ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް އިދިކޮޅު މުޒާހަރާގެ ތެރެއަށް ވަނުމަކީ ރޭވުމެއްގެ ތެރެއިން ކުރި ކަމެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރޭ އިދިކޮޅުން ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

ރައީސްގެ މޮޓޯކޭޑްއަށް ހުރަސްއެޅި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ހިމެނެއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، މިރޭގެ ސުލްހަވެރި އިހުތިޖާޖު ލީޑްކޮށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ ޖިނާއީ ކުށުގެ ޓެގް އަޅުވާ ޝިޔާމް ހައްޔަރު ކުރުން ބަލައެއް ނުގަންނަ ކަމަށެވެ. އަދި އެ ހަޑިމުޑުދާރު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ، ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ޝިޔާމް އެސަރަހައްދުގައިވެސް ނެތް ވަގުތަކަށްވާއިރު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއެއް ކަމަށެވެ.

މީގެ އިތުރުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ނިންމާލުމަށްޓަކައި އިހުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް އިދިކޮޅުން ބުނެއެވެ.

އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި އަމަލެއްގެ ގޮތުގައި ތުހުމަތު ކުރަމެވެ. އެހެން ނޫންކަމަށްވާނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ އަމަލެކެވެ. ނުވަތަ އެ 2 މުއައްސަސާ އެންމެ މަތިން ފެށިގެން ފެއިލް ވެފައިވާ ކަމުގެ އަލާމާތެކެވެ.
އިދިކޮޅު

އިދިކޮޅުން ވަނީ، މި މައްސަލަ މިނިވަން މުސްތަގިއްލު ފަރާތަކުން މިހާރުން މިހާރަށް ލަސްނުކޮށް ތަހުގީގުކޮށް އެ 2 މުއައްސަސާ އިސްލާހު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް މުތަލަގަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ހައްގެއްގެ ބޭނުން ކުރުން އެއީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އެއްވެސް ފަރާތަކަށް ދީފައިވާ ހައްގެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ.

އެހެންކަމުން ރޭގެ އިހުތިޖާޖުގެ ތެރެއިން ޖިނާއީ ކުށެއް ކުރި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ޝިޔާމް އަދި އެއްވުމުން ހައްޔަރުކުރި 21 ބައިވެރިން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެއްވުންތަކުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް ކުރަމުން ދާ އަނިޔާތައް ހުއްޓައިލައި، ފުލުހުންވެސް ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރުމަށާއި މިފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ މުއައްސާތަކުން އެމުއައްސަސާތަކާއި ހަވާލުކުރެވިފައިވާ ގާނުނީ ޒިންމާ އަދާކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ.