ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުން ކުރާ ދިވެހިންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް މިއަދު މަޝްވަރާ ކޮށްފިއެވެ.
މިހާރު ރާއްޖެ އައިސް އުޅޭ ޓިކްޓޮކްގެ އިސް ވަފްދުގެ މެންބަރުންނާއެކު އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
އެ މިނިސްޓްރީން ބުނީ، ޑިޖިޓަލް މޮނިޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ފުރިހަމަ އުފެއްދުންތެރި އިގްތިސޯދެއް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަން އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.
ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްވުމުން ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެކަން އެ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ވަނީ ސޯޝަލް މީޑިއާ އެހެން ޕްލެޓްފޯމް ތަކުން ވެސް ފައިސާ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ޕޭޕަލް އަށް ފައިސާ ޖަމާކޮށް ނެގޭނެ ހިދުމަތް ރާއްޖޭގައި ފަށަން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
ޓިކްޓިކްއާ އެކީ އިކޮނޮމިކް މިނިސްޓްރީން މަޝްވަރާ ކޮށްފައިވާ އިރު، މިހާރު ޓިކްޓޮކް އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލް ވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. ލަވަ ކިޔުމާއި އެކްޓް ކުރަން ޝައުގުވެރިވާ މީހުން އާންމު ވެފައިވާ ޓިކްޓޮކް ގައި ފަންނާނުން އަންނަނީ އެކި ހުނަރުތައް ދައްކާލުމުންނެވެ. އެގޮތުން ތަފާތު ކޮންޓެންޓް ކްރިއޭޓް ކުރާ ޒުވާން އެތައް ބަޔަކު ޓިކްޓޮކް އިން މަޝްހޫރުވަމުން އަންނަ އިރު، ވިޔަފާރިތަކުން ވެސް އެމީހުންގެ ބްރޭންޑްތައް އިސްތިހާރު ކުރުމަށް ޓިކްޓޮކް މިހާރު އަންނަނީ ހިޔާރު ކުރަމުންނެވެ.