ބުލީކުރުމަކީ އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައުގައި އާންމު ކަމެކެވެ. ސްކޫލްގެ މާހައުލުން ފެށިގެން ގޮސް އޮފީހުގެ މާހައުލުގައި ވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ކަށީގައި ހިފާ، ރަނގަޅު ނުކުރެވި އޮތް ބޮޑު މައްސަލައަކަށް ބުލީ ކުރުން ވެފައި ވާއިރު، ބުލީގެ ޝިކާރައަށްވެ ޑިޕްރެޝަންއާ ކުރިމަތިލާން ޖެހި އަމިއްލަ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ އެތައް މައްސަލައެއް މި ރާއްޖޭގައި މީގެ ކުރިން ވެސް ވަނީ ފެންމަތި ވެފައެވެ. އެހެންނަމަވެސް އެ ޑިޕްރެޝަން އަށް ވުރެ ކުރި ހޯދާ އަމިއްލަ ހުނަރު އެހެން މީހުންނާ ހިސާބަށް ފޯރު ކޮށްދޭން ގަދަ އަޅާ މަސައްކަތް ކުރާ މީހުންނާއި ކުދިން މަދުން ނަމަވެސް ފެނެއެވެ. އެގޮތުން ކުޅުދުއްފުށި ސިޓީއަށް އުފަން އުމުރުން 24 އަހަރުގެ ސާމިޔާ އާދަމް އަކީ މިފަދަ މިސާލެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ކުޅުދުއްފުށީ ސްކޫލަކުން ތައުލީމް ހާސިލްކުރަމުން ދިޔަ ސާމިޔާއަށް އަޑު އިވުމުގައި މައްސަލައެއް ދިމާވާކަން އާއިލާއަށް ފާހަގަ ކުރެވުނީ އޭނާގެ އުމުރުން 11 އަހަރުގައެވެ. އާއިލާއިން ވާރުތަކުރާ އަޑުއިވުން ދަށްވާ ބައްޔާއެކު ސާމިޔާގެ އަޑުއިވުމުގެ އެ މައްސަލަ ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އެއާއެކު "އަޑު ނީވޭ، ބީރު" ކުއްޖެއްގެ ގޮތުގައި ލޭބަލްވެ ބުލީކުރުން ވީ ދުވަހެއް ދުވަހަށް އިތުރެވެ. އެކަމަށް ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓުންވެސް ބީރުކަންފަތެއް ދިނުމުގެ ނަތީޖާއަކަށް ވީ ގްރޭޑް 8 އާ ހިސާބުން ސާމިޔާގެ ކިޔެވުން މެދުކަނޑާލާ ކޮޓަރީގައި އިނުމެވެ.
އެ ހުރިހާ ކަމެއް "ދަ ޕްރެސް" އާ ހިއްސާކުރަމުން ސާމިޔާގެ ދައްތަ، އާއިޝަތު އާދަމް (އައިޝާ) ބުނީ އޭނާގެ ބޭބެއަކާއި ދައްތައަކަށް ވެސް އަޑުނީވުމުގެ އެ މައްސަލަ ދިމާވެފައިވާ ކަމަށާއި ސާމިޔާގެ އެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން މާލެއާއި ރާއްޖެއިން ބޭރަށް ގޮސްވެސް ޑޮކްޓަރަށް ދައްކާ ހެދި ކަމަށެވެ. އެހެންނަމަވެސް ކަންފަތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތައް ހަލާކުވެ ދިމާވާ އެ ބައްޔަށް އޮތް ހަމައެކަނި ފަރުވާ އަކީ "ހިޔަރިން އެއިޑް" ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އައިޝާ ވަނީ ބުނެފައެވެ.
