ބުނާތީ އަޑުއަހަމެވެ. ދިރިއުޅުމަކީ ވަރަށް ފާޑެއްގެ ދަތުރު ނާމާއެކެވެ. ބައެއް ދުވަސްތައް އުފަލުން ފުރިގެންވާއިރު އެއްބައި ދުވަސްތައް ގުނަން ޖެހެނީ ހިތާމައިގައެވެ. އަދި އަނެއް ބައި ދުވަސްތައް ހަތަރު އުދަރެސް ފެނުޖެހިފައި ވެސް ހުންނަން ޖެހެއެވެ. ނަމަވެސް މިހުރިހާ ކަންކަމަކާ ކުރިމަތިލާން ބޭނުން ވަނީ އެމީހެއްގެ ހިތްވަރެވެ. ދިރިއުޅުމުގެ މި އުނދަގޫ ދަތުރުގައި ހާއްސަކޮށް މައިން ދަރިންނަށްޓަކައި ވާ ގުރުބާނީތަކަކީ ދުލަށް ވެސް ނުގެނޭވޭހާ ގިނަ ގުރުބާނީ ތަކެކެވެ. ދިރިއުޅުމުގައި ކޮންމެފަދަ މުސީބާތެއް ކުރިމަތިވި ނަމަވެސް އެކަމަށް އަތުކުރި އޮޅާލައިގެން ކުރިއަށް ދާން އެ މަންމައިން ތިބެނީ ތައްޔާރަށެވެ.

އެގޮތުގެ މަތިން މި ލިޔުމުގައި ވެސް ހިމަނާލަނީ އެފަދަ ޒުވާނެއްގެ ވާހަކައެކެވެ. ދިވެހިން ދަންނަ މޫނެއްގެ ވެރިއެކެވެ. ހީވާގި އަންބެއްގެ ވާހަކައެވެ. ކެތްތެރި މަންމަ އެއްގެ އިތުރުން މުދައްރިބެއްގެ ވާހަކައެވެ. މީހުން މުނިފޫހިފިލުވައިދީ، ކަންކަމަަށް ހޭލުންތެރިވުމަށް ބާރުއަޅާ ޒުވާނެއްގެ ވާހަކައެވެ. ފާތިމަތު އަޒްލިފާ (އަޒޫ)ގެ ވާހަކައެވެ. ޅ. ނައިފަރަށް އުފަން އުމުރުން 30 އަަހަރުގެ އަޒޫ އަކީ ވެސް މި ބުނާ ކަހަލަ ހިތްވަރުގަދަ ފިސާރި ކަނބަލެކެވެ. ހިސާބު ޓީޗިން އިން މިހާރުވެސް ބެޗެލާސް ހަދަމުންދާ އަޒޫ ހުސްވަގުތުގައި ކުރާ މައިގަނޑު ކަމަކީ ކޮންޓެންޓް ކްރިއޭޓް ކުރުމެވެ. އެގޮތުން އޭނާ އަކީ ޒަމާނުއްސުރެ މަޖާ އަދި ދިވެހިންނާ ގުޅޭ އެތައް ޓިކްޓޮކްތައް ހެދުމަށް މަޝްހޫރު އަދި މިހާރުވެސް އެފަދަ ކޮންޓެންޓް ތައް ހެދުމުގައި ދެމިހުރި ކުޅަދާނަ ކަނބަލެކެވެ.

2013 ވަނަ އަހަރު ރަށުގައި އޭލެވެލްއާ ހަމައަށް ކިޔެވުމަށްފަހު އަޒޫ އިތުރަށް ކިޔަވަން ބޭނުންވި ނަމަވެސް އާއިލާގެ ތަނަވަސްކަން ނެތުމުން އޭނާ އަދާ ކުރަން ފެށީ ވަޒީފާއެކެވެ. އެގޮތުން ދެ އަހަރު ދުވަހު ރަށު ސްކޫލުގައި ޕްރީސްކޫލް ޓީޗަރެއްގައި ހޭދަ ކުރި ދުވަސްތަކަކީ ޓީޗަރެއްގެ ބިންގާ އެޅުނު ފުރަތަމަ ފަހަރު ކަމަށް އަޒޫ ކިޔާ ދިނެވެ.

