ގިނަ ބައެއްގެ މެދުގައި މަގުބޫލު ޓިކްޓޮކްގެ ސަބަބުން، އެމެރިކާ ސަރުކާރު ބިރުގަނެ، ޓިކްޓިކް މަނާ ކުރާނެ ކަމުގެ އިންޒާރުތައް ދެމުން ގެންދާ މި ދަނޑިވަޅުގައި އެކުންފުނީގެ ސީއީއޯ ކޮންގްރެސް އަށް ހާޒިރުކޮށް "ފިހެލައިފި" އެވެ.
ޓިކްޓޮކްގެ ސީއީއޯ ޝޯ ޗޫ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރުކޮށް 5 ގަޑިއިރަށް ވުރެ ގިނަ އިރު ވާންދެން ސުވާލު ކުރި އިރު، އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ގިނަ ބަޔަކު ޖޯކުޖަހާ މީމްތައްވެސް ހަދާފައިވެއެވެ.
ޖުމްލަ 2 ބިލިއަން އެކްޓިވް ޔޫސަރުން ބޭނުން ކުރާ އަދި އެމެރިކާގައި އެކަނިވެސް 150 މިލިއަން ޔޫސާސް ބޭނުން ކުރާ ޓިކްޓޮކް ގެ މައި ކުންފުނި ބައިޓްޑާންސް މެދުވެރިކޮށް ޗައިނާއާ އޮތް ގުޅުމާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ސުވާލުކުރުރި އިރު ޗޫއަކީ ޗައިނާ ސަރުކާރަށް މަސައްކަތް ކުރާ މީހެއް ކަމަށާއި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅެން މަސައްކަތް ކުރި ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތަކުރާރުކޮށް ވަނީ ތުހުމަތު ކޮށްފައެވެ. މިކަމާ ގުޅިގެން ޓިކްޓޮކްގެ އިސް އެގްޒެކެޓިވް ވެނެސާ ޕައްޕާސް އެ ވާހަކަތައް ކުށްވެރިކޮށް ބުނެފައި ވަނީ އެއީ "ޒެނޯފޯބިއާގެ އަސްލެއް" ކަމަށެވެ.
ޓިކްޓޮކްގެ ސީއީއޯ ޝޯ ޗޫ އަކީ ސިންގަޕޫރުގެ ރައްޔިތެކެވެ. އިނދެގެން އުޅެނީ އެމެރިކާ އަންހެނަކާއެވެ. ނަމަވެސް ކޮންގްރެސްމަނުން ބުނަނީ ޗޫ އާއި ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސްގެ އެހެން އޮފިޝަލުންނަކީ "ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ހަތިޔާރެއް" އެއް ކަމަށާއި "އެމެރިކާގެ ޖީބުގައި ވާ ޖާސޫސެއް" އެއް ކަމަށެވެ. އެމެރިކާގެ ޖީބުގައި ވާ ޖާސޫސެއް ކަމަށް އެ މާނަ ކުރަނީ، އެމެރިކާގެ ރައްޔިތުންގެ ޖީބުގައި ފޯނު އޮންނަ އިރު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބޭނުންވާ ޖާޖޫސީ މައުލޫމާތު އެއްކުރުމަށެވެ.
ޗޫގެ ޖަވާބުތަކަށް ފަހު އާކަންސަސްގެ ރިޕަބްލިކަން ސެނެޓަރު ޓޮމް ކޮޓަން ވިދާޅުވީ ޓިކްޓޮކްގެ ސީއީއޯ ވަގުތުން ޑީޕޯޓްކޮށް އެމެރިކާއިން ޓިކްޓޮކް މަނާކުރަން ޖެހޭ ކަމަށެވެ.
ޗޫ ހާޒިރުކޮށް ސުވާލު ކުރި މައްސަލަގައި އެމެރިކާގައި ހަރަކާތްތެރިވާ ޗައިނީސް ދަރިކޮޅުގެ އިންވެސްޓަރުންނަށް ނިސްބަތްވާ އަމިއްލަ ޖަމްއިއްޔާ ކޮމިޓީ އޮފް 100ގެ ރައީސް ޒެންގު ހުއަންގް ބުނީ "އަހަރެމެން ބިރުގަންނަނީ، ސަރުކާރުގެ އަމަލުތަކާއި ބަހުރުވަ ބިނާވެފައި އޮންނަނީ، އަހަރެމެންނަކީ ޗައިނާގެ ބަޔަކަށް ވީމަ، ނުވަތަ ޗައިނާއާ ސަގާފީ ގުޅުމެއް އޮވެގެން، އަހަރެމެން ބޭވަފާތެރިވެދާނެ ކަމަށް، ނުވަތަ ޖާސޫސުންނަށް ވެދާނެ ކަމަށް، ނުވަތަ ބޭރުގެ ސަރުކާރެއްގެ ނުފޫޒުގެ ދަށުގައި ތިބެދާނެ ކަމަށް ހީކުރާތީ." އެވެ. އޭނާ ދޭން ބޭނުންވާ މެސެޖަކީ އެމީހުންނަކީ ހަމައެކަނި އެމެރިކާގެ ގައުމީ ސަލާމަތުގެ ޒިންމާއެއް ނޫންކަމަށާއި، އޭގެ ބަދަލުގައި އެމީހުންނަކީ އެމެރިކާގެ ގައުމީ ސަލާމަތުގެ އެސެޓެއް ކަމަށެވެ.
