ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިއާގެ ސަބްމެރީންތަކުގައި ބޭނުން ކުރަން ގެންދިޔަ ކްރޫޒް މިސައިލްތަެއް ޔޫކްރައިނުން ގޮއްވާލައިފިއެވެ.

ޔޫކްރައިނުން އެކަމުގެ ޒިންމާ އުފުލާ ބުނީ މިސައިލްތައް ގޮއްވާލީ، އެތަކެތި އެއްގަމު މަގުން ރެއިލް ގައި އުފުލަނިކޮށް ކަމަށެވެ.

މިތަކެތި ގޮއްވާލި ހާދިސާ އާ ގުޅިގެން ކްރިމިއާ އަދި އެތަކެތި ގޮވި ސަރަހައްދަށް ރަޝިއާއިން ކަނޑައަޅާފައި ތިއްބަވާ ގަވަރުނަރުން ވިދާޅުވީ، އެ ހަމަލާ ދީފައި ވަނީ ޑްރޯނުން ކަމަށާއި، ހަމަލާގެ ކުރިން ޑްރޯން އުދުހޭ އަޑު އިވިވަޑައިގެންނެވި ކަމަށެވެ. އަދި އެ ހަމަލާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އުމްރާނީ ބައެއް ވަސީލްތައް ކަމަށް ވާ، ސްކޫލަކާއި، އާންމުން ދިރިއުޅޭ ބައެއް އިމާރާތްތަކުގެ އިތުރުން، ގްރޮސަރީ ސްޓޯރެއްގައި އަލިފާން ރޯވުމުގެ އިތުރުން ކަރަންޓް ފޯރުކޮށްދޭ ވިއުގައަކަށްވެސް ގެއްލުން ލިބުނު ކަމަށެވެ.

މިހާދިސާ ހިނގާފައިވާ ކަން ރަޝިއާގެ އިދާރާތަކުން ޔަގީން ކޮށްދިން ނަމަވެސް މިސައިލްތައް ގޮވި ކަމަކަށް ނުބުނެއެވެ.

ރަޝިއާގެ އުފެއްދުމެއް ކަމަށް ވާ ކަލިބްރް މިސައިލަކީ، ސަބްމެރީންގައި ހަރުކޮށްގެންވެސް އަމާޒަށް ފޮނުވާލެވޭ ކްރޫޒް މިސައިލެކެވެ. ޔޫކްރައިން ހަނގުރާމައިގައި އާންމުކޮށް ބޭނުން ކުރާ މި ބާވަތުގެ މިސައިލް ހަމަލާތަކުގައި ހުސްވި އަހަރުވެސް 22 މީހަކު މަރުވެފައި ވާ ކަމަށް ޔޫކްރައިންގެ އިދާރާތަކުން ބުނެއެވެ.

ޔޫކްރައިންގެ ހަނގުރާމަ އިތުރު ހަރުފަތަކަށް ގޮސްފައި ވާ އިރު، ރަޝިއާގެ ފައުޖުތަކުން ދަނީ މަޑުމަޑުން ކުރިއަރަމުންނެވެ. އެގޮތުން ޑޮމްބަސް ސަރަހައްދުގެ ބޮޑުބައެއް ރަޝިއާއިން ވަނީ ހިފާފައެވެ.

ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ ދަހޭގްގައި ހުންނަ ކްރިނިމަލް ކޯޓުން ޕުޓިން ހައްޔަރު ކުރަން އަމުރެއް ނެރެފައި ވާ އިރު، ހުޅަނގާއި އެމެރިކާގެ މަދަދާއެކު ޔޫކްރައިން ގެންދަނީ ޕުޓިން ވަށާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިގުތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، އދ ގެ އިދާރާގައި ރަޝިއާ ކުށްވެރި ކުރުމަށް ގަރާރު ހުށަހެޅުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.