ފެބްރުއަރީ މަހުގެ މެދުތެރޭގައި ފިލުމުގެ ކުރިން، ޗައިނާގެ އެންމެ މަޝްހޫރު އެއް އިންވެސްޓްމަންޓް ބޭންކާ ބާއޯ ފޭން އޭނާގެ މުއްސަނދިކަން ހިމާޔަތް ކުރާނެ ރައްކާތެރި ތަނެއް ހޯދަމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާ ރެނެސަސްގެ ބާނީ ބާއޯ ސިންގަޕޫރުގައި ޕްރައިވެޓް ވެލްތް މެނޭޖްމަންޓް ކުންފުންޏެއް އުފައްދައި ޗައިނާ އާއި ހޮންކޮންގުން ބޭރަށް ފައިސާ ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕްލޭންތައް އެނގޭ ހަތަރު ފަރާތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް އިން މިދިޔަ މަހު ރިޕޯޓުކޮށްފައި ވެއެވެ.

ނުފޫޒުގަދަ ވިޔަފާރިވެރިންގެ ދިގު ލިސްޓެއްގައި ހިމެނި، ކުއްލިއަކަށް ޗައިނާއިން ގެއްލުނު ބާއޯ އަކީ އަމިއްލަ ސިނާއަތްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ބެއިޖިން އިން ހިންގަމުންދާ ހަރުކަށި ފިޔަވަޅުތަކުން ސަލާމަތްވުމަށް ސިންގަޕޫރަށް ބަލަހައްޓައިގެން ތިބި ޗައިނާގެ މުއްސަނދި ވިޔަފާރިވެރިންގެ ތެރެއިން އެކަކެވެ.

"މިފަހަކަށް އައިސް ޗައިނާ އާއި ހޮންކޮންގުން ސިންގަޕޫރަށް މުއްސަނދިކަން ވަނީ ފެތުރިފައި،" ޗައިނާގެ ގިނަ އަދަދެއްގެ ކަސްޓަމަރުން ހިމެނޭ ސިންގަޕޫރުގެ ބޭންކެއްގެ ވެލްތް މެނޭޖަރަކު ބުނެފައިވެއެވެ.

"ސިއްރު ވާހަކަތަކުގެ ތެރެއިން ގިނަ ބަޔަކު ވަނީ ޗައިނާގެ ވިޔަފާރިވެރިން ގެއްލުވާލުމާއި، އިގްތިސާދީ ގޮތުން އަޑިއަޅާފައިވާ ދުވަސްތަކަކީ ޗައިނާއިން ފައިސާ ބޭރުކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނޭ." ވެލްތް މެނޭޖަރު ބުންޏެވެ.

ޗައިނާގެ އިންވެސްޓްމެންޓް ބޭންކަ ބާއޯ ފޭން

ވިޔަފާރި ކުރުމަށް ދުނިޔޭގެ އެންމެ ރަނގަޅު ތަނުގެ ގޮތުގައި އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅާފައިވާ ސިންގަޕޫރަކީ ޒަމާނުއްސުރެ ޗައިނާގެ މަތީ ފަންތީގެ މީހުންގެ ހިޔާވަހިކަމެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ.

ޗައިނާގެ ލީޑަރު ޝީ ގެ ބާރާއި ނުފޫޒު

ޗައިނާގެ އެންމެ ބާރުގަދަ ލީޑަރު ޝީ ޖިންޕިން ގެ ކުރިއެރުމާއި އޭނާގެ ބާރުވެރިކަމާއި ނުފޫޒާހެދި ޗައިނާގެ އިންވެސްޓަރުންނަށް ގޮންޖެހުންތަކާ ދިމާވަމުން ދާ އިރު ޝީ އިސްވެ ހުންނަވައިގެން ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ކުރިއަށް ގެންދާ އޮޕަރޭޝަންގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ތިއްބެވި 100 އަށް ވުރެ ގިނަ އިސް އޮފިޝަލުންނާއި ދަށު ފަންތީގެ އެތައް ހާސް އޮފިޝަލުންނާއި ވިޔަފާރިވެރިންގެ މައްޗަށް އެކި ކުށްތަކުގައި ވަނީ ދައުވާ އުފުލާފައެވެ.