ހިއަރިން އެއިޑާ އެކުވެސް ސާމިޔާ އަށް އުނދަގޫ
ހިޔަރިން އެއިޑް އަޅުވާފައި ހުރި ނަމަވެސް ސާމިޔާގެ ފަހަތުގައި ހުރެ މީހަކު ގޮވާލި ކަމުގައި ވިޔަސް އެ އަޑު ނީވޭ ކަމަށާއި ވާހަކަ ދައްކަނީ ކުރިމަތީގައި ހުރެގެންނާއި ލިޔެގެން ކަމަށް އައިޝާ ފާހަގަ ކުރިއެވެ. އައިޝާ ބުނީ ސާމިޔާގެ އެ ބަލި ދެނެގަނެވުނުތާ އަހަރެއްގެ ތެރޭގައި 90 ޕަސެންޓަށް ވުރެ ބޮޑަށް އަޑު އިވުން ދަށްވެފައި ވާއިރު އެންމެ ފަހުން ހެދި އޯޑިއޯ މެޓްރީއިން އަޑުއިވުމުގެ 100 ޕަސެންޓް ދަށްވެފައިވާ ކަން ފާަހަގަ ކުރެވުނު ކަމަށެވެ.
ސާމިޔާއަށް އަޑު ނީވުނަސް ވާހަކަ ދެއްކެއެވެ. އެހެންނަމަވެސް އަޑު ބޭރު ނުވާ ދުވަސް ދުވަސް ދާ ކަމަށާއި އެ މައްސަލަ ދިމާވަނީ އަމިއްލަ އަޑު އަމިއްލަ މީހާއަށް ނީވުމުގެ ސަބަބުން ކަމަށް އައިޝާ ފާހަގަ ކުރިއެވެ. އަދި އެކަން ދިމާވާ ދުވަސްތަކުގައި އެކަން ރަނގަޅު ކުރަން ލިޔެގެން ވާހަކަ ދެއްކުމުގެ ބަދަލުގައި އަނގައިން ވާހަކަ ދައްކަން ބާރު އަޅާ ކަމަށް އައިޝާ ބުނެއެވެ.
ރަށުގައި ހުރެ އިޝާރާތުން ވާހަކަ ދެއްކޭނެ ގޮތެއް ނުވުމާއި އޯޑިއޯ މެޓްރީ ފަދަ ޓެސްޓެއްވެސް ނުހެދުމަކީ މިއަދުވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަން ފާހަގަކޮށް، އައިޝާ ބުނީ އެކަމަށް އެދި ޖެންޑާ މެދުވެރިކޮށް ވެސް އެދުނު ކަމަށާއި އެހެންނަމަވެސް އެކަން ވަނީ ވާ ގޮތް ނުވެފައި ކަމަށެވެ.
ބްލީގެ ޝިކާރައަކަށް ވެ ކޮޓަރީގައި އެކަނިވުން
އައިޝާ ބުނީ ސާމިޔާ ގްރޭޑް 8 އާ ހިސާބުން ކިޔެވުން މެދުކަނޑާލަން ޖެހުނީ ބުލީކުރާވަރުން ކަމަށާއި ބުލީކޮށްގެން ގައިގައި އަތްލާ ހިސާބަށްވެސް ކަންތައްތައް ދިޔަ ކަމަށެވެ. ބުލީގެ ޝިކާރައަކަށް ސާމިޔާ ވީއިރު އޭނާގެ ދިފާއުގައި ބަސް ބުނާނެ އެކުވެރިއަކު ވެސް އޭނާއަކަށް ނުލިބުނެވެ. އެ ހުރިހާ ކަމަކާއެކު ކޮޓަރީގައި ތަޅުލެވި އިންނަން ޖެހުމާއެކު ޑިޕްރެޝަންއާ ކުރިމަތިވިކަން ފާހަގަކޮށް އައިޝާ ބުނީ ސާމިޔާ އަށް ސަލާމަތުން މިއަދު މިހާ ހިސާބަށް އާދެވިފައި ވަނީ އޭނާގެ މަންމަގެ ހިތްވަރުން ކަމަށެވެ.