ބައިޓްޑާންސަކީ ޗައިނާގެ ވަރަށް ފުޅާ ސަވައިލަންސް ގާނޫނުތަކެއްގެ ދަށުގައި އޮންނަ ކުންފުންޏަކަށް ވާތީ، ބައިޓްޑާންސަށް އިތުބާރު ނުކުރެވޭ ރަނގަޅު ސަބަބުތަކެއް އެބަހުރިކަމަށް ސޯޝަލް މީޑިއާގައި ގިނަ މީހުން ވަކާލާތު ކުރެއެވެ. ޗައިނާ ސަރުކާރުން ބައިޓްޑާންސަށް ނުރަނގަޅު ގޮތުގައި ޑޭޓާއަށް ވަނުމަށް ޕްރެޝަރު ކޮށްފާނެކަމުގެ ކަންބޮޑުވުންތައް ފިލުވާ ނުލެވޭ ކަމަށް އޭޝިއާގެ އެމެރިކާ މީހުން ބުނެއެވެ. އަދި އެހެނިހެން ގިނަ ކަންކަމުގައި ޗައިނާ ސަރުކާރުން ގެންގުޅޭ އިސްތިއުމާރީ ވިސްނުމަކީ އެމެރިކާގެ މުހިންމު އަސާސްތަކާ ހިލާފު ވިސްނުމެއް ކަމަށްވެސް އޭޝިއާގެ އެމެރިކާގެ ގިނަ ބަޔަކު ބުނެފައިވެއެވެ.
ކަންގް ފޫ އާއި ޗައިނާ ވައިރަހުން ނަފްރަތު އުފެއްދުން
ކޮވިޑް-19 އާ ގުޅިފައިވާ ޒެނޯފޯބިއާ ސާފުކޮށް ފެންނަން ފެށުމުން، ޗައިނާގެ ވަށައިގެން އުފެދިފައިވާ ހޫނު ބަހުގެ ހަމަލާތައް ވަނީ ބަލިމަޑުކަމުގެ ކުރީކޮޅުން ބަދަލުވެފައެވެ.
އޭރު އޭޝިއާގެ އެމެރިކާ މީހުން ބިރުގަތީ "ކަންގް-ފޫ" އާއި "ޗައިނާ ވައިރަސް" ފަދަ އިހާނެތި ލަފުޒުތަކުން ހިތްވަރު ލިބިގެން ހަމަނުޖެހުންތައް އިތުރުވާނެ ކަމުގެ ބިރު އޮތުމުންނެވެ. އެ ބަހުރުވަ އުފެދިގެން އައީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރެއްވުމުގެ ސަބަބުން އެ ގައުމާއެކު ވިޔަފާރީގެ ބޮޑެތި ހަނގުރާމަތަކެއް ހިނގަމުން ދަނިކޮށެވެ. ޓިކްޓޮކް މަނާކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް އެންމެ ފުރަތަމަ ދެއްވީ އެ ދަނޑިވަޅުގައި ކަމުން، އެކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ އެއީ ޒެނޯފޯބިއާ (ނަފްރަތާއި ރުޅިވެރިކަން އުފެއްދުން) އުފައްދަން އެޅި ފިޔަވަޅެއް ކަމަށެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް، ރެންސަމްވެއާ ހަމަލާތަކާއި އެހެނިހެން ހެކް ކުރުމުގެ މަސައްކަތްތަކާ މެދު ފާޅުގައި ކުރިމަތިލާން ޖެހިފައިވާތީ ޗައިނާއާ މެދު ހުރި ކަންބޮޑުވުންތައް ވަނީ އާދައަކަށް ވެފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިންޓަނެޓްގެ ކޮންޓްރޯލް ކޮށް ޗައިނާއާ ކުރިމަތިލާން މަސައްކަތް ކުރާއިރު، ޓްރަމްޕްގެ ސަރުކާރެކޭ އެއްގޮތަށް މިހާރު ވަނީ އަނެއްކާވެސް ޓިކްޓޮކަށް އަމާޒު ކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެމެރިކާ އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެމެދު އޮތް ސްޓްރެޓެޖިކް ވާދަވެރިކަމަށް ހާއްސަކޮށް އާ ކޮމެޓީއެއް އެކުލަވާލާފައެވެ. ކޮމިޓީގެ ފުރަތަމަ އަޑުއެހުމުގައި އެ ޕެނަލްގެ ޗެއާމަން، ވިސްކޮންސިންގެ ރިޕަބްލިކަން ޕާޓީގެ މެމްބަރު މައިކް ގަލަގަރް ވިދާޅުވީ މިއީ 21 ވަނަ ގަރުނު އޮންނާނީ ކިހިނެއްތޯ ބެލުމަށް ކުރަމުންދާ ޖިހާދެއް ކަމަށާއި އެންމެ އަސާސީ މިނިވަންކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
