މަރަކީ ކަނޑައެޅިފައިވާ ކަމެއް ކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭ ކަމަށް ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

"މަރާއި މަރުހިއްޕެވުން" މި މައުޟޫއަށް ރޭ އޮތް އިހްޔާ ފޯރަމްގައި ތަގްރީރު ކުރައްވަމުން ޑރ. އަބްދުއްސައްތާރު ވިދާޅުވީ ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައި ވިޔަސް މަރާ ކުރިމަތިވާނެ ކަމަށެވެ.

ޑރ. އަބްދުއްސައްތާރުގެ ވާހަކައިގައި އިންސާނުން ދުނިޔެއަށް ފޮނުއްވާ ގޮތާއި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ.

ގޯސްކޮށް އުޅުނު އިންސާނާ މަރުވާ ވަގުތު އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެ ކަމަށާއި އެހެންނަމަވެސް ހެޔޮ އަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއި، ފަސޭހަކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔޭގައި އުޅޭއިރު މާތްﷲ އަންގަވާފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ކުރުމަށް ޑރ އަބްދުއްސައްތާރު ވަނީ އިލްތިމާސް ކުރައްވާފައެވެ. ހާއްސަކޮށް ދޫރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި މައުޟޫއަށް ވާހަކަ ދައްކަވަމުން މި ފޯރަމްގައި އައްޝައިހް ފައްޔާޒް އަލީ މަނިކު ވިދާޅުވީ މަރަކީ އެކަމާމެދު ވިސްނިޔަސް އަދި ނުވިސްނިޔަސް ކުރިމަތިވާނެ ކަމަށެވެ.

މީގެ އިތުރުން މަރުވާނެކަމާ މެދު އެއްވެސް ބަޔަކު ދެބަސް ނުވާ ކަމަށާއި ދެބަސްވަނީ މަރުވުމަށް ފަހު ވާނީ ކިހިނެއްކަމާ މެދުގައި ކަމަށް އޭނާ ފާހަގަ ކުރެެއްވިއެވެ.

ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމުގެ ޕްރޮގްރާމަކީ ކޮންމެ ރޯދަމަހަކަށް އަމާޒުކޮށްގެން އިސްލާމިން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެކި ރޭ ދީނީ އެކި މައުޟޫއަށް އިލްމުވެރިން ވާހަކަ ދައްކާނެއެވެ.