ދިވެހިންގެ ތެރޭގައި ރޯދަމަހަށް ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން މާހެފުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު ގޭގައި ކުލަލުމާއި ދޮންވެލި ލުމާއި، ފަރުނީޗަރު ބަދަލުކޮށް، ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުތައް އާކޮށްލައި ގެދޮރު ޒީނަތްތެރި ކޮށްލައެވެ. ރޯދައަށް ބޭނުންވާނެ ސަމާނުތައް ގަނޑުކޮށް ގަނެ އެ މަހަށް ތައްޔާރުވެ ނިމުމާ އެކު އާއިލާ އަދި ރައްޓެހިނަންނާއެކު މާހެފުމެއް ބާއްވާލުމަކީ ދިވެހިންގެ ސަގާފަތެކެވެ.

އެގޮތުން ލ. މާވަށުގައި އިއްޔެ ހަވީރު ވަނީ ވަރަށް ކުލަަގަދަކޮށް ރަށުގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް "ރައްޔިތުންގެ މާހަފުން 1444" ނަމުގައި ބޮޑު މާހެފުމެއް ބާއްވާފައެވެ. މި މާހެފުން ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށުގައި ހަދާފައިވާ އާޓިފިޝަލް ބީޗް "ހޭޅި ފަންނު" ސަރަހއްދުގައި ހަވީރު 5:00 އިން އިރުއޮއްސުމާ ހަމައައެވެ.

މި މާހެފުމަކީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން ބޭއްވި މާހެފުކެވެ. މާހެފުމުައި ތަފާތު ގިނަ ބާވަތްތަކުގެ ކާނާ ތައްޔާރުކޮށްފައި ހުރި އިރު، ގިނައިން ދިވެހިވަންތަ ބާވަތްތައް ހިމާނާފައިވާކަން ފާހަގަ ކޮށްލެވެއެެވެ.

ލ. މާވަށުގައި ރައްޔިތުންނަށް ބޭއްވި މާހެފުމުގެ ތެރެއިން

އެ ރަށުގެ ކައުންސިލް ރައީސް އަހްމަދު މޫސާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުބީ. ބަރަކާތްތެރި ރަމްޟާން މަހާ ދިމާކޮށް މިފަދަ ކަމެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުން ކަަމަށެވެ. މާތް މައްސަރާ ކުރިމަތި ލާން ގާތްވެފައިވާ އިރު، ދިވެހީންގެ ތެރޭގައި ހިންގާ ސަގާފީ ކަމެއްގެ ގޮތުގައި މާހެފުމެއް ބޭއްވުމަކީ ކުދި ބޮޑު އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ލ. މާވަށުގައި ރައްޔިތުންނަށް ބޭއްވި މާހެފުމުގެ ތެރެއިން

2300 މީހުންގެ އާބާދީއެއް އޮތް މާވަށުގައި މިހާރު އެރަށުގައި ދިރިއުޅެމުން އަންނަ ބިދޭސީން ނުލައި ވެސް 1600 އެއްހާ މީހުން އުޅެއެވެ. އިއްޔެ ހަވީރު އެ ރަށުގެ ރައްޔިތުންނަށް ބޭއްވި މާހެފުމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައި ކަމަށް ކައުންސިލުން ބުނެއެވެ.

މާވަށުގައި މާހެފުން ބޭއްވި "ހޭޅި ފަންނު" ސަރަހައްދަކީ އާޓިފިޝަލް ބީޗެއް ގޮތަށް ތަރައްގީ ކޮށްފައިވާ ތަނެކެވެ. އެތަން ތަރައްގީ ކޮށްފައި ވަނީ ޔޫއެންޑީޕީގެ އެހީއާއެކު އެ ރަށު އަންހެނުންގެ ކޮމެޓީން އިސް ނަގައިގެންނެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ތަން ތަަރައްގީ ކޮށްފައި ވަނީ އެ ރަށުގައި މޫދަށް އެރޭނެ ރީތި ސަރަހައްދެއް ނެތުމުން ކަަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އެތަނުގައި ދޮންވެލި އަޅައި ކުޑަ ހަޓެއް ޖެހީ އެ ރަށު ޒުވާނެއް ކަމަށާއި އަދި އެތަން ހެދި ފަހުން ރައްޔިތުން އެތަން ބޭނުން ކުރާ ތަން ފެނުމުން އެ ސަރަހައްދު ތަރައްގީ ކުރުމަށް ޔޫއެންޑީޕީން ހިންގާ ޕްރޮޖެކްޓަށް ރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ޕްރޮޕޯސަލެއް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްރޮޕޯސަލް ކާމިޔާބު ވުމުން ލިބުނު 180،000 ރުފިޔާގެ އެހީގެ ދަށުން ކައުންސިލުން ވެސް ހޭދަކޮށްގެން "ހޭޅި ފަންނު" ތަރައްގީ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ލ. މާވަށުގައި ތަރައްގީ ކުރި ހޭޅި ފަންނު ސަރަހައްދު މާހެފުމަށް ތައްޔާރުކޮށްފައި

ޒަމާނުއްސުރެ ފެށިގެން ކުލަގަދަކޮށް ފާހަގަ ކުރާ މާހެފުމުގެ ސީޒަން ނިމުމަކަށް އަންނަން ގާތްވެފައިވާ އިރު ގިނަ ބަޔަކު ވަނީ މާހެފުންތައް ބާއްވާ ނިންމާލާފައެވެ.

އާއިލާތެރޭގައާއި ސްކޫލްތަކުގައި ވެސް މާހެފުން ބާއްވައެވެ. އޮފީސްތަކުގައި އަދި އަވަށްޓެރިންގެ މެދުގައި މާހެފުން ބާއްވައެވެ. މާހެފުމުގެ ގޮތުން ބޮޑެތި ކެއުން ކައްކައިގެން ކުރިއަށް ގެންދާއިރު އަނެއް ބަޔަކު މާހެފުމަކަށް މަސް ދަތުރެއް ރާވާލައެވެ. އަދި ބާބަކިއު ހެދުމާއި ދަތުރު ދިއުން ފަދަ މަޖަލުގައި ވެސް މާހެފުން ކުރިއަށް ގެންދާ ފަރާތްތައް ވެސް މަދެއް ނޫނެވެ.