އިސްލާމް ދީނުގައި މައިންބަފައިންނަށް ދީފައިވާ ދަރަޖައަށް ވުރެ މަތީގައި ވާ ހަމައެކަނި ފަރާތަކީ އެއްކައުވަންތަ މާތް ﷲއެވެ. މި އުއްމަތަށް ރަހުމަތެއް ކަމުގައި ފޮނުއްވި މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް އަށް ބާއްވާލެއްވި ކީރިތި ޤުރުއާނުގައި އަދި އެކަލޭނގެފާނުގެ ސުންނަތުގައި ވެސް މައިންބަފައިންނަށް ދީފައިވާ ދަރަޖައިގެ މުހިއްމުކަން ތަކުރާކުކޮށް ބަޔާންކޮށްފައިވެއެވެ.

ވީހާ ވެސް ގިނައަކުން މައިންބަފައިންނަށް ވަގުތު ދިނުމަކީ ފައިދާ ހުރި ކަމެއް/ފޮޓޯ: ގޫގަލް

މިގޮތުން ކީރިތި ގުރުއާނުގެ ތިރީސް އެއްވަނަ ސޫރަތް ކަމަށްވާ އަލް-ލުގުމާނު ސޫރަތުގެ 14 އަދި 15 ވަނަ އާޔަތުގައި މާތް ވަހީކުރައްވާފައިވަނީ ތިބާގެ މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ އެކަލާނގެއަށް ކިޔަމަންތެރިވުން ކަމަށެވެ. އެސޫރަތުގެ 14 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރައްވަނީ:

وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍۢ وَفِصَـٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ

މާނައީ: އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަސީޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާގެ ކިރު ތުނބުން ވީލުންވަނީ، ދެއަހަރުގައެވެ. (ތިމަން ރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫއުވުން ވަނީ ހަމަ ތިމަން ރަސްކަލާނގެ ހަޞްރަތަށެވެ.

މައިންބަފައިންނަށް ކަމޭ ހިތުމާ ބެހޭ ގޮތުން މާތް ރަސޫލާ ކުރެއްވި ހަދީޘެއް ސަހީހް ބުހާރީ ގެނެސްދެއްވިއެވެ. އެކަލޭނގެފާނު ވިދާޅުވަނީ:

އެންމެ ބޮޑު ފާފައަކީ ކޮބާކަން ބުނެދޭންވީ ހެއްޔެވެ؟

އެހިނދު އެކަލޭނގެފާނުގެ ސަހާބީ ބޭކަލުން ވިދާޅުވިއެވެ. "އާދެހެވެ. މާތް ﷲ ގެ ރަސޫލާއެވެ"

ޖަވާބުގައި އެކަލޭނގެފާނު ވިދާޅުވިއެވެ. "އެއީ މާތް ﷲ އަށް ޝަރީކަކުރުމާ މައިންބަފައިންނަށް އިހްމާލުވުމެވެ"

ބަދަލުވަމުން އަންނަ ދުނިޔޭގައި، ތަރައްގީވަމުން އަންނަ މި މުޖްތަމައުގައި މިހާރު ތަކުރާކުކޮށް ފެންނަނީ ދަރިން އެމީހުންގެ މައިންބަފައިންނަށް އިހްމާލުވާތަނެވެ. މަންމަ ނުވަތަ ބައްޕަގެ އެކައުންޓްގައި ހުންނަ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް އޭނގެން ވައްކަން ކުރާ ދަރިންގެ ވާހަކަތައް ނޫސްތަކަށް އަރާވަރު މަދެއް ނޫނެވެ. ޖިސްމާނީ އަނިޔާ ކުރާ ފަހަރު ފަހަރުތައް ވެސް ނޫސްތަކަށް އަރައެވެ. އަދި މިފަދަ އިހުމާލުތައް ނޫސްތަކުގެ ފަލަ ސުރުހީތަކަށް ނުވަތަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނާންނަ ކިތަށް ފަހަރު ހިނގައިދާނެތޯއެވެ. އުމުރުން ދުވަސްވެ ލޯބޯ ކޮށިވި ދުވަހު ދަރިންގެ ފަރާތުން މިފަދަ އިހްމާލާ އަނިޔާ ތަހައްމަލުކުރަމުންދާނެ ކިތައް މަންމަ ނުވަތަ ބައްޕަ އަޅުގަނޑުމެންގެ މި ކުޑަ މުޖްތަމައުގައި އުޅޭނެތޯއެވެ.

މައިންބަފައިންނަށް އަޅާލުމާ އެމީހުން ބަލާ ހެދުމުގެ މާތް ވާޖިބާ މި މުޖްތަމައު ދުރުވާން ފެށީ ކިހިނެއްތޯއެވެ. އެކަމަށް މެދުވެރިވި ސަބަބުތައް ވެސް ގިނަ ނޫންތޯއެވެ.

ޖީލުތަކުގެ ތަރުބިއްޔަތަށް އައި ބަދަލު

ދުނިޔެއާ މުޖްތަމައުގެ އިޖްތިމާއީ ފޭރާމަށް އަންނަ ބަދަލާއެކު އެންމެ ބޮޑު ބަދަލެއް އައި އެއް ކަމަކީ ކުދިން ތަރުބިއްޔަތު ކުރުމަށް އައި ބަދަލެވެ. އިސްލާމް ދީނުގައި ބަޔާންކޮށްފައިވާ ރީތި އުސޫލާ ދުރުވެ ހުޅަނގުން އައިސްފައިވާ ތަރުބިއްޔަތުގެ އެކި އެކި ސިފަތައް ގިނަ މައިންބަފައިންނަށް ކަމުދިއުމެވެ. އެހެނަސް ހުޅަނގުގެ ސަގާފަތުގައި މައިންބަފައިންނަށް ދީފައިވާ ދަރަޖައާއި މުސްލިމް މުޖްތަމައުއެއްގައި މައިންބަފައިންނަށް ދީފައިވާ މަގާމް ހާސް ބައި ތަފާތެވެ. މި ތަފާތު ދެވުނު ތަރުބިއްޔަތުން ނުފެނުމުގެ ނަތީޖާއަކީ މައިންބަފައިންނަށް އިހްތިރާމްކުރަން ދަސްކޮށް ނުދެވިފައިވާ ޖީލެއް ބޮޑުކުރުމެވެ. އަދި ކުދިން ބޮޑުވެގެން ޒިންމާ އުފުލާ އުމުރަށް ދިއުމުން ވެސް އެކުދިންގެ ޒިންމާތަކުގެ ބޮޑު ބައި މައިންބަފައިން އުފުލަން ޖެހުމެވެ. ކިޔަވާ ނިމުމުން ވަޒީފާއަށް ދިއުމުގެ ބަދަލުގައި މައިންބަފައިންގެ ހަރަދުގައި ޅަ އުމުރު ހޭދަކޮށް އެދެމީހުންގެ ހަރަދުގައި ކައިވެނިކޮށް ދިރިއުޅުން ބިނާ ކުރާ މީހުންވެސް މި މުޖްތައުގައި ގިނައެވެ.

ކުދިންނަށް ދެވޭ ތަރުބިއްުޔަތަކުން އެކުދިން މައިންބަފައިންނަށް އިހްތިރާމް ނުކުރުމަކީ އާއްމުކަމެއް/ފޮޓޯ: ގޫގަލް

ބިޒީ ލައިފްސްޓައިލެއްގައި މަންމަ ނުވަތަ ބައްޕައަށް ޖާގައެއް ނެތް

ކިޔަވާ ނިމި އޮފީހުގެ މާހައުލުގެ ތެރެއަށް ނިކުތުމުން ދުވަހުގެ ގިނަ ވަގުތު ހޭދަވާނީ އެކަމުގައެވެ. މަސައްކަތުގައި އަވަދި ނެތި އުޅޭ އިރު ގިނަ ފަހަރަށް އަންނަ ފޯނު ކޯލުތަކަށް ވެސް ޖަވާބު ނުދެވޭ ފަހަރު އާދެއެވެ. ހަމަގައިމު ވެސް މީގެ ތެރެއިން އެންމެ ގިނައިން ތިބާއަށް ނުނެގޭ ފޯނުކޯލަކީ މަންމަ ނުވަތަ ބައްޕަ ކުރާ ފޯނު ކޯލަށް ވާނެއެވެ. އެއީ ދުނިޔޭގެ ހަގީގަތެވެ. ދިރިއުޅުމުގެ ކަންކަމުގައި ތިބާ މަސްއޫލުވެ، ބިޒީކޮށް އުޅޭ އިރު އެންމެ އަވަހަށް އިހްމާލުވެވޭނީ އެއްވެސް ހައްދެއް ނެތި ތިބާ ދެކެ ލޯބިވާ ފަރާތްތަކަށެވެ. ގިނަ ފަހަރަށް މަންމަ ނުވަތަ ބައްޕައަށެވެ. އެދެމީހުންގެ ލޯބީގެ ފުންމިނަކީ ދުނިޔޭގެ އެންމެ ބިޔަ ކަނޑުތަކަށް ވުރެ ވެސް ފުން ފީނާ ވެސް އަނޑި ނުބެލޭނެހާ ވަރުގަދަ ލޯތްބެކެވެ.

