މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ހުޅުދޫގައި މިފްކޯގެ މަސް ފިހާރައެއް ރޭ ހުޅުވައިފިއެވެ.

ހުޅުދޫގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގް ޑައިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މިއީ މުޅި ރާއްޖެއަށް ބަލާއިރު މިފްކޯގެ އަށްވަނަ މަސްފިހާރައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވީ، ހުޅުދޫގައި މަސްފިހާރައެއް ހުޅުވީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާތީ ކަމަށެވެ. ބަނދަރު ސަރަހައްދުގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ރައްޔިތުން ދިރިއުޅޭ އަވަށާ ދުރުވުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ މި ފިހާރަ ހުޅުވުމުގެ މައިގަނޑު ބޭނުން ކަމުގައި އަނަސް ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރުގައި ހުރި ފިހާރަ މަސްވެރިންނަށް ހާއްސަކޮށް، ރަށު ތެރެއިން އާންމުންނަށް ފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ މަގު މިހާރު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަނަސް އިތުރަށް ވިދާޅުވީ، ހަމައެކަނި ފިހާރައެއް ހުޅުވުމުން ކުންފުނީގެ މަސައްކަތް ނުނިމޭ ކަމަށާއި، މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދޭ ކަމަށެވެ.

މިފްކޯ މަސްފިހާރަ އައްޑޫ ހުޅުދޫގައި ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

އެގޮތުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސެއް ގާއިމުކުރުމުގެ މަސައްކަތް ރޭވިގެން ކުރިއަށްދާކަން އިއުލާނު ކުރެއްވިއެވެ. މި މަސައްކަތުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދަށް ކުރިއެރުން ލިބި، ވަޒީފާގެ އައު ފުރުސަތުތައް ފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުދޫއަކީ ހެދިކާ ހެދުން ފަދަ ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރާ ރަށަކަށް ވުމާއެކު، އެ މަސައްކަތްތަކަށް ބޭނުންވާ ތަފާތު ބާވަތްތަކާއި މިފްކޯގެ ހުރިހާ އުފެއްދުމެއް ހެޔޮ އަގުގައި މި ފިހާރައިން ލިބެން ހުންނާނެއެވެ.

މާލެ ސަރަހައްދުން ބޭރުގައި މީގެ ކުރިން އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލައް ސިޓީގައި ވެސް މިފްކޯގެ ފިހާރަތައް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން މާލޭގައި ދެ ފިހާރަ އަދި ހުޅުމާލޭގައި ތިން ފިހާރަ މެދުވެރިކޮށް އެ ކުންފުނީގެ އުފެއްދުންތައް ދަނީ ވިއްކަމުންނެވެ.