ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުރިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އައި ކުރިއެރުމުގައި ސިންގަޕުރަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުރިކަމަށާއި، އޭގެ ރަނގަޅު ނަތީޖާ ފެންނާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ފޯރަމްގައި، ރާއްޖޭގެ ރައީސް ޑރ.މުއިއްޒު، އިކޮނަމީ ޑައިވާސިފައި ކުރުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދީ ވަރަށް ގިނަ އިންވެސްޓަރުންނަށް ރާއްޖެއިން ލިބެން ހުރި ހިދުމަތްތަކާ، ބަދަލުވަމުންދާ ހާލަތާއި އިންވެސްޓަރުންނަށް ފަސޭހަވާނެ ގޮތަށް ކުރެވޭ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ.

ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްއަކީ ވަރަށް ކާމިޔާބު ފޯރަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ފޯރަމްގެ ނަތީޖާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ސިންގަޕޫރުގައި ބޭއްވި މީޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމަށްފަހު ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ މަޝްރޫއުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގިވެރިކަން އެބަހުރިކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސިންގަޕޫރުގެ ގިނަ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކޮށް ކާމިޔާބު އިންވެސްޓަރުންނަށް ވާނެކަމަށް އިންމީދުކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.