ސިންގަޕޫރުގައި ބްރާންޗްތައް ހުންނަ ބޮޑު ބައިނަލްއަގުވާމީ ބޭންކެއްގެ ސުޕަވައިޒަރަކު ބުނެފައިވާ ގޮތުގައި ޗައިނާގެ މިހާރުގެ ސިޔާސީ މާހައުލުގައި މުއްސަނދި މީހުންނާ މެދު ކުރިން އޮތް ވަރަށް ވުރެ ފާރަވެރިވެ ފިއްތާފައި ވުމުން، އެ މީހުން ބޭނުންވަނީ އެމީހުންގެ މުދާ ބޭރުކުރާށެވެ.

"މީގެ ކުރިން ޗައިނާގެ އިންވެސްޓަރުން ހޮންކޮންގަށް ބަލާނެ، އެކަމަކު އެތައް އަހަރެއް ވަންދެން ކުރިމަތިވި ހަމަނުޖެހުންތަކާއި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އެ ސިޓީއަކީ ކުރިއާ ހިލާފަށް އިންވެސްޓް ކުރަން ހިތްގައިމު ސިޓީއެއް ނޫން."
ސުޕަވައިޒަރު

ޓެނެސީ ޔުނިވާސިޓީގެ ޗައިނާގެ ފިންޓެކް އެންޑް ޝެޑޯ ބޭންކިންގެ ތަޖުރިބާކާރެއް ކަމަށްވާ ސާރާ ސޫ ބުނި ގޮތުގައި ޗައިނާ އަކީ "އިންވެސްޓް ކުރަން އެހާ ހިތްގައިމު ގައުމެއް ނޫން، ޗައިނާގެ އިންވެސްޓަރުންނަށް ގައުމުން ބޭރުން ރަނގަޅު ފުރުސަތުތަކެއް ހޯދެ" އެވެ.

އަދި ގިނަ އަދަދެއްގެ ފައިސާ ޗައިނާއިން ބޭރުކުރުމަކީ ގޮންޖެހުންބޮޑު ކަމެއް ނަމަވެސް ގިނަ ބަޔަކު ވަނީ އެކަން ކުރާނެ މަގު ހޯދާފައި ކަމަށްވެސް ސޫ ބުންޏެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން

ސިންގަޕޫރުގައި ޗައިނާގެ ވިޔަފާރިވެރިން ކުރަނީ ކީއް؟

ޗައިނާގެ ފައިސާ ބޮޑަށް ގެންދަނީ ސިންގަޕޫރުގެ މައި ސިޓީއަށެވެ. 2022 ވަނަ އަހަރު އެ ސިޓީގައި ވިއްކި 425 ލަގްޒަރީ އެޕާޓްމަންޓުގެ ހަތަރުބައިކުޅަ އެއްބަޔަކީ ޗައިނާގެ މީހުން ގަނެފައިވާ ތަންތަނެވެ.

ރިއަލް އެސްޓޭޓް ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ނައިޓް ފްރޭންކްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސިންގަޕޫރުގެ ރެސިޑެންޝަލް ރިއަލް އެސްޓޭޓްގެ އަގުތައް 2022 ވަނަ އަހަރު 14 ޕަސެންޓަށް އުފުލިފައި ވާއިރު، ހޮންގްކޮންގް އާއި ސިޑްނީ ފަދަ އާދަޔާ ހިލާފަށް މަޝްހޫރު ރިއަލް އެސްޓޭޓް މާކެޓްތައް އޮންނަ އެހެން ސިޓީތަކުގެ އަގުތައް ވަނީ ސިންގަލް ޑިޖިޓުން ދަށަށް ގޮސްފައެވެ.

