އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫންކަމަށާއި މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއްނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ 'ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށެވެ.' އެގޮތުން މިއަދުގެ ހުތުބާގައި ވަނީ މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭކަމަށާއި އަދި ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެގެންވާކަން ފާހަގަކޮށްފައެވެ. ރަމަޟާން މަހަކީ އެ ފަދަ މޫސުމެެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި އަދި އެ މަސް ނިމުނު ނަމަވެސް މުސްލިމުން އަޅުކަމުގައި ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ. "ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މި ދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮ ކަމަށް އެދޭ މީހަކަށް ވާށެވެ! އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިއުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަންނާށެވެ" ހުތުބާގައި ބުނެފައިވެއެވެ..

މީގެ އިތުރުން ހުތުބާގައިވަނީ ނިމިގެން މި ދާ ރަމަޟާން މަހު އަމަލުތައް ހުރި ގޮތާ މެދު ވިސްނާލުމަށާއި ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ގަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ކޮންމެ ދުވަހަކު ގުރްއާނުން ސަފްހާއެއް ނަމަވެސް ކިޔެވުމާއި ހެޔޮ އަމަލުކުރުމުގައި ހީވާގިވުމަށާއި ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށް ދިއުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ އަމަލުތަކެއް ކަމުގައި، ދެކިގެން ނުވާނެކަމަށާއި ކުރެވުނު ހެޔޮ އަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަހުރުވެރިވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ އެ އަމަލުތައް ބާތިލުވެދާނެކަމުގައި ހުތުބާގައިވަނީ ބުނެފައެވެ.

الله سُبْحَانَهُ وَتَعَالَى كَهْفُ ސޫރަތުގައި ބަޔާންކުރައްވައިފައިވާ ދެ ފިރިހެނުންގެ ވާހަކައިގައި ވާ ފަދައިންނެވެ. އެ ތަނުން އެކަކަށް ވީ ކިހިނެއްހެއްޔެވެ؟ އެ ދެ މީހުން ކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ، މާތް ﷲ ދެއްވިއެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރު ރުއްތައް ލެއްވިއެވެ. އަދި އެ ދެމެދުގައި ދަނޑުގޮވާންވެސް ލެއްވިއެވެ. އެއިން އެއްވެސް އެއްޗަކަށް އުނިކަމެއް ނާދެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ވެސް އެކަލާނގެ ދައުރުވާ ގޮތަށް އޭނާއަށް ލެއްވިއެވެ. އަދި އޭނާއަށް އެހެނިހެން މުދާތައް ވެސް ދެއްވިއެވެ. އެހެނަސް އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން ބޮޑާވެފައި ބުންޏެވެ. "ކަލެޔަށްވުރެ އަހަރެންގެ މުދާ މާގިނައެވެ. އަދި އަހަރެންގެ ދަށުގައިވާ މީހުން ގިނަކަމުގެ ގޮތުން، ގަދަފަދަވެފައި އިއްޒަތް ބޮޑެވެ." އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރި ވެގެންވާ ހާލު، އޭނާގެ ބަގީޗާ އަށް ވަދެބުންޏެވެ. "ދުވަހަކު ވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހަރެން ހީއެއް ނުކުރަމެވެ. އަދި ގިޔާމަތް ވާނޭ ކަމަކަށް ވެސް އަހަރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ ހަޟުރަތަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ." ނަމަވެސް މި ބޮޑާ ބަސްތަކުގެ ސަބަބުން އޭނާގެ މުދާތަކާއި ބަގީޗާ، اللّٰهُ سُبُحَانَهُ وَتَعَالَى ހަލާކުކުރައްވައި ނެތިކުރެއްވިއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބޭން ޖެހޭކަމަށާއި ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަގީންވިކަމަށް ދެކިގެން ނުވާނެކަމަށެވެ. އިތުރަށް ހުތުބާގައިވަނީ ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް އަޅުކަމެއް ދޫވެއްޖެނަމަ އެ ކަމާ ދެރަނުވުމަށާއި ވީހައި އަވަހަކަށް އެ އަޅުކަމެއް ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރުމަށް އަމުރުކުރައްވައިފައިވާ އަޅުކަމެއްކަމުގައިވާ ފިތުރު ޒަކާތަކީ ރޯދަ މަހު ރޯދަހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއްކަމުގައި ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.