ރ. މީދޫ މިސްކިތެއްގައި ނަށަމުން ޓިކްޓޮކް ކުޅުނު އަންހެން މީހާ ވަކި މުއްދަތެއް ނެތް ގޮތަށް، 'ދަންދާނަ' ގުރޫޕުން ސަސްޕެންޑު ކޮށްފިއެވެ.

މީދޫއަށް އީދު ޝޯ ދިނުމަށް ދިޔަ ނަށާ ގުރޫޕެއްގެ މެންބަރަކު އެ ރަށު މިސްކިތެއްގައި ނަށަމުން ޓިކްޓޮކެއް ކުޅުނު މައްސަލަ ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާއިރު މި މައްސަލަ އާއި ގުޅިގެން އެ އަންހެން މީހާ ނިސްބަތްވާ ދަންދާނަ ގުރުޕޫން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ އެ ވީޑިއޯ މިސްކިތެއް ތެރޭގައި ކުޅެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމަށާއި އެ ކަމުގައި އެ ގުރޫޕުގެ އެއްވެސް ހިއްސާއެއް ނެތް ކަމަށެވެ. މީގެ އިތުރުން އެ ގުރޫޕުން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ގްރޫޕުގެ ދަތުރެއްގައި ކަމަށްވުމުން ގްރޫޕުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް، އޭނާ ވަކި މުއްދަތެއް ނެތި ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އިތުރަށް ދަންދާނަ ގުރޫޕުން ވަނީ އެ ވީޑިއޯ އާއި ގުޅިގެން އެ ގްރޫޕުގެ ނަން ހަޑިވާނެ ގޮތަށް ހަބަރު ނުފަތުރުމަށް އެދިފައެވެ. އަދި ކުރިއަށް އޮތް ދަތުރުތަކުގައި އެ ގުރޫޕުގެ މެންބަރުންގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރުނުވާނެކަމުގެ ޔަގީންކަންވެސް ގުރޫޕުން ވަނީ ދީފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން އަންހެން މީހާ ޓިކްޓޮކް ކުޅުނު މިސްކިތަކީ އެރަށު އާސަރީ މިސްކިތެެކެވެ. އަދި އެއީ މިހާރު ވެސް ނަމާދު ކުރުމަށް ބޭނުންކުރަމުން ދާ މިސްކިތެކެވެ.