ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މަރުހޫމް ޝެއިހް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޝެއިހް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު މެލޭޝިއާއަށް ވަޑައިގަތްތަނާއެވެ. މެލޭޝިއާ އެއާޕޯޓުގައި ހުންނަވަނިކޮށް ޝެއިހް ފަރީދު ކުއްލިއަކަށް ވެއްޓުނީކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އާއިލާގެ ފަރާތުން ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތް ކުރި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހުމާއި ގުޅިގެން ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިއާގައި ޖަނާޒާ ބާއްވަން ނިންމީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި ޝެއިހް ފަރީދު އަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން ޝެއިހް ފަރީދު ވަނީ އިސްކޮން ހުންނަވައިގެން އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އުފައްދާފައިވާއިރު، އޭނާ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދީނީ ދަރުސްތައް ދީފައެވެ.