އަޒޫ ކުޑައިރު، އޭލެވެލް ނިންމުމަށްފަހު ކިޔަވަން ބޭނުންވި ނަމަވެސް އޭނާ އަށް ނުކިޔެވުނީ އާއިލާގެ ތަނަވަސްކަން ނެތުމުން

"އަސްލު 12 ކިޔަވާ ނިންމާފައި އޭރު ބޭނުންވީ އެމްއެންޔޫއަށް ޖޮއިން ކުރަން. އެކަމަކު ފެމިލީ ސިޓުއޭޝަން އެއް ދިމާވެގެން މަޑު ކުރަންޖެހިގެން އޭރު ދިޔައީ ވަޒީފާ އަކަށް. އެއީ ޕްރީސްކޫލްގެ ޓީޗާއަކަށް. ދެން ޖޮބް ގެއްލިދާނެތީ ޗައިލްޑްހޫޑް އެޑިއުކޭޝަންގެ ފައުންޑޭޝަން އޭރު ކިޔެވިން" ކިޔަވަން ބޭނުންވި ނަމަވެސް ނުކިޔެވުނު ގޮތް ހިއްސާ ކުރަމުން އަޒޫ ބުންޏެވެ.

އަޒޫ ހިސާބު ކިޔަވާދޭ ޓީޗަރަކަށް ވުމުގެ އަސްލަކީ ކުދި ކުދި ކަންތައްތަކާ ވިސްނުން

ކިތަންމެ ކުޑަ ކަމެއް ދިމާވި ނަމަވެސް ވަރަށް ވިސްނާ ކަމަށާއި އަދި އެކަމެއްގެ ހައްލު ނުލިބޭހާ ހިނދު ސިކުނޑިން އިތުރު ކަމަކަށް ޖާގަ ނުދޭ ކަމަށް އަޒޫ ބުންޏެވެ. ހިސާބު މާއްދާއަށްވެސް ޝައުގުވެރިވީ އެ ސަބަބާ ހުރެކަން ފާހަގަކޮށް އަޒޫ ބުނީ އެ މާއްދާއަކީ ވެސް އާންމު ދިރިއުޅުމާ ވަރަށް ގުޅި ލާމެހިފައިވާ މާއްދާ އެއް ކަމަށެވެ. އެގޮތުން ދިރިއުޅުމުގައި ވެސް މައްސަލައެއް ދިމާވުމުން ހައްލު ހޯދަން މަސައްކަތް ކުރާ ކަމަށާއި ހިސާބު މާއްދާގައި ވެސް ދިމާވަނީ އެހެން ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ގޮތަކުން ވެސް ޖަވާބެއް ހޯދުމަކީ އަބަދުވެސް ކުރާ ހިތްވާ ކަމެއް. އަދި ކުޑައިރު ވެސް ހިސާބު މާއްދާއަށް ޝައުގުވެރިވޭ. އެއީ އަބަދުވެސް މައްސަލަ ހައްލު ކުރުމަށް އެ މާއްދާގައި ޖެހޭތީ. ދިރިއުޅުމުގައި ވެސް މިވަނީ އެހެންނެއްނު" ހިސާބު މާއްދާއަށް ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން އަޒޫ ބުންޏެވެ.

