ރާއްޖެއާ އަޅާ ބަލާއިރު މިހާރަކަށް އައިސް ފޮޓޯ ނަގާ މީހުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ކިތަންމެ ކުޑަ ހަފްލާއަކަށް ވިޔަސް އަދި ކިތަންމެ ކުޑަ ކާމިޔާބީ އެއް ލިބުނު ނަމަވެސް ފޮޓޯގްރާފަރެއްގެ ބައިވެރިވުން ނެތި އެކަމެއް ނިންމާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ހަމައެއާއެކު މިދާއިރާގައި، ބޭރުގައުމުތަކުގެ ފަންނު ވެރިންނާ އެއްފެންވަރެއްގެ އަދި އެހާމެ ގާބިލް މީހުން ރާއްޖޭގައި ތިބި ކަމީ އުފާ ކުރަންޖެހޭ ކަމެކެވެ. ގިނަ ބަޔަކު މިދާއިރާ އަށް ނިކުތުމުން ހީކުރެވޭ ކުށްހީ އަކީ ފޮޓޯ ނެގުމަކީ ވަރަށް އާދައިގެ ފަސޭހަ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހަގީގަތަށް ބުނާނަމަ އެއީ ވަރަށް ވެސް އުނދަގޫ އަދި އެހާމެ ގިނަ ވަގުތާއި ހުނަރު ބޭނުންވާ ކަމެކެވެ.

އެގޮތުން، ނ. ވެލިދޫ އަށް އުފަން އަހްމަދު ހާލިދް (އާނު) އަކީ ވެސް އެފަދަ ފޮޓޯގްރާފަރެކެވެ. ފޮޓޯ ނެގުމުގެ ޝައުގުން ޅަ އުމުރުގައި ފެށުނު މި މަސައްކަތުގައި އާނު އަކީ މިހާރު މިދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ކޮށްފައިވާ ހުނަރުވެރި އަދި ކުޅަދާނަ ފޮޓޯގްރާފަރެކެވެ.

ދާއިރާއަށް ވަދެވުނު ގޮތް

އުމުރުން 35 އަހަރުގެ އާނު މި ދާއިރާއަށް ވަދެވުނު ގޮތް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން ބުނީ މަދަރުސީ ދައުރުން ފެށިގެންވެސް މިކަމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އެގޮތުން ސްކޫލް ނިންމުމަށް ފަހު 2005 ވަނަ އަހަރު، "ނިކޮން" ބްރޭންޑްގެ އެންމެ އާދައިގެ ކެމެރާއެއް ގަނެ ފޮޓޯ ނަގަން ފެށި ކަމަށާއި ފޮޓޯ އަކީ ކިތަންމެ ނަގާހިތްވާ އެއްޗެއް ނަމަވެސް އެޑިޓިންގް ގެ އެއްވެސް މިންވަރެއް އޭރު ނޭނގޭ ކަމަށެވެ. ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއް ކަމުން އޭރު އެޑިޓް ކުރަން މަސައްކަތް ފެށީ ސޭމްސަންގް ފޯނެއްގެ އެހީގައެވެ. ނަމަވެސް އެއާ ހިލާފަށް މިއަދު މިހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތާއި ހިތްވަރުން ކަމަށް އާނު ފާހަގަ ކުރިއެވެ.

އަހްމަދު ހާލިދު (އާނު) ނަގާފައިވާ ފޮޓޯ

ކޮންސްޓްރަކްޝަން ދާއިރާގައި އެދުވަސްވަރު މަސައްކަތް ކުރަމުންވެސް ފޮޓޯ ނެގުމުގެ އިތުރުން އެޑިޓިންގް ގެ ހުރިހާ ކަމެއް ދަސްކުރީ އަމިއްލައަށް ޔޫޓިއުބްގެ އެހީގައެވެ. ލިބޭ ހުސްވަގުތެއް ވިއްޔާ ނިކުންނަނީ އެއްކަލަ ކުޑަ ކެމެރާ ހިފައިގެން ރީތި ފޮޓޯ ތަކެއް ނެގުމުގެ ފޮނި އުންމީދުގައެވެ. ގިނަ ދުވަސްތަކަކާއި އަދި އަމިއްލަ ބުރަ މަސައްކަތުން ފެށުނު ހުވަފެނުގައި ކުލަ ޖެހި، ފުލްޓައިމް ފޮޓޯގްރާފަރެއްގެ ގޮތުގައި މިދާއިރާއަށް ވަދެވުނީ 2018 ވަނަ އަހަރުއެވެ.

ކަޕްލްސްގެ ފޮޓޯ ނެގުމަށް ޝައުގުވެރިކަން ބޮޑު ނަމަވެސް ކުޑަކުދިންގެ އިތުރުން އާއިލާ އަދި ވެޑިންގް ފޮޓޯ ޝޫޓްސްތައް ވެސް އާނު ނަގާދެއެވެ. ރާއްޖޭގައި ވެސް ކުރިއަރަމުން އަންނަ ދާއިރާއެއްގެ ގޮތުގައި ފާހަގަ ކުރަމުން އާނު ބުނީ، މިއީ އާމްދަނީ ހޯދުމަށް ވެސް ކުރުން ރަނގަޅު މަސައްކަތެއް ކަމަށެވެ. ވެލިދޫގެ އިތުރުން އަތޮޅުގެ ރަށްރަށާއި ކައިރި ރިސޯޓުތަކަށްވެސް ފޮޓޯ ނަގާދޭން އާނު ދަތުރުކުރެއެވެ.

އަހްމަދު ހާލިދު (އާނު) ނަގާފައިވާ ފޮޓޯ

އާނު އަކީ ފޮޓޯ ނެގުމުގެ އިތުރުން ގްރެފިކް ޑިޒައިން ވެސް ދަންނަ ހުނަރުވެރިއެކެވެ. ގްރެފިކް ޑިޒައިނިންވެސް ދަސްކުރީ އަމިއްލަ މަސައްކަތުން ޔޫޓިއުބްގެ އެހީގައެވެ. މިހާރުވެސް އެ ރޮނގުން ކުރިއަށް ދިއުމަށް އިތުރު މަސައްކަތް ކުރަމުންދާ ކަމަށާއި ރިކުއެސްޓްތައް ލިބޭ ވަރުން ގްރެފިކް ޑިޒައިނިންގެ ވެސް އޯޑަރު ނަގަމުންދާ ކަމަށް އާނު ބުންޏެވެ. އެގޮތުން ގްރެފިކް ޑިޒައިނިންގެ އެންމެ ފާހަގަ ކޮށްލެވޭ ދުވަހަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލޯގޯ ފަރުމާކޮށް އެއްވަނަ ލިބިނު ދުވަސް ކަމަށާއި އެއީ އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރިއެވެ. އަދި އެ ލޯގޯ ފެންނަ ކޮންމެ ފަހަރަކު ފަހުރު ވެރިވާ ކަމަށް އާނު ބުންޏެވެ.

އާނު ފަރުމާކޮށް އެއްވަނަ ލިބުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލޯގޯ

ކޮވިޑްގެ ޕެންޑެމިކްއާ ގުޅިގެން ތަފާތު ގޮންޖެހުންތައް ކުރިމަތިވި

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ސިއްހީ ބަލި މަޑުކަން ކަމަށްވާ ކޮވިޑް-19ގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވެގެން ދިޔަ ކަމަށާއި އެއީ ދިމާވި އުނދަގޫ ދުވަސްތަކެއް ކަމަށް އާނު ކިޔާދިނެވެ. ނޫނު ފޮޓޯ ގެ މެނޭޖަރު ކަމުގެ އިތުރުން ފޮޓޯގްރާފަރަކަށް ވެސް މަސައްކަތް ކުރަމުން އަންނަ އާނު ބުނީ، އާމްދަނީ ލިބޭ މައިގަނޑު މަސައްކަތަކަށް ކުރަމުން ދިޔައީ ފޮޓޯ ނެގުން ކަމަށާއި އެކަން އެއްކޮށް ހުއްޓުން ވެގެން ދިޔައީ ދިރިއުޅުމުގައި ވެސް ކުރި މަތިލާން ޖެހުން ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

އާނު ކޮށްފައިވާ ގްރެފިކް ޑިޒައިންގެ މަސައްކަތެއް

ދެ ފަހަރެއްގެ މަތިން ކަރަންޓީން ވާންޖެހުނުކަމަށާއި އެ ދުވަސްތަކުގައި އާމްދަނީ ހޯދުމަށް ހަމައެކަނި ކުރީ ގްރެފިކް ޑިޒައިނިންގެ މަސައްކަތެވެ. މި ރޮނގުން މަސައްކަތް ކުރާއިިރު އެންމެ ދެރަވާ ކަމަކީ، ކުރާ މަސައްކަތް މީހުން ބަލައި ނުގަންނާތީއެވެ. "ކޮންމެ މީހަކަށްވެސް ހީވަނީ މީ ވަރަށް އާދައިގެ ފަސޭހަ ކަމެއް ކަމަށް އެކަމު މިއީ ވެސް ބުރަ މަސައްކަތެއް" އާނު ބުންޏެވެ.

އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ ސްޓޫޑިއޯއެއް ހުޅުވޭ ދުވަސް

އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމުގެ ފޮނި ހުވަފެން ދެކެމުން އަންނަ އާނު، މިދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް ދިން ނަސޭހަތަކީ، މިކަމަށް ކުޑަވެސް ޝައުގެއް ހުރި ނަމަ މީހުން ކިޔާފާނެ އެއްޗަކަށް ބެލުމެއްނެތި ކެރިގެން ނުކުތުމަށެވެ. މިދާއިރާއިން އިތުރަށް ދަސްކުރަން ބޭނުންވަނީ ވީޑިއޯގްރަފީގެ މަސައްކަތް ކަމަށާއި އެފަދަ ފުރުސަތެއް ލިބިއްޖެނަމަ ދަސްކުރަން ތައްޔާރުކަމަށް އާނު ބުންޏެވެ.

މިދާއިރާއަށް ވަދެވުނީ އެކުގައި އުޅުނު ގާތް ރައްޓެހިންގެ ހިތްވަރާއި އެހީ ތެރިކަމުން ކަމަށާއި އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު އާއި އެންމެ ގާތް ރަހުމަތްތެރިޔާ އަބްދުﷲ ގާސިމްގެ އިތުރުން ޝަހުދާން އަށް އާނު ޝުކުރު އަދާކުރިއެވެ. އަދި ނަން ހިމަނާ ނުލެވުނަސް އެހީތެރިވި ހުރިހާ އެންމެނަށް ޝުކުރުއަދާ ކުރާ ކަމަށާއި އެންމެންގެ އެހީތެރިކަން ނުލިބި ކުރިއަށް ނުދެވޭނެ ކަމަށް އާނު ފާހަގަ ކުރިއެވެ.