ސާމިޔާގެ ހުނަރާއި ކުލަ ކުރި މަންޒަރުތައް
ކުރެހުމަށް ލޯބިކުރާ ކުރެހުމުގެ އެ ހުނަރު ލިބިފައިވާ ސާމިޔާގެ ހަމައެކަނި ހިތްހަމަޖެހުމަކީ ކުރެހުމޭ ބުނުމަކުން މުޅިއަކުން ދޮގަކަށްވެސް ނުވާނެއެވެ. އައިޝާ ބުނީ ސާމިޔާ ވަރަށް ރީތިކޮށް ކުރުހާކަން އެނގޭތީ އަބަދުވެސް ކުރުހަން ހިތްވަރުދީ ހަދާ ކަމަށާއި ކޮންމެވެސް މަސައްކަތެއް ފަށަން އަބަދުވެސް ހިތްވަރުދީ އެކަމަށް އެހީތެރިވާނެ ކަމަށް ބުނަމުން އައި ކަމަށެވެ.
އާންމުކޮށް ލަކުޑި ކޮޅު ކޮޅާއި ޕޮޓް ފަދަ ތަކެތީގައިވެސް ސާމިޔާ ކުރުހަމުން އައިއިރު ކުރެހުމުގެ ވިޔަފާރި ފެށުނީ ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި ރައްޓެއްސަކަށް ކުރަހައި ދިން ކެންވަސް އަކާއެކުއެވެ. މިއަދު ސާމިޔާއަކީ ކެންވަސްގެ އިތުރުން ފާރުގައި ކުރެހުމާއި ކައިވެނީގެ ރަނާއި ވެލްކަމް ބޯޑުގެ އިތުރުން ޑެކެރޭޝަންގެ މަސައްކަތަކާއި ފޮޓޯ ނެގުމުގައިވެސް ހުނަރުވެރި ޒުވާނެކެވެ. ގުދުރަތީ މަންޒަރުތަކުގެ ފޮޓޯ ނެގުމަށް ލޯބި ކުރާ ސާމިޔާ ނަގާ ފޮޓޯ ފްރޭމްކޮށްވެސް ހަދައެވެ. މަސް ދުވަސް ހޭދަކޮށް ކޮންމެ ރެޔެއްގެ ހަނދުގެ ފޮޓޯ ނަގާ ހުރިހާ ފޮޓޯއެއް އެއްކޮށްލައިގެން ވެސް ފޮޓޯ ތައްޔާރުކޮށްފައި ހުރެއެވެ. ސާމިޔާގެ އެ މަސައްކަތްތައް އޭނާގެ ޕޭޖުން ފެންނާނެއެވެ.
މިހާތަނަށް ސާމިޔާ ކުރެހި ކުރެހުންތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ކުރެހުން ތަކަކީ މިދިޔަ އަހަރު ބޭއްވި ރިވެލި އެގްޒިބިޝަންގައި މެޑަމް ފަޒުނާ އިބްރާހިމް ބައްލަވާގަތް ކުރެހުމާއި ބޯގަންވިލާ މަލާއި ލިޔުންކޮޅެއް ހިމަނައިގެން ކުރަހާފައިވާ އިތުރު ކުރެހުމެކެވެ.
މަންޒަރުތައް ކުލަ ކުރަން ގޮންޖެހުން ގިނަ
ސާމިޔާގެ މަސައްކަތަށް ބޭނުންވާ ތަކެތި ރަށުން ނުލިބުމަކީ އޭނާގެ މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވާއިރު އޭނާ އެންމެ ދެކެން ބޭނުންވަނީ ބައިވަރު އޯޑަރުތައް ނަގާ އޭނާގެ އެ ހުނަރު ގިނަ ބަޔަކަށް ފެނުމެވެ. އަދި އޮތަންޓިކް މޯލްޑިވްސްއާއި ގެސްޓް ފިހާރަތަކުގައި ސާމިޔާގެ މަސައްކަތް ފެންނަ ގޮތަށް ބެހެއްޓުމަކީ މި ދާއިރާއިން އޭނާ ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ.
