މ. ވޭވަށުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައި ދެއްވާނެ ކަމަށާއި ރަށުގެ ރައްޔިތުން ހުށަހެޅި ޝަކުވާތަކަށް އަވަސް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވޭވަށަށް ވަޑައިގެން ވަނީ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ވަނީ ގިނަ ކަންތައްތަކެއް ރައީސަށް ހުށަހަޅާފައެވެ.

ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހް ވަހީދު ވިދާޅުވީ، ރަށަކީ ފުދުންތެރި ރަށަކަށް ހެދުމަށް، ކައުންސިލަށް އާމްދަނީ އިތުރު ކުރުމަށް އަތޮޅުގެ ބައެއް އެހެން ރަށްތައް އެކުވެގެން އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ދުބާއީގެ ކުންފުންޏަކާއެކު މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. އެ ރަށުން ދެ ހެކްޓަރު ބިމެއް ދޫކޮށް 320 ކޮޓަރީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިރު، 85 ކޮޓަރި ފަތުރުވެރި ކަމަށް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް ފެށީ ކަމާ ގުޅޭ އިދާރާތަކުގެ ލަފައާއެކު ނަމަވެސް، މިހާރު އެކަން އޮތީ ސަރުކާރުގެ ތެރެއިން މަޑުޖެހުމަކަށް އައިސްފައި ކަމަށް މަމްދޫހު ވިދާޅުވިއެވެ. ހެންކަމުން އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އެދިވަޑައިގަތެވެ. މި މަޝްރޫއު ކުރިއަށް ގެންގެވިއްޖެ ނަމަ ކުރިއަށް އޮތް 3 އަހަރު ތެރޭ މުޅި އަތޮޅަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ. ފްލައިޓް ދަތުރުތައް އިތުރު ކުރެވޭނެ ކަމަށާއި ދަތުރުދާނެ 4 ހެކްޓަރުގެ ރަށެއް ތަރައްގީ ކުރުން ވެސް މަޝްރޫއުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ފުޓްސަލް ދަނޑެއް ނެތް ކަމަށާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް ހުއްޓިފަ އޮތް ކަމަކީ އެ ރަށޫގެ ރައްޔިތުންގެ ޝަކުވާއެކެވެ. މިއާއެކު ކުޅިވަރު ވަސީލަތްތައް ތަރައްގީ ކޮށްދިނުމަށް ރަށުގެ ރައްޔިތުން ވަނީ ހުށަހަޅާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ ރަށުގައި ފުޓްސެލް ދަނޑެއްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުޓުބޯޅަ ދަނޑު ތަރައްގީކޮށް ވީހާވެސް އަވަހަށް ނިންމައި ދޭނެ ކަމަށް ވެސް ރައިސް ވިދާޅުވިއެވެ. ހަމައެއާއެކު ވޮލީ ކޯޓެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވޭވަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ދެ މަހެއްހާ ދުވަހުން ނިންމާ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މގެ އިތުރުން ޓޫރިޒަމް މަޝްރޫއުގެ ކަންކަން ބަލާ، ކަމާ ގުޅުންހުރި ވުޒާރާއާއެކު މަޝްވަރާކޮށް އެކަން ހިނގާފައިވާ ގޮތް ބަލައި ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރަށުގެ ސްކޫލްގެ މަސައްކަތް މި އަހަރު ފެނަކައާ ހަވާލުކޮށް އަންނަ ދިރާސީ އަހަރަށް ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.