ޕްރީސްކޫލުގައި އަޒޫ ކިޔަވާދޭން އުޅުނު ދުވަސްވަރު ސްކޫލު ކުދިންނާއެކު

ޓިއުޝަން ދޭން ފެށީ އޭރު މާލީ ގޮތުން ދިމާވި ދަތިތައް

މާލޭގައި އޭރު އުޅުން ނަމަވެސް ފުރަތަމަ ދަރިފުޅު ލިބުމުން އާއިލީ ކަމެއް ދިމާވެ އަޒޫ ބަދަލުވީ ނައިފަރަށެވެ. ރަށަށް ބަދަލުވެ ދިމާވި މާލީ ގޮންޖެހުމުންތަކުން އަރައިގަތުމަށް އިތުރު އާމްދަނީ ހޯދުމަށް ފުރަތަމަ އެ މަސައްކަތް ފެށީ ޕްރީސްކޫލް ކުދިންނަށް ޓިއުޝަން ދީގެންނެވެ. ނަމަވެސް ފަހުން ރައްޓިއްސެއްގެ ހިޔާލާއި އަދި އޭނާގެ ވެސް ބައިވެރިވުމާއެކު މަތީ ގްރޭޑްތަކުގެ ކުދިންނަށް ޓިއުޝަން ދިނުމަށް އަޒޫ މަސައްކަތް ފެށިއެވެ. އެ ފަހަރު އަޒޫ އެ މަސައްކަތް ފެށީ ދެމުންދިޔަ ހިދުމަތް ފުޅާކޮށް، އިތުރު ދެ މީހުންނާއެކު ގިނަ ކުދިބަޔަކަށް ޓިއުޝަން ދިނުމުގެ ނިޔަތުގައެވެ.

އެކަމަށް ހާއްސަ ވަކި ތަނެއް ހަދައިގެން ކުރިއަށްވުރެ ވަރުގަދަކޮށް އެ މަސައްކަތް ކުރަމުންދިޔައިރު ބެލެނިވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އަޒޫ ބުންޏެވެ. އެއީ ބެލެނިވެރިން ބޭނުންވި ގޮތަށް ގިނަ މާއްދާތަކެއް އުގަންނާ ދިނުމުގެ މަގު ފަހުވުމުގެ އިތުރުން ކުދިންނަށް ލިބެމުންދިޔަ ކުރިއެރުންތަކާމެދުއެވެ. ކުރިން ގްރޭޑް ހަޔަކާ ހަމައަށް ޓިއުޝަން ނަގައިދިން ނަމަވެސް ޓިއުޝަން ސެންޓަރުގައި ގްރޭޑް 12 އާއި ހަމައަށް ޓިއުޝަން ނަގާ ދިނެވެ. 'ތަސްކީން' ޓިއުޝަން ސެންޓަރުގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ހިދުމަތް ފުޅާ ކޮށް އަޒޫގެ ގޭގައި ވެސް އިތުރު ތަނެއް ހަދައި އެ ހިދުމަތް ދިނުމުގައި ދޮޅު އަހަރު ދުވަސް ހޭދަ ކުރިއެވެ.

ކޮލެޖުގައި ކިޔެވި ދުވަސްވަރު

ނަމަވެސް ޓިއުޝަން ސެންޓަރުގެ ހިދުމަތް ހުއްޓާލަން ޖެހުނީ އެކަމަށް ދޭން ޖެހޭ ވަރަށް ވަގުތު ނުލިބުމުގެ އިތުރުން އަޒޫއާއެކު ޓިއުޝަން ދެމުންދިޔަ އަނެއް ބައިވެރިޔާ މާލެ ބަދަލުމުންނެވެ. ދެން ބާކީ ތިބި ޓީޗަރުން ވެސް އެކި ސަބަބު ތަކާހުރެ ޓިއުޝަން ދިނުން ހުއްޓާލި ނަމަވެސް އަޒޫ ދިޔައީ ވަކި ވަކި ކުދިންނަށް އެ ހިދުމަތް ދެމުންނެވެ.

އެ ދުވަސްވަރު ޓިއުޝަން ދެމުންދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހި ހުރެ އަޒޫ ބުނީ ކަލަންޑަރުގައިވާ ހާއްސަ ދުވަސްތައްކަށް ޓިއުޝަން ސެންޓަރުގައި އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި ހަމައެހެންމެ އެކި ކަހަލަ ފެއާތަކާއި އެހެނިހެން ކަންކަން ވެސް ހިމަނައިގެން ޓިއުޝަން ދިނުމުގެ އަސްލަކީ ބެލިނިވެރިން އެ ކަންތައްތައް ބަލައިގަތުން ކަމަށް ވެއެވެ.

އަޒޫ، ގިނަ ގޮންޖެހުންތަކާއެކުވެސް އޭނާ ދެއްކީ ހިތްވަރު

އަޒޫ މިހާރު ޓިއުޝަން ދެނީ އޮންލައިންކޮށް ބްރައިޓްސް މައިންޑް ޓިއުޝަން ސެންޓަރުގައި

ދިރިއުޅުމުގައި ދިމާވި ވަރަށް ބޮޑު އަޑި ގަނޑިކަށްފަހު އަޒޫ ނިންމީ އޮންލައިންކޮށް ޓިއުޝަން ދިނުމަށެވެ. އަދި އެކަން ކުރުމުގެ ހިޔާލު އަޒޫ އަށް ދިނީ އޭނާގެ ގާތް ރައްޓިއްސެކެވެ. ކުރިން ޓިއުޝަން ދެމުން އައި ގޮތަށް އެ ހިދުމަތް ހުއްޓާލުމަށްފަހު އޮންލައިންކޮށް އެކަން ކުރަން އަޒޫ ނިންމި ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ވަކިން އެހެން ގެއަކަށް ދިރިއުޅުން ބަދަލުވުމާއެކު ޓިއުޝަން ދިނުމަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

އާ ގެއަކަށް ބަދަލުވުމަށްފަހު އަޒޫ ފުރަތަމަ މަސައްކަތް ފެށީ ކުދިން ގެއަށް ގެނެއުމުގެ ބަދަލުގައި އޮންލައިންކޮށް ޓިއުޝަން ދިނުމަށް ފުރުސަތު ހުޅުވާލުމަށެވެ. އެކަމަކު އެގޮތަށް ކުއްޖަކު ނުލިބުމުން އަނެއްކާވެސް އެ ހިދުމަތް ދިނުމުގެ މަސައްކަތް އޭނާ ފެށީ އަލަށް ބަދަލުވި ގޭގައެވެ. އެވަގުތު އުޅެމުންދިޔަ ގޭގެ ޖާގަ ހުރި ގޮތުން ވަށް މޭޒެއްގެ އިތުރުން އެހެން މޭޒެއްގައި 7-8 ވަރަކަށް ކުދިން ބައިތިއްބައިގެން 5 ވަރަކަށް މަސްވަންދެން އި ހިދުމަތް އޭނާ ދިޔައީ ދެމުންނެވެ.

އަޒޫ މިހާރު ދިރިއުޅޭ ގެއަށް ބަދަލު ވުުމަށްފަހު

އެގޮތަށް ޓިއުޝަން ދެމުން ދަނިކޮށް ބްރައިޓްސް މައިންޑުން ފުރުސަތު ލިބުމުން ރަށުން އޭރު ޓިއުޝަން ދެމުންދިޔަ ކުދިންނަށް ޓިއުޝަން ދިނުން ހުއްޓާލި ކަމަށާއި އެގޮތަށް އެ ނިންމުން ނިންމަން ޖެހުނީ ވެސް ވަގުތު ނުލިބުމުގެ އިތުރުން ޖާގައިގެ ދަތި ކަމުން ކަމަށް އަޒޫ ކިޔާދިނެވެ. އަދި އެކަން ކުރީ ދުރާލާ ބެލެނިވެރިންނަށް ވެސް އަންގައިގެން ކަމަށާއި ދަރިވަރުންނަށް ގެއްލުން ނުވާނެ ގޮތަކަށް ހިދުމަތް ދިނުން ހުއްޓާލުމަށް އިސްކަން ދިން ކަމަށް އޭނާ ބުންޏެވެ.

"އޭރު އެހެން ގެއަކަށް ބަދަލުވި ފަހުން ޓިއުޝަން ދެމުން ދިޔައީ ކާ މޭޒު ދޮށުގައި. ވަށް މޭޒަކާއި އެހެން މޭޒަކާ އެއްކޮށް އެއީ، 8 ވަރަކަށް ކުދިން އެ ދެ މޭޒު ދޮށުގައި ތިބެވޭނީ. އެހާ ވެސް އުނދަގުލުގައި ޓިއުޝަން ދެމުން ދިޔައީ"
ކުދިން ދޫކޮށްލަންޖެހުނު ސަބަބު ހިއްސާ ކުރަމުން އަޒޫ ބުންޏެވެ

މާލޭ ސަރަހައްދުގެ ޓިއުޝަން ސެންޓަރަކުން އޮންލައިންކޮށް ކިޔަވާދިނުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ވަރަށް އުފާވާ ކަމެއްކަން ފާހަގަކޮށް އަޒޫ ބުނީ ފުލް ޓައިމް އެ ވަޒީފާ ލިބުމުން ދިރިއުޅުން ހަމަޔަކަށް އެޅުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. އަދި އެ ފުރުސަތު ލިބުނީ އެކަމަށް އޭނާ އެންމެ ބޭނުން ޖެހިގެން ހުރި ދުވަސްވަރު ކަމުން އެ ނިއުމަތަށް އަޒޫ ޝުކުރުވެރިވެއެވެ.

30 އަހަރުގެ އަޒޫއަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއް

ޓިކްޓޮކް އަށް ވަނީ ސަކަރާތަށް ނަމަވެސް އެ ދާއިރާގައި އަޒޫ ދަނީ ވަރަށް ބާރަށް ކުރިއަށް

ޓިކްޓޮކްގައި ވީޑއޯ ހަދަން ފެށީ ރައްޓިއްސަކާއެކު ސަކަރާތަކަށް ކަމަށް އަޒޫ ބުންޏެވެ. ޓިއުޝަން ދިން އިރު އަޒޫ އާއި އެންމެ ކައިރީގައި އުޅުން އެ ރަހުމަތްތެރިޔާ އާއި އެކު ވީޑިއޯ ހެދި ނަމަވެސް އެ މަންޒަރުތައް އޭރު ފޮނުވަމުންދިޔައީ ގާތް ރައްޓެހިންނަށް އެކަންޏެވެ. ދެން އިތުރު ރައްޓެހިންގެވެސް ހިޔާލައި މަޝްވަރާގެ މަތިން އަޒޫ އާންމުނަށް ހިއްސާ ކުރުމަށް ވީޑިއޯ ހަދަން ފެށުމަކީ މި ދާއިރާއިން މަސައްކަތް ކުރަން ފެށުނު ގޮތް ކަމަށް އޭނާ ކިޔާދިނެވެ.

އެ ކަމަށް އެއްބސްވި ރައްޓެހިންގެ އިތުރުން ބައެއް ރައްޓެހިން އެކަމާ ހިތްހަމަނުޖެހުނެވެ. އެއީ އޭގެ ސަބަބުން އަޒޫއަށް ފުރައްސާރަ އާއި ބުލީގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރާއެކުއެވެ. ނަމަވެސް ގިނަބައެއްގެ އެއްބާރުލުމާއި ހިތްވަރުން އަޒޫގެ ފުރަތަމަ ވީޑިއޯ އާންމުންނަށް ދޫކޮށްލީ 2019 ވަނަ އަހަރުއެވެ. ވީޑިއޯ ޕަބްލިކަށް ހިއްސާ ކުރުމުން މަދު ބައެއްގެ ފަރާތުން ނެގެޓިވް ކޮމެންޓު އައި ނަމަވެސް ޖުމްލަ ގޮތެއްގައި ގިނަ ބައެއްގެ ފަރާތުން ލިބުނު ލޯތްބަކީ އަޒޫ މި ދާއިރާގައި ދެމިހުރި މައިގަނޑު ސަބަބު ކަމަށް ވެއެވެ.

ވީޑިއޯތައް ހެދުމުގައި ވެސް ޓްރެންޑުތަކަށް ފޮލޯ ކުރާ ކަމަށާއި ނަމަވެސް އެ ޓްރެންޑު އިން ގޮތަށް ގެނެސްދިނުމުގެ ބަދަލުގައި އިތުރަށް ފުރިހަމަކޮށް ވީޑއޯ ގެނެސްދިނުމަށް ސަމާލުކަން ދޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ގިނަ ބަޔަކަށް ކަމުދިޔަ 'އުނދަގޫ ބޮޑު އަވައްޓެރިޔާ' ސީރީޒްގެ ގެ އެކި މަންޒަރުތަކަކީ ހަގީގީ ހާދިސާތަކުގެ މައްޗަށް ހަދާފައިވާ ވީޑިއޯތަކެއް ކަމަށް އަޒޫ ކިޔާ ދިނެވެ. ނަމަވެސް އާންމުންނަށް އެ ވީޑިއޯތައް ގެނެސްދެމުންދިޔައީ ކަންތައް ހިނގާ ދިޔަ ގޮތައް ކުދި ކުދި ބަދަލުތައް ގެނައުމަށްފަހުއެވެ.