އޭގެ ހަފުތާއެއް ފަހުން އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އަކީ ދުނިޔޭގެ ލީޑަޝިޕުގައި އެމެރިކާ އޮތުމަށް އެންމެ ބޮޑު ނުރައްކާ ކަމަށް އިންޒާރު ދީފައެވެ. އެދުވަހު ނެރުނު އިންޓެލިޖެންސް ކޮމިއުނިޓީގެ ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާއިން އެމެރިކާއާ ވާދަކުރުމަކީ ޒަމާންވީ ޖިއޮޕޮލިޓިކަލް ޝިފްޓެއްގެ ގޮތުގައި އެގައުމުން ދެކޭ ކަމަށެވެ. އެހެންނަމަވެސް، އެމެރިކާގެ ފަރުދުންނާއި މަސްލަހަތުތަކަށް އޮތް އެންމެ ނުރައްކާތެރި ކަމަކީ ނަސްލީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި، ވަކިން ހާއްސަކޮށް މުސްތަގިއްލު ޖަމާއަތްތަކުން ހިންގާ ހަމަނުޖެހުން ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން
އެމެރިކާގެ ކެލިފޯނިއާގެ ޑިމޮކްރެޓިކް ރެޕް، ޖޫޑީ ޗޫ އަކީ ޓެކްސަސްގެ ރިޕަބްލިކަން ޕާޓީގެ ރެޕް ލާންސް ގުޑެންގެ ފާޑުކިޔުންތަކާ މިދިޔަ މަހު ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ. ގުޑެންގެ ވާހަކަތައް އޭނާގެ ކޮންގްރެސްގެ ބައިވެރިން ވަނީ ކުށްވެރި ކޮށްފައެވެ. ނަމަވެސް ޗޫއަށް މި ހާދިސާ ވެގެން ދިޔައީ ޗައިނާގެ ވަށައިގެންވާ ސިޔާސީ ކަންކަމާއި ޓެކްނޮލޮޖީ އާއި ގައުމީ ސަލާމަތުގެ ސަބަބުން އޭޝިއާއާ ދެކޮޅަށް ފިކުރުތައް އުފެދިފައިވާ ކަމުގެ މިސާލަކަށެވެ.
"ޗައިނާއާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމުގެ ސަބަބުން އޭޝިއާއާ ދެކޮޅު ޒެނޯފޯބިއާ އިތުރުވެ، އޭގެ ނަތީޖާ މި ފެންނަނީ،" ސީއެންއެން އަށް ޗޫ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ކެލިފޯނިއާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރެޕް ޔަންގް ކިމް، ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު އޭޝިއާއާ ދެކޮޅު ނަފުރަތުގެ ޖަރީމާތައް އިތުރުވެފައިވާ ކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.
ކިމް ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އޭޝިއަން އެމެރިކަން މައްސަލަތަކަކީ އެމެރިކާގެ މައްސަލަތަކެއް ކަމަށެވެ. އަދި އެމެރިކާގެ ހުރިހާ ރައްޔިތުންނާ މެދު ވެސް އިހުތިރާމާ އެކު އަމަލު ކުރަން ޖެހޭނެ ކަމަށްވެސް ކިމް ވިދާޅުވިއެވެ. އަދި އިހުތިރާމް ކުރުމާއެކު ވެސް ޗައިނީސް ކޮމިއުނިސްޓް ޕާޓީ އިން ދޭ އިންޒާރު ތަކާމެދު ސަމާލުވެ ތިބެވޭނެ ކަމަށް ވެސް ކިމް ވިދާޅުވިއެވެ.