މ. ވޭވަށު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓު ކަރުދާސްތަކެއް ބާތިލްކުރަން ހައި ކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ. މި ނިންމުމާއެކު އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަމް ނައީމަށް ވަނީ އެ ގޮނޑި ކަށަވަރުވެފައެވެ.
މި މައްސަލަ އުފެދުނީ ވޭވަށު ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސްތަކެއްގައި ދެލިތިކިތަކެއް ހުރި ކަމަށް ބުނެ، ދެލިތިކި ހުރި ތިން ވޯޓު ކަރުދާހެއްގެ ސައްހަކަމާމެދު ސުވާލު އުފައްދައި، އެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭރު ނިންމާފައިވަނީ އެއީ ޗާޕްކުރުމުގައި ދިމާވި ކަމަކަށް ވާތީ އެ ވޯޓުތައް ސައްހަވާނެ ކަމަށެވެ. އެ ވޯޓުތައް ގުނައިގެން އަހުޝަމް އިންތިހާބު ކާމިޔާބު ކުރީ ދެ ވޯޓުގެ ތަފާތުންނެވެ.
ނަމަވެސް، ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރިން ނިންމީ އެ ތިން ވޯޓު ކަރުދާހަކީ ބާތިލް ވޯޓުތަކެއް ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ އެ ތިކިތަކުގެ ސަބަބުން ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭނެ ކަމަށާއި، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ކަމެއް ކަމަށެވެ. އެ ނިންމުމާއެކު އިންތިހާބުގެ ނަތީޖާ ބަދަލުވެ، ނަޒީހު އިންތިހާބުވީ ކަމަށް ކަނޑައެޅުނެވެ. އެހެންކަމުން އެ ހުކުމް އަހުޝަމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ވޯޓު ކަރުދާސް ޗާޕްކުރާއިރު ހުންނަ ދެލި ނުވަތަ ކުނޑިތަކަކީ އެއްކޮށް ނައްތާލުން މުސްތަހީލް ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި ވޯޓު ކަރުދާސް ޕްރިންޓްކުރާ ފަރާތުން ބުނާ ކަމަށެވެ. އަދި އެފަދަ ކޮންމެ ކަރުދާހެއް ބާތިލްކުރަން ފަށައިފިނަމަ، އެއީ ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގައި ވޯޓު ކަރުދާސްތައް ބާތިލްކުރުމަށް ހުޅުވޭ ދޮރަކަށް ވެދާނެ ކަމަށް ކޯޓުން ފާހަގަކުރިއެވެ. މިއީ މުޅި އިންތިހާބީ ނިޒާމަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވެސް ހުކުމުގައިވެއެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ރިޔާސަތު ބެލެހެއްޓެވި ބެންޗުން ނިންމެވީ ހައި ކޯޓުގެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށެވެ. މި މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަތީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، އިންތިހާބުގެ އަސްލު ނަތީޖާ ދެމިއޮންނާނެއެވެ.