https://www.tiktok.com/@fathimath_azlifa/video/7479052967627230471?_t=ZS-8v9nwOiDXsY&_r=1

ބޮޑު ހިނިތުންވުމަކާއެކު ވީޑިއޯ ހެދި ނަމަވެސް އަޒޫގެ މާޒީގައި ވަނީ ހިތްދަތިކަން

އެކި ޓިކްޓޮކް ވީޑިއޯ ކްލިޕްތަކުން އާންމުން ހެއްވާލަ ދިން ނަމަވެސް އަޒޫ ވަނީ ދިރިއުޅުމުގައި ވަރަށް ބައިވަރު ގޮންޖެހުންތަކާ ކުރިމަތިލާފައެވެ. އެގޮތުން ދެ ދަރިން ލިބުމަށްފަހު ވެސް 7 އަހަރުވީ ކައިވެނި ރޫޅުމާއެކު ދިމާވި ކަންކަމާ އޭނާ ކުރިމަތިލީ ކަށިން ނެރެ ހިތްވަރު ލައިގެން އެ ދެ ދަރިންގެ ހައްގުގައެވެ. ކައިވެނި ކުރުމަށްފަހު ވެސް އެކި ގޮންޖެހުންތައް ކުރިމަތިވި ކަން ފާހަގަކޮށް އަޒޫ ބުނީ ވަރި އާއި ހަމައަށް ދިޔައީ ވަރަށް ވިސްނުމަށްފަހު ކަމަށެވެ. އެއީ ހުދު އަޒޫ ވެސް އުޅުނީ ބައްޕައެއްގެ ލޯބި ނުލިބި ކަމަށްވުމުން އެ ތަޖުރިބާ ދަރިންނަށް ދިނުމަކީ އޭނާ އެންމެ ބޭނުންވި ގޮތެއް ނޫނެވެ.

ހިތާއި ދެކޮޅަށް ވަރިވާން ނިންމި ނަމަވެސް ދަރިން ތިބުމާއެކު ވަރި ވެވުނީ ވަރަށް އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހުކަން ފާހަގަކޮށް އަޒޫ ބުނީ އެގޮތަށް އެކަން ވުމުން އެތައް ދުވަހަކު ޑިޕްރެޝަން އާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނަ ފާހަގަ ކުރީ ވަރި ވުމަށްފަހު ވެސް ލިބެމުންދިޔަ އިންޒާރު ތަކަށެވެ. އަދި އެ ހުރިހާ ކަމަކުން އަރައިގަތުމަށް ތެރެޕީ ވެސް ނެގި ކަމަށް އަޒޫ ބުންޏެވެ.

އަޒޫ މާބަނޑު ދުވަސްވަރު

ލޯބިން ކުރި އަލަތު ކައިވެނި އުންމީދު ކުރި ގޮތާއި ހިލާފަށް ނިމުމަކީ އަޒޫއަށް އޭގެ ސަބަބުން އުނދަގޫވި އެންމެ ބޮޑު އެއް ކަންތަކެވެ. އަދި ހަމަ އެހެންމެ ދަރިންގެ މުސްތަގްބަލަށްޓަކައި އޭނާ ކުރަހާފައިވާ ކުރެހުންތަކުގައި ކުލަ ނުޖެއްސިދާނެ ކަމުގެ ބިރަކީ ވެސް އޭނާ ކުރިމަތިލާން ޖެހުނު ކަންކަމެވެ. ކުޑައިރު ވެސް އެކި ކަހަލައިގެ ގޯނާ އާއި ކުރިމަތިލާންޖެހުނުކަން ފާހަގަކޮށް އަޒޫ ބުނީ އެ ކައިވެނީގައި ދިމާވި ކަންކަމުގެ ސަބަަބުން އިތުރަށް އުނދަގޫވި ކަމަށެވެ.