ރިއަލް އެސްޓޭޓް އުސޫލުން ތަންތަން ގަންނަން ސިންގަޕޫރުގެ ގާނޫނުގެ ދަށުން ޝަރުތު ހަމަނުވާ ޗައިނާގެ ރައްޔިތުން ސިންގަޕޫރުން ތަންތަން ކުއްޔަށް ހިފާ ކަމަށާއި އެ ޑިމާންޑުގެ ސަބަބުން މަތީ ފަންތީގެ ބައެއް ތަންތަނުގެ އަހަރީ ކުލި ތިން ގުނައަށް ވުރެ ބޮޑުވެފައި ވާ ކަމަށް ވެސް ރިޕޯޓު ކުރެއެވެ.

ސްޓްރެއިޓްސް ޓައިމްސް ނޫހުން ބުނި ގޮތުގައި ސިޓީގައި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުލީގެ އަގުތައް ވަނީ 33.2 ޕަސެންޓް އުފުލިފައެވެ.

ސިންގަޕޫރުގެ ވެލްތް މެނޭޖްމަންޓްގެ އޮފީސްތަކުގެ އަދަދު 700 އިން 1500 އަށް މިދިޔަ އަހަރު އިތުރުވެފައި ވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އޮފީހަކީ ޗައިނާ އިން އުފެދުނު އޮފީސްތަކެވެ.

އިގުތިސޯދީ ދާއިރާތަކުން ސިންގަޕޫރަށް ލިބެމުން އަންނަ މުއްސަނދިކަމުގެ އިތުރުން ސިންގަޕޫރުގެ ދެކުނު އައްސޭރިފަށުގައި އޮންނަ ޓޫރިސްޓް ސިޓީ ސެންޓޯސާގައި، ހިންގާ ގޯލްފް ކްލަބްތަކުގެ މެންބަރުކަން ޗައިނާގެ މުއްސަނދިން ނަގަން ފެށުމުން ފީގެ އަދަދު މިހާރު ވަނީ 880،000 ސިންގަޕޫރު ޑޮލަރު (660،000 ޑޮލަރު) އަށް އަރާފައެވެ.

ސިންގަޕޫރުގެ ރިއަލް އެސްޓޭޓް އަދި ކުލީގެ އަގުތައް އަންނަނީ ބޮޑުވަމުން

މުއްސަނދިންނަށް ޗައިނާގައި ރައްކާތެރިކަން ނެތުން

ވެލްތު މެނޭޖަރަކު ބުނިގޮތުގައި ސިންގަޕޫރަށް ޗައިނާގެ މުއްސަނދިން އައުމުން ދޭހަވަނީ އެމީހުންގެ މުދަލުގެ އިތުރުން އެމީހުންގެ އާއިލާތައް ވެސް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާކަން ކަމަށެވެ.

ސިންގަޕޫރުން މިހާރު ގްލޯބަލް އިންވެސްޓާ ޕްރޮގްރާމެއް ހިންގަމުން އަންނައިރު، އެ ޕްރޮގްރާމުގެ ދަށުން އެ ގައުމުގައި ކުޑަ މިންވަރެއް އިންވެސްޓް ކުރި ނަމަވެސް އަމިއްލަ ފަރުދުންނާއި އާއިލާއަށް ދާއިމީ ރެސިޑެންސީ މިހާރު ހޯދޭނެއެވެ.

"އެހެންވީމަ އެމީހުންގެ އެސެޓްތައް ސިންގަޕޫރަށް ގެނައިމަ ޗައިނާގައި ކުރިމަތިވެދާނެ ނުރައްކާތެރި ސިޔާސީ ހާލަތުން އެމީހުންގެ ފައިސާ އާއި ފުރާނަ ސަލާމަތް ކުރެވޭނެ" ވެލްތް މެނޭޖަރު ބުންޏެވެ.

އަމިއްލަ ނަފްސާއި އެމީހުންގެ މުދަލުގެ ސެކިއުރިޓީ ހޯދަން މަސައްކަތް ކުރާ ފައިސާ ލިބޭ ބޭރު މީހުންނަށް ސިންގަޕޫރުން ވަނީ ބޮޑެތި ފުރުސަތުތައްވެސް ފަހިކޮށްދީފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މުއްސަނދި ފަރާތްތަކަށް ބޭންކިން އަދި އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ހިދުމަތް ފޯރުކޮށްދިނުން ފަދަ މާލީ ފަސޭހަތައް ވެސް ހިމެނެއެވެ.

