18 ފަތުރުވެރިން ތިބި "މައިނާ 1" ނަމަކަށް ކިޔާ ސަފާރިއެއް މ. ވޭވަށު ހުޅަނގު ފަރާތު ފަރަށް އަރައިފިއެވެ.

ފުލުހުން ބުނީ، އެ ސަފާރީ ފަރަށް އަރައިގެން އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 12:19 ގައި ކަމަށެވެ. އެ ސަފާރީ ފަރަށް އެރި އިރު، އޭގައި 18 ފަތުރުވެރިން ތިބި އިރު އޭގައި 10 ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުނެއެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރޭ އެ ސަފާރީ ފަރަށް އެރުމާއެކު އެ ސަރަހައްދަށް ވޭވަށު ކައުންސިލުން ގޮސް ވަނީ އޭގައި ތިބި މީހުން ވޭވަށަށް ގެނެސްފައެވެ. އެ ރަށުން ދެ ޑިންގީއަކާއި ލޯންޗެއް އެ ސަރަހއްދަށް އޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ދިޔަ އިރު އޭގައި ތިބި މީހުން އޭރު ތިބީ މޫދުގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭރު ފަރަށް އަރާފައިވާ އެ އުޅަނދުގެ ބޮޑުބައެއް އޮތީ އަޑިއަށް ގޮސް އެއް އަރަިއަކަށް އަރިވެފައެވެ.

އެ ސަފާރި އަދިވެސް ފުން ނުކުރެވޭ ކަމަށާއި މިހާރު އެ ސަރަހއްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް އިން ވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމަށް މައުލޫމާތު ލިބެއެވެ.