މި ހުރިހާ ކަމަކާއެކު ވެސް އަޒޫ ގަދަ ހިތްވަރާއެކު މަސައްކަތް ކުރީ ކުރިއަށް ދެވޭތޯއެވެ. އެކަނި މައި އެކަނި ދެ ކުދިން ގޮވައިގެން އެ ކުދިންގެ ޒިންމާތައް ނަގަމުން އަދި އާމްދަނީ ހޯދުމަށް އެހެން ކުދިންނަށް ޓިއުޝަން ދިނުމާއި ކޮލެޖުގައި ކިޔަވަން ޖެހުނު ދުވަސްވަރަކީ އަޒޫ ސިފަ ކުރި ގޮތުގައި ހަޔާތުގައި ދިމާވި ވަރަށް އުނދަގޫވި ދުވަސްތަކަކަށެވެ. އަދި ވަކި ހިސާބަކުން ކުޑަ ދަރިފުޅު ނިންދެވުމަށް ބޭބީ ސިޓާއެއް ގޮވައިގެން ހޭދަކުރި ހަތް މަސްދުވަހަކީ މާލީ ގޮތުން ވެސް އުނދަގޫތަކެއް ކުރިމަތިވި ދުވަސްތަކެއް ކަމެއް ކަމަށް އަޒޫ ބުންޏެވެ.

އެ ހުރިހާ އުނދަގޫ ދުވަސްތަކެއްގައި ވެސް ގެއްލި ނުދިޔަ އެއްޗަކީ އަޒޫގެ ހިތްވަރާއި މައިވަންތަކަމުގެ ލޯތްބެވެ. އެ އުނދަގޫ ދުވަސްވަރުވެސް ހިނިތުންވުމާއެކު ދަރިންނާ މުހާތަބުކޮށް އެ ކުދިންގެ އުފާތަކަށް އިސްކަންދެވޭތޯ މަންމައެއްގެ ހައިސިއްޔަތުން އަޒޫ ދިޔައީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

އަޒޫގެ ލޮލުގެ ކޮއި ކަމުގައިވާ ދެ ދަރިންނާއެކު

މިހާރުގެ ފިރިމީހާ އަކީ ރަހުމަތެއް: އަޒޫ

އަޑި ގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ކަން ފާހަގަކޮށް އަޒޫ ބުނީ މިހާރުގެ ފިރިމީހާ ލިބުމަކީ ލިބުނު ވަރަށް ރަނގަޅު އުސްގަނޑެއް ކަމަށެވެ. އަޒޫ އާއި އެކު ދެ ދަރިން ބަލައިގަނެ އެ ދެ ކުދިންނަށް ވެސް ރަނގަޅު މުސްތަގްބަލެއް ހޯދާ ދިނުމަށް މަސައްކަތް ކުރާތަން ފެނުމަކީ އަޒޫ މިހާރު އެންމެ ހިތްހަމެޖެހޭ އެއް ކަންތަކެވެ. އެކަނި އުޅޭތާ 18 މަސްދުވަސް ފަހުން މިހާރުގެ ފިރިމީހާ އާއި ދިމާވިއިރު އެ ދުވަސްވަރަކީ މީހުންނަށް އިތުބާރު ކުރަން ވެސް އުނދަގޫވެފައި ހުރި ދަނޑިވަޅެއް ކަމަށް އަޒޫ ބުންޏެވެ.

ނަމަވެސް އެ ހުރިހާ ކަމަކުން ވެސް އަރައިގަތުމަށް ފިރިމީހާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބުނު ކަން އަޒޫ ފާހަގަ ކުރީ ޝުކުރުވެރިވާ ހާލުއެވެ. ހަޔާތުގެ އުނދަގޫ ހާލަތެއްގައި ހުއްޓާ މިހާރުގެ ފިރިމީހާ ލިބުމަކީ އަޒޫ ސިފަ ކުރި ގޮތުގައި ރަހުމަތެކެވެ.