1965 ވަނަ އަހަރު މިނިވަންކަން ލިބުމަށް ފަހު ސިންގަޕޫރަކީ ހަމަޖެހިގެން ދިރިއުޅުމަށް ފާހަގަ ކޮށްލެވޭ ގައުމެކެވެ. ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީއަކީ މިހާތަނަށް ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރާ ޕާޓީއަށް ވުމަކީ މީގެ މިސާލެކެވެ.

ގިނަ މުޒާހަރާތައް މަނާކޮށް، ސިންގަޕޫރަކީ މީޑިއާގެ މިނިވަންކަމަށް ދަށް ރޭންކިން އެއް އޮންނަ ގައުމަކަށް ވުމާއި ކުށްތަކާއި ކޮރަޕްޝަންގެ އަމަލުތައް މަދުވުމުގެ އިތުރުން، އެ ގައުމުގެ ޖީޑީޕީ ޕާ ކެޕިޓާ (ބޮލަކަށް ޖެހޭ ނިސްބަތް) 72،000 ޑޮލަރަށް ވުރެ މަތިވެފައި ވާއިރު، މިއީ ދުނިޔޭގައި ވެސް ބޮލަކަށް ޖެހޭ އެންމެ މަތީ މިންވަރުކަން ފާހަގަ ކޮށްލެވެއެވެ.

ވަކިން ހާއްސަކޮށް ޗައިނާގެ މުއްސަނދިންނަށް ސިންގަޕޫރަކީ ޖިއޮގްރަފީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ޗައިނާއާ ވަރަށް ކައިރީގައި އޮންނަ ގައުމަކަށް ވުމާއި އެ ގައުމު އޮންނަނީ ޗައިނާއާ އެއް ޓައިމް ޒޯނެއްގެ ތެރޭގައި ކަމަށް ވުމާއި ސިންގަޕޫރުގެ އާބާދީގެ 70 ޕަސެންޓް މީހުންނަކީ ނަސްލީ ގޮތުން ވެސް ޗައިނާ މީހުން ކަމަށް ވާއިރު، ގިނަ މީހުން ޗައިނާގެ މެންޑަރިން ބަހުން މުއާމަމަލާތް ކުރުމަކީވެސް ޗައިނާގެ އިންވެސްޓަރުން ސިންގަޕޫރަށް ޝައުގުވެރިވާ އެއް ސަބަބެވެ.

ޗައިނާ އާއި ސިންގަޕޫރު

ޗައިނާގެ ޒަމާނީ ސިޔާސީ އިގްތިސާދާ ބެހޭ ގޮތުން ދިރާސާތައް ކުރާ ޑެނިޝް އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް ސްޓަޑީޒްގެ ސީނިއާ ރިސާޗަރު ޔަންގް ޖިއާންގް ބުނީ ކެޕިޓަލް ފްލައިޓް (ގައުމުން ބޭރަށް ފައިސާ ގެންދިޔުން) ކުރިއަށް ދާނަމަ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ކޮންޓްރޯލް ކުރަމުން ދާ އިތުރަށް ހަރުކަށި ކުރުމަށް މަސައްކަތް ކުރާނެއެވެ.

"ވަރަށް ގިނަ ވިޔަފާރިވެރިން ޗައިނާއިން ބޭރަށް ގޮސްފިނަމަ ޗައިނާ އަޑިއަޅާލަފާނެ، އަދި ޗައިނާގެ މާކެޓްގެ ހަރުދަނާކަން ދެމެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރުން އެ ގައުމުގައި އަމިއްލަ މުއްސަނދިން ތިބެން ބޭނުންވާނެ" ޖިއާންގް ބުންޏެވެ.

