މާތް ﷲގެ ރަސޫލާ ޔޫނުސް އިބްނު މައްތާ ފޮނުއްވުނީ މިހާރުގެ އިރާޤުގެ އުތުރުގައި އޮންނަ ރަށެއް ކަމަށްވާ 'ނީނަވާހް' އަށެވެ. އެޒަމާނުގައި އޮތް އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ މި ރަށުގެ މީހުންގެ ގާތަށް ރަސޫލަކު ފޮނުއްވީ މާތް ﷲގެ ހިދާޔަތުން ކައްސާލާ ބުދަ އަޅުކަން ކުރުމާ ފާފައިގެ ތެރެއަށް އެބައިމީހުން ވެޓުމުންނެވެ. މާތް ﷲގެ މަގަށް އެރަށުގެ މީހުން ގެނައުމަށް އެކަލާނގެ އެބައިމީހުންގެ ގާތަށް ފޮނުއްވީ އެމީހުންގެ ރަށަށް އުފަން އެބައިމީހުންގެ ތެރެއިން ބޭކަލަކެވެ.
ރަސޫލު ކަމުގެ ޒިންމާ ލިބިވަޑައިގަތުމާއެކު ޔޫނުސްގެފާނު އެކަލޭނގެފާނުގެ ރަށުގެ މީހުންނަށް ދީނަށް ގޮވާލައްވަން ފެއްޓެވިއެވެ. ބުދަށް އަޅުކަން ކުރުން ދޫކޮށްލާ ބޮޑެތި ފާފަތައް ކުރުން ހުއްޓާލަން ނަސޭހަތްތެރިވިއެވެ. އެހެން ނަމަވެސް މާތް ﷲ ގެ ރަސޫލުންނަށް ކުރި ކަންކަން ވީ ހެން ޔޫނުސްގެފާނުގެ ރަށުގެ މީހުން ވެސް އެކަލޭނގެފާނުގެ ބަސް ގަބޫލުކުރަން ދެކޮޅު ހެދިއެވެ.
އެހެން ނަމަވެސް އެކަލޭނގެފާނު ހިތްވަރު ދޫކުރައްވާ ރަށުގެ މީހުން މާތް ﷲގެ މަގަށް ގެނައުމުގެ މަސައްކަތުގައި ދެމިހުންނެވިއެވެ. އެކަލޭނގެފާނުގެ ރަށުގެ މީހުންގެ ކުރިން އައި ގައުމުތަކުގެ މީހުން މާތް ﷲގެ މަގަށް ނައުމުން އެމީހުންނަށް ފޮނުއްވި ކޯފާތަކުގެ ވާހަކަ ކިޔާ ދެއްވިއެވެ. އާދް، ސަދޫމް އަދި ނޫހްގެ ފާނުގެ ގައުމުގެ ވާހަކަތަކެވެ. އެހެން ނަމަވެސް ޔޫނުސްގެފާނުގެ ގައުމުގެ މީހުން އެކަލޭނގެފާނުގެ ވާހަކަތަކަށް ދިނީ ބީރު ކަންފަތެކެވެ.
އެމީހުން ބުންޏެވެ.
"އަހަރުމެންނާ އަހަރުމެންގެ ކާބަފައިން މި ބުދުތަކަށް އަޅުކަން ކުރާތާ އެތަށް އަހަރުތަކެއް ވެއްޖެއެވެ. އެކަމުން އަހަރުމެންނަށް އަދި ގެއްލުމެއް ނުލިބެއެވެ".
މާތް ﷲގެ ކޯފާއަކަށް ބިރުވެތިވުމަށް ރަށުގެ މީހުންނަށް ޔޫނުސްގެފާނު ހަނދުމަކޮށް ދެއްވަމުން ގެންދެވިއެވެ. އެކަލޭނގެފާނުގެ މި އިންޒާރުތަކުގައި އެއްވެސް ތެދުކަމެއް ނެތް ކަމަށް ހިތާ މާތް ﷲގެ ކޯފާ އެމީހުންނަށް ފޮނުވުމަށް ބުނެ މުޅި ކައުނު ހެއްދެވި ކަލާނގެއަށް އެމީހުން ގޮންޖެހިއެވެ.
މާތް ﷲ ގެ ރަސޫލާ މާޔޫސްވެވަޑައިގެންނެވިއެވެ. ﷲ ސުބަހާނަހޫވަތައާލާގެ ކޯފާ ރަށުގެ މީހުންނަށް އަންނާނެ ކަން އެކަލޭނގެފާނަށް ޔަގީންވެވަޑައިގެންނެވިއެވެ. އަދި އެރަށް ވަރަށް އަވަހަށް ހަވާލުކޮށްލަވާނެ ކަމަށް ނިންމަވާ ޔޫނުސްގެފާނު އެކަލޭނގެފާނުގެ ރަށުގެ މީހުން ދޫކުރައްވާ އެރަށުން ފިލާވަޑައިގަތެވެ. މިއީ، މާތް ﷲ އެކަލޭނގެފާނާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވި އަމަލެކެވެ. އެއީ މާތް ﷲގެ އަމުރުކުރެއްވުމަކާ ނުލާ އަމިއްލަ ރަށް ދޫކުރައްވާ އެކަލޭނގެފާނު ވަޑައިގަތުމުންނެވެ.
ކޮންމެ އަކަސް މާތް ﷲ ގެ ރަސޫލާ ނީނަވާހްއިން ވަޑައިގަތުމުން އެރަށުގެ މީހުންނާ ދެކޮޅަށް މާތް ﷲގެ ކޯފާއެއް ފޮނުއްވިއެވެ. އެރަށުގެ މަތީގައި އޮތް އުޑު ރަތްވިލާތަކަކުން ބަނަވެގެން ދިޔައެވެ. ބޯމަތިވެފައިވާ ބިރުވެރިކަމާ ކުރިމަތިލާން ރަށުގެ ހުރިހާ އެންމެން އެރަށުގައި ހުންނަ އެންމެ އުސް ފަރުބަދައަށް އެރިއެވެ. މަތީގައި އޮތް އުޑަށް އަންނަމުންދާ ބިރުވެރި ބަދަލުތައް އެމީހުންނަށް ހަނދާންކޮށް ދިނީ ޔޫނުސްގެފާނުގެ ވާހަކަތަކެވެ. ކުރިން އައި ގައުމުތަކަށް މާތް ﷲ ފޮނުއްވާ ކޯފާތަކުގެ ބިރުވެރިކަމުގެ ވާހަކައެވެ.
އެރަށުގެ މީހުން ވަގުތު އެމީހުންގެ ކާކުތަކުގެ މައްޗަށް ތިރިވެ މާތް ﷲ ގެ ރަހުމަތަށް އެދި ދުއާކުރަން ފެށިއެވެ. ރަހްމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެ ކިބައިން މާފަށް އެދި ފާފަތައް ފުއްސަވާތޯ އެދި ރޮއި ހަދަން ފެށިއެވެ. އެކަލާނގެ އަޅުތަކުންގެ ފަރާތުން މިފަދަ އިހްލާސްތެރި ގޮވާލުމެއް ދެއްކުމުން އަރް-ރަހްމާނު އެބައިމީހުންގެ މައްޗަށް ހަމްދަރްދީވެވަޑައިގެން އެކަލާނގެ ކޯފާ އަނބުރާ ގެންދެވިއެވެ.
އިސާ ހިތަކު ރަށުގެ މަތީގައި އޮތް އުޑު ސާފުވެގެން ދިޔައެވެ. މާތް ﷲގެ ދީނަށް ތަބާވި މީހުން އެކަލާނގެ ރަސޫލާ އެނބުރި އެމީހުންގެ ގާތަށް އައުމަށް އެދި ދުއާކުރަމުން ދިޔައެވެ.
އަމިއްލަފުޅު ރަށުގައި ކަން ހިނގައި ދިޔަ ގޮތް އެނގިވަޑައިނުގަންނަވާ ހާލު ދަތުރުކުރައްވަމުން ގެންދެވި ޔޫސުފްގެ ފާނު އެކަލޭނގެފާނުގެ ރަށާ ވިހާ ވެސް ދުރަށް ދަތުރުކުރެއްވުމަށް ކުޑަ ބޯޓަކަށް އެރުއްވިއެވެ. ބޯޓު މަންޒިލަށް ނައްޓާލި އިރު ސާފު ރީތި ދުވަހެއްގެ ނިޔަލުގައި ދަތުރުކުރަމުން ދިޔަ ނަމަވެސް ރޭގަނޑުގެ އަދިރިކަމާއެކު ވައި ގަދަވެ ކަނޑުގެ ރާޅުތައް ބޮޑުވެއްޖެއެވެ.
އިސާހިތަކު ކަނޑުގެ ލޮނުގަނޑު ބޯޓުގެ ތެރެއަށް ވަންނަން ފެށިއެވެ. ފަޅުވެރިންނާ ފަސިންޖަރުން ހާސްވެގެން ކޮޅުކޮޅު މައްޗަށް ދުވަން ފެށިއެވެ. ތޫފާނު މުޅި ރެޔަށް ދެމިގެން ދިޔަ އިރު ބޯޓުގެ ކައްޕި އޭނާގެ ފަޅުވެރިންނަށް އަމުރުކުރީ ކޮންމެހެން ބޭނުން ނުވާ މުދަލާ ފޮށިތަންމަތި ކަނޑަށް އުކުމަށެވެ. މިވަރުން ވެސް ބޯޓަށް ފެން އެޅުމަކަށް ހުއްޓުމެއް ނައުމުން ދެން އޮތް ހަމައެކަނި ގޮތަކީ ބޯޓުގައި ހުރި މީހަކު ކަނޑަށް ފުންމާލުން ކަން ކައްޕިއަށް ވިސްނުނެވެ.
އެކަކުގެ ފުރާނަ ދުއްވާލާ ދެން ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރަން ކައްޕިއަށް މަޖްބޫރުވިއެވެ. ފުންމާލާނީ ކާކުތޯ ހޮވަން ގުރުއަތެއް ނެގުނެވެ. ފުރަތަމަ ވެސް ގުރުއަތުން ދިމާވީ މާތް ﷲގެ ރަސޫލާ ޔޫނުސް އަލައިހިއްސަލާމަށެވެ. ބޯޓުގެ ގައި ތިބި އެހެން މީހުން ހަމަ ހިލާ އެކަލޭނގެފާނު ކަނޑަށް އެއްލާލަން އެއްބަސްނުވިއެވެ. ދެވަނަ ފަހަރަށް ގުރުއަތު ނެގުމަށް އެދުނެވެ. ދެން ވެސް ނެގުނީ އެކަލޭނގެފާނުގެ ނަމެވެ. ބޯޓުގައި ތިބި މީހުން އަނެއްކާވެސް ދެކޮޅު ހެދިއެވެ. އަދި ބުންޏެވެ.
"އަހަރުމެން ޔޫނުސްގެފާނު ކަނޑަށް އެއްލާ ނުލާނަމެވެ. އެއީ މި ބޯޓުގެ ރަހުމަތެވެ. އަހަރުމެންގެ ތެރޭގައި ހުރި އެންމެ ހެޔޮ އަދި ރަނގަޅު މީހާއެވެ. އަނެއްކާވެސް ގުރު ނަގާށެވެ"
ތިން ވަނަ ފަހަރަށް ވެސް ނެގުނީ ޔޫނުސްގެ ފާނުގެ ނަމެވެ. މިކަން މިހެން މިދިމާވަނީ މާތް ﷲގެ ކުޅަދުންވަންތަކަމުން ކަން އެކަލޭނގެފާނަށް ވިސްނުނެވެ. އަދި އެކަލާނގެ އިޒުނައާ ނުލާ ރަށުގެ ރައްޔިތުން ދޫކޮށް އެކަލޭނގެފާނު ވަޑައިގަތުމުން އެކަލޭނގެފާނަށް އިމްތިހާނެއް ކުރިމަތިކުރައްވަނީކަން ޔޫނުސްގެ ފާނަށް ވިސްނިވަޑައިގެންނެވިއެވެ.
ދެން އިތުރަށް ލަސްކުރުމެއް ނެތި އެކަލޭނގެފާނު އެ އަނދިރި ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް އެކަލޭނގެފާނު ފުއްމާލިއެވެ. އިސާހިތަކު މާތް ﷲގެ އަމުރުފުޅާއެކު މުޅި ކަނޑުގައި ވެސް އެންމެ ބިޔަ ބޮޑު މަސް ކަނޑުގެ މައްޗަށް އަރާ ޔޫނުސްގެ ފާނު ދިރުވާލިއެވެ.
ޔޫނުސްގެ ފާނު ދިރުވާލި ފަހުން އެމަސް ދިޔައީ ކަނޑުގެ އެންމެ އަޑިއަށެވެ. އެކަލޭނގެފާނަށް ހޭވެރިކަންވެވަޑައިގެންނެވި އިރު އެކަލޭނގެފާނު އޮންނެވީ އެބޮޑު މަހުގެ ބަނޑުގެ ތެރޭގައެވެ.
އެހާލަތުގައި ވެސް މާތް ﷲގެ ރަސޫލާ ހަނދުމަކުރެއްވީ އެކަލޭނގެފާނުގެ ވެރި ރަސްކަލާނގެއެވެ. އަދި އެބޮޑު މަހުގެ ބޮޑު ތެރޭ ހުންނަވާ މާތް ﷲ އަށް ސަޖިދަ ކުރައްވާ އެކަލޭނގެފާނު ދުއާ ކުރެއްވިއެވެ.
"ޔާ ﷲ. އަހުރެން އިބަ ރަސްކަލާނގެއަށް މި ސަޖިދަ ކުރަނީ މީގެ ކުރިން ދުވަހަކު ވެސް މީހަކު އިބަ ރަސްކަލާނގެއަށް ސަޖިދަ ނުކުރާ ތަނެއްގައި ހުރެގެންނެވެ. އަހުރެން މި ދުއާ ކުރަނީ ބޮޑު މަހެއްގެ ބަނޑުގެ ރޭގައި އޮވެގެންނެވެ. އިބަރަސްކަލާނގެ ހުސްތޯހިރުވަންތަ ކަމާއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."
ޔޫނުސްގެފާނުގެ މި ދުއާ އިވިގެން ކަނޑުގެ އަޑީގައި އުޅޭ މަސްމަހާ މެހިތައް ވެސް އެ ބޮޑު މަހުގެ ކައިރިއަށް އެއްވެ އެކަލޭނގެފާނުގެ ދުއާގައި ބައިވެރިވަޑައިގެންނެވިއެވެ.
ޔޫނުސްގެފާނުގެ މި ދުއާތައް މާތް ﷲ އަޑުއެއްސެވިއެވެ. އަދި އެކަލޭނގެފާނު ބަނޑުން ނެރުމަށް އެމަހަށް އަމުރުކުރެއްވިއެވެ. އެކަމާ ބެހޭ ގޮތުން އެކަލާނގެ ވަހީ ކުރެއްވީ:
لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌۭ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌۭ
މަނާއީ: އެކަލޭނގެފާނުގެ ވެރިރަސްކަލާނގެ ހަޞްރަތުން ފޮނުއްވި ނިއުމަތެއް، އެކަލޭނގެފާނާ ހަމައަށް ވާސިލްނުވި ނަމަ، އެކަލޭނގެފާނު މަލާމަތްލިބިގެންވާ ހާލު (މަހުގެ ބަނޑުން، ކަނޑުގެ) އައްސޭރިއަށް އެކަލާނގެފާނު އެއްލައިލެއްވީހެއްޔެވެ.
މާތް ﷲ ޔޫނުސްގެ ފާނަށް އެންގެވިއެވެ. އެހާ އިހްލާސްތެރިކަމާއެކު އެކަލޭނގެފާނު ދުއާ ނުކުރެއްވި ނަމަ މަހްޝަރު ދުވަހާ ހަމައަށް ވެސް އެކަލޭނގެފާނު އޮންނަވާނީ އެމަހުގެ ބަޑުގެ ތެރޭގައެވެ.
ޔޫނުސްގެފާނުގެ ރަށުގެ މީހުންނަކީ އެބައެއްގެ ގާތަށް ރަސޫލަކު ފޮނުވުނު މީހުންގެ ތެރެއިން ރަށެއްގެ ހުރިހާ އެންމެން އިސްލާމް ދީނު ގަބޫލުކުރި ހަމައެކަނި މީހުންނެވެ.
