މ. ވޭވަށު ކައުންސިލް އިންތިހާބުގެ ވޯޓު ފޮއްޓެއް އަލުން ގުނި ނަމަވެސް، ކުރިން އިއުލާންކުރި ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށް 1ގެ K2.1 ފޮށި އަލުން ގުނާފައިވަނީ، އީސީގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. އެއީ އެ ފޮށީގެ ބާތިލު ވޯޓުތަކާ ގުޅިގެން ނަތީޖާގެ ސައްހަކަމާމެދު އުފެދުނު ސުވާލުތަކަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ވާދަކުރެއްވީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މުހައްމަދު ނަޒީހާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އަހުޝަން ނައީމެވެ.

މީގެ ކުރިން އާންމުކުރި ވަގުތީ ނަތީޖާގައި އަހުޝަން ނައީމަށް 122 ވޯޓު ލިބިފައިވާއިރު، މުހައްމަދު ނަޒީހަށް ލިބިފައިވަނީ 120 ވޯޓެވެ. ނަމަވެސް އަލުން ގުނުމަށްފަހު ބާތިލު ވޯޓުތަކަށް އައި ބަދަލާއެކު، ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ޖުމްލަ ވޯޓުގެ އަދަދުން އެއް ވޯޓު ވަނީ މަދުވެފައެވެ. އެހެންނަމަވެސް، ވޯޓުގެ އަދަދަށް ބަދަލު އައި ނަމަވެސް އިންތިހާބު ކާމިޔާބު ކުރި ފަރާތަކަށް ބަދަލެއް ނާދެއެވެ. އެގޮތުން އަލުން ގުނުމުން މި ފޮށިން ޕީއެންސީގެ ކެންޑިޑޭޓަށް 83 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 76 ވޯޓެވެ.

އީސީން މައުލޫމާތު ދިން ގޮތުގައި މި ފޮށީގެ ވޯޓުތައް ބާތިލުވެފައިވަނީ ވޯޓުލާންޖެހޭ ރަނގަޅު ފާހަގައިގެ ބަދަލުގައި އެކި ކުރެހުންތައް ކުރަހާފައި ހުރުމާއި، މެންބަރުން ހޮވުމަށް ޖަހަންޖެހޭ ފާހަގަ ނުޖަހައި ހުރުމުގެ ސަބަބުންނެވެ.

ވޭވަށު ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 256 މީހުން ތިބި ނަމަވެސް، ވޯޓުލާފައިވަނީ 247 މީހުންނެވެ. އަދި މިހާތަނަށް 7 ވޯޓެއް ބާތިލުވެފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.