ކާގޯ އަދި އޮޕަރޭޝަންސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ މީހެކޭ ބުނުމުން ގިނަ މީހުންނަށް އަދިވެސް ހީކުރެވެނީ އެ މަސައްކަތް ކުރާނީ ފިރިހެނެއް ކަމަށެވެ. ނަމަވެސް ދުނިޔެ ކުރި އަރަމުން އަންނަ އައުމާއެކު މަޑުމަޑުން އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އަންހެނުންގެ އަދަދު އިތުރުވެ، މި ވިސްނުމަށް ބަދަލު އެބައާދެއެވެ.
އެގޮތުން ބަލާއިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޓެލީ އޮފިސަރެއްގެ މަގާމުގައި މަސައްކަތްކުރަމުންދާ ފަރާ އަހްމަދަކީ ވެސް ކުޅަދާނަ މުވައްޒަފެކެވެ. ވަޒީފާގެ މައިދާނުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ފަރާ ފާހަގަކޮށްލެވެއެވެ. 2012 ވަނަ އަހަރު ސާނަވީ ތައުލީމު ފުރިހަމަކުރުމަށްފަހު އެމްޕީއެލްއާ ގުޅުނު ފަރާ، މިހާތަނަށް ވަނީ ކުންފުނީގައި 9 އަހަރުގެ ފުރިހަމަ ތަޖުރިބާ ހޯދާފައެވެ.
ފަރާގެ ވަޒީފާގެ ދަތުރު ފެށުނީ ނޯތު ހާބަރުގެ އެސިސްޓަންޓް އެޑްމިން އޮފިސަރެއްގެ ގޮތުގައެވެ. އޭގެފަހުން، އެޗްއާރު ޑިޕާޓްމަންޓުގެ ސީނިއާ އެޗްއާރު އެސޯސިއޭޓެއްގެ މަގާމުވެސް އަދާކޮށްފައިވެއެވެ. މިހާރު ފަރާ އަދާކުރަމުންދާ ޓެލީ އޮފިސަރުގެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަނދަރަށް އަންނަ ބޯޓުފަހަރުން ބާލާ މުދަލުގެ މައުލޫމާތު ރެކޯޑުކުރުމާއި ކޮންޓެއިނަރު ބޯޓުފަހަރަށް އަރައި، ކޮންޓެއިނަރުތައް ކަނޑައެޅިފައިވާ ސްލޮޓްތަކުގައި ރަނގަޅަށް ބެހެއްޓިފައިވޭތޯ ކަށަވަރުކުރުން ހިމެނެއެވެ.
ވަޒީފާގެ މައިދާނުގެ އިތުރުން ފަރާއަކީ ފުޓްސަލްގެ ހުނަރުވެރި އަންހެން ކުޅުންތެރިއެކެވެ. އޭނާގެ ކުޅިވަރުގެ ކާމިޔާބީތަކުގެ ތެރޭގައި، އެމްޕީއެލްގެ ފަރާތުން 2018، 2019 އަދި 2021 ވަނަ އަހަރު ވިދިވިދިގެން ތިން ފަހަރު ޗެމްޕިއަންސް އޮފް ކްލަބް މޯލްޑިވްސް ކަޕް ހޯދުން ހިމެނެއެވެ. އަދި 2023 ވަނަ އަހަރު އެމްޕީއެލްގެ ސެކަންޑް ޑިވިޝަންގެ އިންޓާ އޮފީސް ހޭންޑްބޯލް ޓޯނަމަންޓުގެ ޗެމްޕިއަންކަންވެސް ހާސިލުކޮށްފައިވެއެވެ.
ފަރާއަކީ ވަޒީފާގެ މައިދާނުގައި ތަފާތު ދާއިރާތަކުގެ ތަޖުރިބާ ހޯދައި، އަދި ކުޅިވަރުގެ ރޮނގުން ވެސް އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ހީވާގި މުވައްޒަފެކެވެ. ފަރާގެ މިފަދަ ކާމިޔާބީތަކަކީ ވަޒީފާއާއި ކުޅިވަރު އެކުގައި ކުރިއަށް ގެންދިއުމުގެ ރީތި ނަމޫނާއެކެވެ.
ފަރާ ފާހަގަކުރި ގޮތުގައި އޭނާއަށް އެމްޕީއެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައީ އެމްޕީއެލްއިން އަންހެނުންގެ ފުޓްސަލް ޓީމެއް އެކުލަވާލުމަށް ކުޅުންތެރިން ހޯދަމުންދިޔަ ދަނޑިވަޅެއްގައެވެ. ފުޓްސަލް ޓީމާ ގުޅުމަށްފަހު، ކުންފުނީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ލިބިގެންދިޔަކަން ފަރާ ވަނީ ފާހަގަކޮށްފައެވެ.
މި ދާއިރާގައި ދިމާވާ ގޮންޖެހުންތައް:
ފަރާ ފުރަތަމަ ޓެލީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއިރު، ޑިޕާޓްމަންޓުގައިވެސް ޓެލީ އޮފިސަރަކަށް އަންހެން މުވައްޒަފެއް ނެތެވެ. އެހެން ނަމަވެސް އެ ފުރުސަތުގައި ފަރާގެ އިތުރުން އެހެން އަންހެން ކުއްޖަކަށްވެސް ޓެލީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެން ގޮސްފައި ވެއެވެ.
ފަރާ ބުނި ގޮތުގައި އޭނާއަކީ ފިނި ކޮޓަރިއެއްގައި ހުރެގެން މަސައްކަތް ކުރާ ހިތްވާ މީހެއް ނޫނެވެ. އަދި މި ވަޒީފާ ލިބި، އެމްޕީއެލްގެ ގުރައުންޑް އޮޕަރޭޝަންގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވިއެވެ. އޭރު މިއީ އަންހެން މުވައްޒަފުން މަސައްކަތްކުރަމުންދިޔަ ދާއިރާއެއް ނޫން ކަމުގައިވީ ނަމަވެސް މި ދާއިރާއިން ތަފާތު އެކި ތަޖުރިބާތައް އޭނާއަށް ވަނީ ލިބިފައެވެ. ފަރާގެ އަމާޒަކީ މި ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަށް ދިއުމެވެ.
ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ އަންހެނުންނަށް ފަރާގެ މެސެޖު:
ފަރާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ އަންހެނުން މި ދާއިރާއިން ފެނިގެން ދިއުމެވެ. މި މަސައްކަތަކީ ވަރަށް ޝައުގުވެރި މަސައްކަތެއްކަން ފާހަގަކޮށް ފަރާ ބުނީ ފަރާމެން މަސައްކަތްކުރާ ޓީމުގައި ތިބެނީ ގިނައިން ފިރިހެން މުވައްޒަފުން ކަމަށެވެ. އެހެންނަމަވެސް އެންމެން ވެސް އަންހެން މުވައްޒަފުންނަށް ވަރަށް އިހްތިރާމާއެކު ޓީމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަކަން ފަރާ ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ހިތްވަރު ލިބޭ ކަމަށް ފަރާ ވަނީ ބުނެފައެވެ.