މީގެ ކުރިން ސާމިޔާއާ ދިމާވި ކަންކަމުގެ ސަބަބުން މީހުންގެ ތެރެއަށް ނިކުމެ އުޅެން އަދިވެސް އުނދަގޫތަކެއް އޭނާއާ ކުރިމަތިވެއެވެ. އެގޮތުން ރިވެލި އެގްޒިބިޝަން އަކީ ރަށުގައި ބާއްވާ އެގްޒިބިޝަންއެއް ކަމަށް ހީކޮށް ރޮއެ ހެދި ކަމަށާއި އޭނާއަށް ބުލީ ކުރި މީހުންނަށް އެ އެއްޗެހި ފެންނާނެތީއާއި އޭނާގެ މަސައްކަތްކަން އެނގި މީހުން ބަލާ ނުގެންފާނެތީ ރޮއެ ހެދި ކަމަށް އައިޝާ ކިޔައިދިނެވެ. އެހެންނަމަވެސް އެ މުބާރާތުގެ އަމިއްލަ އުފެއްދުންތެރި ކަމުގެ ބައިން 18 އަހަރު އަހަރުން މަތީގެ އުމުރު ފުރައިން ސާމިޔާ ވަނީ 1 ވަނަ ހޯދާފައެވެ.
އަމިއްލަ ނަފްސަށް އޮތް އިތުބާރުން ހިތްވަރު ހޯދުން
ރިވެލި އެގްޒިބިޝަންއަށް ފަހު ސާމިޔާއަށް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަކޮށް، އައިޝާ ބުނީ އެއަށްފަހު އޭނާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެއްޖެ ކަމަށާއި ސާމިޔާ ކުރާ މަސައްކަތް ރީތިކަމަށް އަމިއްލައަށް ގަބޫލުކުރެވިފައިވާ ކަމަށެވެ.
އައިޝާ ބުނީ މީގެ ކުރިއާ އަޅާބަލާއިރު ސާމިޔާ އުޅެމުން އެ ދަނީ އެހެން ދިރިއުޅުމެއް ކަމަށާއި ފިހާރަތަކަށް ގޮސް އަދި ބަހަށް އަރަމުންވެސް އަޑު ނީވޭ ވާހަކަ އަމިއްލައަށް މިހާރު ބުނާ ކަމަށެވެ. އެހެންނަމަވެސް އަމިއްލައަށް ގަބޫލު ނުކުރެވޭ ވަގުތުތައް މިހާރު ވެސް އަންނަ ކަމަށާއި ހާއްސަކޮށް މީހަކު ގުޅާ ވަގުތު ސާމިޔާގެ ކައިރީގައި މީހަކު ނެތް ނަމަ ވަރަށް 'ސަކަރާތް' ވާ ކަމަށް ބުންޏެވެ.
ސާމިޔާއަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައި ވާއިރު އޭނާ ވަނީ ތުއްތަ، ތުއްތަބެ، ދޮންތަ، ކިޑީ، ތުއްތު އަދި މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ މެންބަރުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި ފެށުނީންސުރެ އެހީތެރިވެދިން އަދި ހިތްވަރުދިން ޒިޔާނަތު އާއި އާލިމާ އަށް ސާމިޔާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ވަޒީފާއަކަށް ދިއުމުގެ ވިސްނުން ސާމިޔާ ނުގެންގުޅޭއިރު އޭނާ އިތުރަށް ކިޔަވަންވެސް ބޭނުންވަނީ ކުރެހުމުގެ ދާއިރާއިންނެވެ.
ކުރުހަން ބޭނުންވާ ކުދިންނަށް ސާމިޔާ ދޭން ބޭނުންވާ މެސެޖަކީ އަމިއްލައަށް ކަންކަން ދަސްކޮށްގެން އަމިއްލައަށް އެ ހުނަރު ތަރައްގީ ކުރަން މަސައްކަތް ކޮށްފިނަމަ އެކަމަކީ ވާނެ ކަމެއް ކަމަށެވެ.