ވަޒީފާއެއް ފެށުމުން ތިބާގެ ގިނަ ވަގުތު އެކަމަށް ހުސްކަން ޖެހޭ/ފޮޓޯ: ގޫގަލް

މިހެން ބުންޏަސް މަންމަ ނުވަތަ ބައްޕައާ ދުވާލަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއް ފަހަރު ގުޅައިގެން ވާހަކަ ދައްކާ މީހުންގެ އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނުވާނެއެވެ. ކައިވެނިކޮށްގެން އަމިއްލަ ދިރިއުޅުމެއް ފެށި ނަމަވެސް އެދެމީހުންނަށް ގަވައިދުން ޒިޔާރަތްކޮށް ބަލިވުމުން ޑޮކްޓަރަށް ދައްކަދީ ހަދާ އެމީހުންގެ ބޭނުންތައް ފުރިހަމައަށް ފުއްދައިދޭ ދަރިންވެސް މަދެއް ނުވާނެއެވެ.

ވިސްނަންވީ ކަމަކީ އަމިއްލަ ހަޔާތަށް އަންނަ 'ބިޒީ' ކަމަކީ ތިބާއަށް އެ ބިޒީ ދިރިއުޅުން ހޯދައިދޭން ރެޔާ ދުވާލު މަސައްކަތް ކުރި ދެ މީހުންނަށް އިހުމާލުވީ ސަބަބެއް ކަމަށް ވިޔަ ނުދިނުމަށެވެ.

ހިޔާލުތަފާތުންތަކާ ދެބަސްވުންތަކާ ދެމެދު އުފެދޭ ރުޅިވެރިކަން

ދިވެހި މުޖްތަމައުގައި މިހާރު އާއްމުވެފައިވާ އެއް ކަމަކީ އާއިލާގެ ތެރޭގައި މަންމަ އާ ބައްޕައާ ކުދިންނާ ދެމެދު ޖެހޭ ކުދި ކުދި މައްސަލަތައް ބޮޑެތި ޒުވާބުތަކަށްވެގެން ދިއުމެވެ. ބައެއް ހާލަތްތަކުގައި ޖިސްމާނީ ތަޅާފޮޅުންތަކަށް ވެސް މިފަދަ ހިޔާލުތަފާތުވުންތައް ބަދަލުވެގެންދާ އިރު ޖީލުތަކުގެ ތަރުބިއްޔަތުގެ ތަފާތާއެކު ހިޔާލު ތަފާތުވުންތައް އަންނާނެއެވެ.

މައިންބަަފައިންނާ ކުދިންނާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދުމަކީ މިހާރު އާއްމު ކަމެއް/ފޮޓޯ: ގޫގަލް

ދުނިޔޭގެ ކަންކަމާ މެދު މައިންބަފައިން ދެކޭ ގޮތާ ތަންދޮރު ދަންނަ ބޮޑެތި ދަރިން ދެކޭ ގޮތް ތަފާތުވާނެއެވެ. އެހެން ނަމަވެސް މިފަދަ ކަންކަމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އިސްލާމް ދީނުގައި ވަނީ ކަނޑައަޅާފައެވެ. ކިތަންމެ ރުޅި އަޔަސް މައިންބަފައިންނާ ވާހަކަ ދައްކަން ވަކި ގޮތްތަކެއްވާ ކަން ކީރިތި ގުރުއާނުގައި މާތް ﷲ ވަނީ ބަޔާން ކުރައްވާފައެވެ. ސޫރަތުލް އަލް އިސްރާގެ 23 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރައްވަނީ:

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّۢ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًۭا كَرِيمًۭا

މާނައީ: އެކަލާނގެއަށް މެނުވީ އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭނގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާ އެންގެވީމެވެ. އެދެމީހުން ކުރެ އެކަކު، ނުވަތަ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމައަށް ފޯރައްޖެނަމަ، އެދެމީހުންނަށް 'އުފް' ވެސް ނުބުނާށެވެ. (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ). އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ.! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ.!

މާތް ﷲގެ މި ބަސްފުޅުން ވެސް މައިންބަފައިންނާ މެދު މުއާމަލާތް ކުރަންވީ ގޮތް ސާފުކޮށް އެނގެން އެބައޮތެވެ. އެދެމީހުންނާ ދިމާލަށް އަޑު ހަރުކޮށް ވާހަކަ ދެއްކުމެއް އިސްލާމް ދީނުގައި ނެތެވެ. އަދި ކީއްތަ، ރައްދުގައި އެއްޗެއް ބުނުމެއް ވެސް އިސްލާމް ދީނުގައި ނެތެވެ. އެހެން ނަމަވެސް، މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ހަނދާން ނެތިގެންދާ މުހިއްމު ފިލާވަޅެކެވެ.