ބޭރުގެ މުއްސަނދިކަން އައުމަކީ ވެސް ސިންގަޕޫރުގެ އެންމެން މަރުހަބާ ކިޔާ ކަމަކަށް ނުވުމާއި ސިންގަޕޫރުގެ ބޯހިޔާވަހިކަމުގެ ބޮޑު ބައެއް، ގާނޫނުން ސިންގަޕޫރުގެ ރައްޔިތުންނަށް ހާއްސަކޮށްފައި އޮތުމާއި ބާޒާރުގެ ބޮޑު ބައެއް ބޭރުގެ ފަރާތްތަކުން ގަތުމަކީ ސިންގަޕޫރުގެ އާންމުންގެ ކަންބޮޑުވުމެކެވެ.

"އަހަންނަށްވެސް ފެނޭ މިހާރު ވިޔަފާރިކުރަން ދާއިރު، ކުރިއަށްވުރެ އެއްޗެހި މާ އަގުބޮޑު، ނޫނީ ހުންނާނީ ވިކި ހުސްވެފައި. އެއީ އަޅުގަނޑަށް ހީވަނީ ބޭރުން މި ގައުމަށް އެތެރެވެފައިވާ ފައިސާތަކާ ގުޅިފައިވާ ކަމެއްހެން." ސިންގަޕޫރުގެ ރައްޔިތަކު ބުންޏެވެ.

ސިންގަޕޫރުގެ ކާބޯތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑުވެފައި

ސްކޫލުގެ ޓީޗަރު ޝޯން ފެންގް ބުނީ ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުމުގެ ސަބަބުން އޭނާ އާއި އޭނާގެ އާއިލާއަށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ސިންގަޕޫރަށް 90 ޕަސެންޓަށް ވުރެ ގިނައިން ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާއިރު، ބޭރުގެ ބޮޑެތި މައްސަލަތަކުގެ ނުރައްކާ ސިންގަޕޫރަށް ވަނީ ކުރިމަތިވެފައެވެ. ސިންގަޕޫރުގެ ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީ އަދި ފެބްރުއަރީ މަހު ކާބޯތަކެތީގެ އިންފްލޭޝަން 8 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައި ވާއިރު، މިއީ މުޅި އިންފްލޭޝަން ރޭޓަށް ވުރެ ބޮޑުތަނުން މަތީ އަދަދެކެވެ.

މިދިޔަ ފެބްރުއަރީ މަހު ސިންގަޕޫރުގެ ކޯ އިންފްލޭޝަން ރޭޓް 5.5 ޕަސެންޓަށް އަރާފައި ވާއިރު، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީ އިންފްލޭޝަން ރޭޓްގެ ތެރޭގައި ސިންގަޕޫރު ހިމެނެއެވެ. މިއީ އޭޝިއާގެ ކުރިއަރާފައިވާ އެހެން އިގްތިސާދުތައް ކަމަށްވާ ހޮންގްކޮންގް، ޖަޕާން އަދި ޓައިވާންފަދަ ގައުމުތަކުން ތަޖުރިބާކޮށްފައިވާ ރޭޓްގެ ދެގުނައަށް ވުރެ ވެސް އިތުރު އަދަދެކެވެ. މިދިޔަ ޑިސެމްބަރު މަހު އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން ވަނީ ނިއުޔޯކް ސިޓީގެ އިތުރުން، ދިރިއުޅެން އެންމެ އަގުބޮޑު ސިޓީގެ ގޮތުގައި ސިންގަޕޫރުގެ ހިމަނާފައެވެ.

"ދުވާލެއްގެ މައްޗަށް ބޭނުންވާ ގިނަ ސާމާނުތައް މިހާރު ވަރަށް އަގުބޮޑު. އަހަރެމެނަށް އެނގޭ ވޭތުވެދިޔަ އަހަރުތަކުގައި ހުރިހާ ތަނެއްގައި ވެސް އިންފްލޭޝަން ގޯސްކަން، އެކަމަކު މިހާ ގިނަ އަދަދެއްގެ ފައިސާ ހުރި މީހުން މިތަނަށް ވަޒަންވެރިވީމާ، އޭގެ ސަބަބުން އަހަރެމެންނަށް އިތުރަށް ގޯސްވަނީ" ފެންގް ބުންޏެވެ.