އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއު ފެޑޯ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގައި ސޮއި ކުރުމަށް މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ އެ މަޝްރޫއުގައި ސޮއި ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

‎އައްޑޫސިޓީގެ އިސްލާމީ މަރުކަޒުގައި 2 ފަންގިފިލާ ހިމެނުމަށާއި، އެ އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް، 4 ކްލާސްރޫމް، 2 ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީއެއް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

‎އެ އިމާރާތް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ކުރިން ނައިބު ރައީސް ފައިސަލް ވަނީ އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދު ބައްލަވާލައްވާފައެވެ.

‎މިއަދު މެންދުރުފަހު އެމަނިކުފާނު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ ސީނިއާ މެނޭޖްމަންޓާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން އެ ހޮސްޕިޓަލު އިތުރަށް ތަރައްގީކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތައް ފާހަގަކޮށް ހޮސްޕިޓަލަށް އިންސާނީ ވަސީލަތް އަދިވެސް އިތުރަށް ބޭނުންވާކަމާއި ހިދުމަތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން އިތުރަށް ބޭނުންވާކަންކަން އެ ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަމުގެ ތެރެއިން ހައްލު ހޯދެން ހުރިކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނެވެ. މި ދަތުރުފުޅުގައި އައްޑޫސިޓީގެ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ 250 މީހުންގެ ޖާގައިގެ މަސްޖިދުލް ވާލިދައިން މިސްކިތް ފައިސަލް ވަނީ ހުޅުއްވައިދެއްވާފައެވެ.