު ދިނެވެ.

އެ ނިންމުން ބާތިލްކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.އަދި އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ރާއްޖެއަށް ގެނައުން މިވަގުތު މަޑިޖައްސާލާފައިވީ ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް ބުނެއެވެ.

ބަންގްލާދޭޝްގެ ލޭބަރުން ގެނައުން މީގެ ކުރިން މަނާކުރުމާއެކު ރާއްޖެއަށް މީހުން ގެންނަމުން ދިޔައީ އިންޑިއާ، ލަންކާ، ނޭޕާލް އަދި ފިލިޕީންސް ފަދަ ގައުމުތަކުންނެވެ.

ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ވަނީ އިމިގްރޭޝަނުން ނިންމާފައެވެ.