މައިންބަފައިންނަށް އަޅާލުމުގައި ހައްދެއް ނެތް

މައިންބަފައިންނަށް ކަމާ ހިތުމުގައި ގެންގުޅެންވީ އެންމެ މުހިއްމު އުސޫލަކީ އެދެމީހުންނަށްޓަކައި ވަގުތު ހުސްކުރުމުގެ އާދަ އަށަގަތުމެވެ.

ބަލި އެނދުގައި އޮތް މަންމައެއްގެ ކައިރީގައި އޭނާގެ ދަރިފުޅު/ފޮޓޯ: ގޫގަލް

ފިހާރައަކުން އެއްޗެއް ގަނެދޭން ވިޔަސް، ހޮސްޕިޓަލަށް ގޮސް މެމޯ ހައްދާ ޑޮކްޓަރަށް ދައްކާލުން ކަމުގައި ވިޔަސް ތިބާގެ ވަގުތު އެބަޔަކަށްޓަކައި ދޭން އެންމެ އައުލާކަން ބޮޑު ބަޔަކީ ތިބާގެ މައިންބަފައިން ކަން ހިތުގެ އަޑިން ގަބޫލުކުރާ ދުވަސް ވެގެންދާނީ އެކަމުން އެތަށް ފައިދާއެއް ލިބިގެންދާނެ ދުވަހަކަށެވެ. އެ'މިސް' ވި ފޯނު ކޯލުގެ ޖަވާބުގައި މަންމަ ނުވަތަ ބައްޕައަށް ގުޅާލީ ގުޅީ ކީއްވެތޯ ސުވާލުކޮށްލައިފިނަމަ ވެސް އެދެމީހުންގެ ހިތަށް އެތަށް ފިނިކަމެއް ލިބިގެންދާނެއެވެ. އަދި ދެން ފަހަރަކުން އެ ފޯނުކޯލު މިސްވިޔަ ނުދިނުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދިއުމުން ތިބާއަށް ލިބޭނެ ގެއްލުމެއް ނެތެވެ. އަމިއްލަ މައިންބަފައިންނާ ބުނަން ބޭނުންވި އެތަށް ބައިވަރު އެއްޗެއް ނުވަތަ ކޮށްދޭން ބޭނުންވި އެތަށް ކަމެއް ކޮށް ނުދެވެނީ އެދެމީހުންނާ އަލްވަދާއުކިޔަން މަޖްބޫރުވި މީހުން ކިތަންމެހާ ވެސް ގިނައެވެ.

މައިންބަފައިންނަށް ކަމޭ ހިތާ ވާހަކައާއެކު ދައްކަން މުހިއްމު ވާހަކައެއް ވެސް އެބައޮތެވެ. ދޮށީ އުމުރުގައި ދަރިން މައިންބަފައިންނަށް އިހުމާލުވުން އާއްމުވެފައިވާ އިރު ކުދިންގެ ޅަ އުމުރުގައި އެކުދިންނާ މެދު އިހުމާލުވެ އަނިޔާކޮށް ހަދާފައިވާ މައިންބަފައިން ވެސް މަދެއް ނޫނެވެ. މަންމަ ނުވަތަ ބައްޕައެއްގެ ޒިންމާ އަދާ ނުކޮށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ އަނދިރިކަމެއްގެ ތެރެއަށް ކުއްޖާ ވައްޓާލާ މައިންބަފައިން ވެސް މަދެއް ނޫނެވެ. ރަހްމާންވަންތަ މާތް ﷲ އަންގަވަނީ މިފަދަ މައިންބަފައިންނަށް ވެސް ހެޔޮކޮށް ހިތުމަށެވެ. އެބަހީ އެކަލާނގެއާ ދެކޮޅަށް ޝިރުކު ކުރުމަށް އެދޭ މައިންބަފައިންނަށް ކިޔަމަން ނުވި ނަމަވެސް އެދެމީހުންނާ ދެމެދު ވެސް ހެޔޮކޮށް ހިތުމަށް ލުގްމާނު ސޫރަތުގެ 15 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރައްވައެވެ.

وَإِن جَـٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌۭ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًۭا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކަކުރުމަށް އެދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެދެބައިމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ހަޞްރަތަށް ކިޔަމަންވެ ރުޖޫއުވީ މީހުންގެ މަގަށް ތަބާވާށެވެ. ދެން ތިޔަބައިމީހުން ރުޖޫއުވުން ވަނީ ތިމަންރަސްކަލާނގެ ހަޞްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ހަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށިކަމެވެ.