މި ސަރުކާރުގެ ކެބިނެޓުގައި ތިއްބަވާ ވަޒީރުންނަށް ރުުން ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަޒީރުންނަށް ރުހުން ދޭން ނުޖެހޭ ކަން ހާމަ ކުރައްވާ ބައެއް ސަބަބުތައް ހިއްސާ ކުރައްވާފައެވެ. އެ ގޮތުން، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް އުމަރުގެ ސިޔާސީ ހަޔާތްޕުޅުން، ކުރިން ޑިފެންސް މިނިސްޓަރު ކަމުގައި ހުންވެި ދުވަސްވަރުގައި ހިނގި ހާދިސާއަކަށް ފައްޔާޒް އަލިއަޅުއްވާލެއްވިއެވެ.

އެ ދުވަސްވަރުގެ ހިނގި ކަންކަމުގެ ތެރެއިން ރައްޔިތުން މަޖިލީހަށް ސިފައިން ވައްދާ، މަޖިލީހުގެ މެންބަރުންނަށް އަނިޔާ ކުރެއްވި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު މިހާރު ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ވެސް ފުށިދިއްގަރަށް ހަދައިފި ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާ އިރު، 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީގެ ޕީޖީގެ ތެރޭގައި ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 22 މެންބަރުންނަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ އަަދި އޮތީ ކޮމިޓީ މަރުހަލާގައެވެ. މަޖިލީހުގެ ތަޅުމުން ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވި ނަމަވެސް އަދި ކޮމިޓީން އެ މަސައްކަތް ނުފަށާ އޮތީ މަޑުޖައްސާލާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަޒީރުކަމަށް ކުރާ އުއްމީދު ފުރިހަމަ ކުރުމަށް މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް އެމްޑީޕީން ރުހުން ނުދިނުމަށް އެބަ އެދޭ ކަމަށެވެ. ރުހުން ދޭނެ ވަޒީރުންނާއި ނުދޭނެ ވަޒީރުން ނިންމާނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ކަމަށް ވަހީދު ވިދާޅުވިއެވެ.