މެލޭޝިޔާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ސ. ހިތަދޫ މާރިޝް، އާމިނާ އިމީލީ ނާޒިމްގެ ކަށު ނަމާދު މިރޭ ކުރުމަށް ހަމަޖައްސައިފިއެވެ.
މި ކަށުނަމާދު އޮންނާނީ މިރޭގެ މައްރިބު ނަމާދަށްފަހު މެލޭޝިޔާގެ މަސްޖިދު އަލްއިރުސައިދު ސުބަންގު ޖަޔާ ސެލެންގާ ގައެވެ. މެލޭޝިޔާގައި ތިބި އެންމެހައި ދިވެހިން، އިމީލީގެ ކަށުނަމާދުގައި ބައިވެރިވެދިނުމަށް އޭނާގެ އާއިލާއިން ވަނީ އެދިފައެވެ.
އުމުރުން 22 އަހަރުގެ އިމީލީއަކީ މެލޭޝިޔާގެ ޓޭލާސް ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރެކެވެ. އޮކްޓޯބަރު 04 ވަނަ ދުވަހު، އިމީލީ އާއި އިތުރު ދިވެހި ދަރިވަރަކު ގްރެބް މެދުވެރިކޮށް ދަތުރުކުރި ކާރެއް އެހެން ކާރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގަ އެވެ.
މެލޭޝިއާގެ ފުލުހުން ބުނީ މި އެކްސިޑެންޓާއެކު ކާރުގެ އެތެރޭގައި ތާށިވި އިމީލީއަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް، ހާދިސާ ހިނގި ތަނަށް އޭނާ ނިޔާވެފައިވާ ކަމަށެވެ. ފުލުހުން ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، އެކްސިޑެންޓްވި ޓެކްސީ ދުއްވަން އިން ޑްރައިވަރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރުމަށް އެ ފަރާތް 4 ދުވަހު ހައްޔަރުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
