އެމްއެންޕީގެ ރިޔާސީ ކެޑިޑޭޓަށް ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމީ ޖަލްސާ މެއި މަހު 5 ވަނަ ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.
މިކަން އިއުލާން ކުރެއްވީ އެމްއެންޕީގެ ހިންގާ ގައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއެވެ.
މީގެ އިތުރުން ރިޔާސީ ކެޑިޑޭޓަށް ޕާޓީ ޓިކެޓް ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލް ކަމަށްވެސް ރިޔާސަތުން ވަނީ އިއުލާނު ކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އެމްއެންޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ވެސް ނާޒިމް އެކަންޏެވެ. އެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންވެ، ނާޒިމަށް ރިޔާސީ ޓިކެޓް ކަށަވަރުވީއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރު ވަމުން އަންނަ އިރު، ރިޔާސީ ޓިކެޓް މިހާތަނަށް ކަށަވަރުވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އާއި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ނެރެން ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު ގާސިމް ނޫން ބޭފުޅަކަށް އެޕާޓީން އެ ޕްރައިމަރީގައި ވާދަ ކުރަން ނުކެރޭނެ ކަމަށް މަަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ދެން އުޅެނީ އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންނެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.