އަޒޫ މިހާރުގެ ފިރިމީހާއާއެކު

ނެގެޓިވް ކޮމެންޓުތަކަށް އަޒޫ ރައްދެއް

ނުދޭ

ހުރިހާ އެންމެން ހިތް ހަމަޖައްސާ ނުދެވޭނެކަން ފާހަގަކޮށް އަޒޫ ބުނީ ކުރިން އެކަން ކަމާ ވިސްނާ ފިކުރު ކުރި ނަމަވެސް މިހާރު އެކަން ކަމަށް މާބޮޑު ސަމާލު ކަމެއް ނުދޭ ކަމަށެވެ. އަދި މީހުން އެއްޗިސް ނުކިޔާނޭ ގޮތަކަށް ނުވެސް އުޅެވޭނެ ކަމަށް އަޒޫ ބުންޏެވެ. މީގެ އިތުރުން ވެސް ލިބޭ ބަދު ބަހަށް ވުރެ ގިނައިން މީހުންގެ ފަރާތުން ލޯބި ލިބޭ ސަބަބަކީ ނެގެޓިވް ކޮމެންޓުތަކަށް އޭނާ އެހާ ސަމާލުކަން ނުދޭ ސަބަބުވެސް މެއެވެ.

ދިރިއުޅުމުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަމިއްލަ ގެއެއް ބިނާކޮށްގެން އެ ގޭގައި އުޅެވޭނެ ދުވަހެއް ކަމަށް އަޒޫ ބުންޏެވެ. އަދި ހަމަ އެހެންމެ ކޯސް ނިންމުމަށްފަހު އަމިއްލަ ކްރިއޭޓިވިޓީން ކޮންމެވެސް މަސައްކަތެއް ކުރުމަކީ އަޒޫ ދެކެން ބޭނުންވާ ދުވަހެކެވެ.

ކުރިން ކިތަންމެ ގޯސްކޮށް ކަންތައް ދިމާވި ނަމަވެސް އަޒޫ މިހާރު ހުރީ އުފަލުން

އަޒޫ މިހާ ހިސާބަށް އާދެވުނީ ވަރަށް ހިތްވަރާއި ގިނަބައެއްގެ އެހީތެރިކަމާއެކު

ދިރިއުޅުމުގައި މިހާ ހިސާބަށް ވާސިލް ވުމަށް ގިނަ ގޮންޖެހުން ތަކާ ކުރިމަތިލެވުނު ކަން ފާހަގަކޮށް އަޒޫ ބުނީ އެ ވަގުތު ތަކުގައި ވެސް ގިނަ ބަޔަކު އަޒޫއަށް އެހީތެރިވެދިން ކަމަށެވެ. އެގޮތުން ބޭބެ، ފިރިމީހާ އާއި ރައޓެހިންގެ އިތުރުން ކުރީގެ ފަހަރީ އަކީ އަބަދުވެސް ވަރަށް ގާތުން ހިތްވަރުދިން ބައެއް ކަމަށެވެ.

އަދި ޓިކްޓޮކް ކޮމިއުނިޓީގައި އުޅޭ ގިނަ ބައެއްގެ ފަރާތުން ވެސް ހީނުކުރާފަދަ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށާއި ދިރިއުޅުމުގައި ދިމާވި ކަންކަމަށް އެއްބާރުލުން ދިން ކޮންމެ މީހަކަށް ވެސް ހިތުގެ ފުންމިނުން އަޒޫ ޝުކުރު އަދާ ކުރިއެވެ.

އަޒޫ

އަދި ދިރިއުޅުމުގައި ކުރިން ދިމާވި ކަންތައްތަކަށް ބެލުމުގެ ބަދަލުގައި އަޒޫ މަސައްކަތް ކުރަނީ މުސްތަގްބަލް އުޖާލާ ކުރުމަށް މަސައްކަތް ކުރުމަށެވެ. އެ ކަންތައްތަކުން ފިލާވަޅު ލިބި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އަޒޫ ދަނީ އުފަލާއި ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. މިއީ އަމިއްލަ ނަފްސުގެ އިތުރުން ދެ ލޮލުގެ ނޫރު ކަމުގައިވާ ދެ ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދާ ދިނުމަށް މަންމައަކު ކުރަމުންދާ ބުރަ މަސައްކަތް ވެސް މެއެވެ.